ދުނިޔެ

ކެރެލާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް

Aug 18, 2018

ކެރެލާ (އޯގަސްޓް 17) - އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގައި 33 މިލިއަން މީހުން ދިރިއުޅޭއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހެމުން ދާތީ، އެ ސްޓޭޓުގެ ގިނަ ސަރަހައްދުތަކުގައި ވަނީ އެލާޓު ނެރެފަ އެވެ.

މިހާތަނަށް 200،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ކޭމްޕުތަކުން ހިމާޔަތް ހޯދާފައިވާކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދަށްވެފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިހާރު އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

ހެލިކޮޕްޓަރުތަކާއި ބޯޓުތައް ބޭނުންކޮށްގެން ތާށިވެފައިތިބި މީހުން ސަލާމަތްތަކުރުމުގެ މަސައްކަތް އިންޑިއާ ސިފައިން އިސްވެ ކުރަމުން އަންނައިރު، ކެރެލާގެ މައި އެއާޕޯޓުވެސް އޯގަސްޓް 26 އަށް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ ވެސް ކެރަލާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ އެވެ.