ލައިފްސްޓައިލް

ނިދާ ބޮކި މުހިންމު ވަނީ މިހެންވެ

ނިދާ ބޮކި މުހިންމުތޯ ސުވާލު އުފެދެނީ އިންސާނާ ނިދުމަށް އެންމެ ބޮޑަށް އެހީވެދޭ ހޯމޯން ކަމުގައިވާ "މެލަޓޮނިން" ހަށިގަނޑުގައި އުފައްދާ މިންވަރަށް އަސަރުކުރާ ހިސާބުންނެވެ. މާ އަލިގަދަ ތަނެއްގައި ނިދަން އުޅޭނަމަ ހަށިގަނޑުގައި މި ހޯމޯން އުފައްދާ މިންވަރު ދަށްވެގެންދެ އެވެ.

ލޯ މަރައިގެން އޮތް ނަމަވެސް ވަށައިގެންވާ މާހައުލުގައި އަލި ހުރިކަން ސިކުނޑިން ދެނެގަނެ އެވެ. އެއާކު މެލަޓޮނިން އުފައްދާ މިންވަރު ދަށްވެ އެވެ. މެލަޓޮނިން އުފެދޭ މިންވަރު އިތުރު ވަނީ އަލި ދަށްވި ވަރަކަށެވެ. މެލަޓޮނިން އުފައްދާ މިންވަރު ދަށްވުމާއެކު ހަމައެކަނި އަސަރުކުރަނީ ނިންޖަކަށް އެކަންޏެއް ނޫނެވެ.

ރޭގަނޑު ގަދަ އައްޔަ މީހާގެ ލޯ ހާމަވާނަމަ ހޯމޯނަށް ދިމާވާ ތަފާތު މައްސަލަތަކުގެ ސަބަބުން ޑިޕްރެޝަންއަށް ދިއުމާއި އަދި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ހަދާފައިވާ ދިރާސާތަކުން ހާމަވެ އެވެ. މިހެންވުމާއެކު ނިދާ ވަގުތު ވީހާވެސް ކޮޓަރި އަނދިރިކޮށް ބޭއްވުމަށް އިރުޝާދު ދީފައިވެ އެވެ.

ނިދާ ބޮތްކެއް ހަރުކުރާނަމަ އޭގެ ކުލައަށް ސަމާލުވާންޖެހޭ

ނިދާ ބޮތްކެއް ކޮޓަރީގައި ހަރުކުރާއިރު، އޭގެ ކުލަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އެއީ ތަފާތު ކުލައިގެ ބޮކިތަކުން ކުރާނެ އަސަރު ތަފާތު ވާނެތީ އެވެ. ސްލީޕް ފައުންޑޭޝަނުން ބުނާގޮތުގައި އެންމެ ނޭދެވޭ އަސަރުކުރަނީ ނޫ އަދި ހުދު ކުލައިގެ ބޮކިންނެވެ. އެއީ އެ ދެކުލައިގެ ބޮތްކަކީ އަލިގަދަވެފައި ލޮލަށް މާބޮޑަށް ބާރުކުރާނެ ކުލަތަކަކަށް ވާތީ އެވެ.

ބޮތްކެތް ގަންނައިރު، ވީހާވެސް އަނދިރި ކުލައެއް އިހުތިޔާރު ކުރާށެވެ. އެ ފައުންޑޭޝަނުން އިރުޝާދުދޭ ގޮތުގައި ނިދާ ބޮކި ހަރުކުރަން އެންމެ ރަނގަޅީ ފާހާނާގަ އެވެ. އޭރުން ކޮޓަރީގައި ނިދަން އޮންނައިރު ލޮލަށް ބޮކީގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.