ގޭގައި ޖަރާސީމު ހުންނަ ތަންތަނޭ ބުނެފިނަމަ އެންމެ ފުރަތަމަ ކޮންމެ މީހެއްގެ ބޮލަށްވެސް އަންނާނީ ބަދިގެއާއި ތަޅުން މައްޗާއި ފާހާނާ އެވެ. އެކަމަކު އިނގޭ ހެއްޔެވެ؟ ތި ހީކުރެވުނީ ރަނގަޅަކަށް ނޫނެވެ. ގޭގައި އެންމެ ގިނަ ޖަރާސީމު އެއްކުރާ އެއްޗަކީ ޓީވީ ރިމޯޓެވެ.
ކޮންމެ ދުވަހަކު ޗެނަލް ބަދަލުކުރަން އެތަށް މީހަކު މިޔެއްގައި އެބަ އަތް ހާކަ އެވެ. އަބަދުހެންމެ އޮންނަނީ ބިންމައްޗަށްވެސް ވެއްޓި ވެއްޓި އެވެ. ސިޓިން ރޫމްގައި ހުންނަ ސޯފާ ގޮނޑިތަކުގައި ކޮންމެ ދުވަހަކު ފުރޮޅެ އެވެ. ޓީވީ ރެކު މަތީގައި ބައިންދައިފިއްޔާ އެތާ މަތީ އޮތިއްޔާ އޮތްހާ ހަޑިޔެއް އޮންނާނީ ރިމޯޓްގައި ހޭކިފަ އެވެ. އަދި ޓީވީ ބަލަމުން ކާން އިންނަނަމަ ބައެއް ފަހަރު ކާ އަތުން ޗެނަލް ބަދަލުވެސްކުރާތަންވެސް އާދެ އެވެ. ކިނބިއްސެއް އަޅާފައި ނުވަތަ އަތް އަަޅައިގެން ކެއްސާފައިވެސް އަތް ނުދޮވެ މީގައި އަތް ކާއްތަ އެވެ. މި ނޫންވެސް ތަފާތު ގޮތްގޮޮތުން މީގައި އެތަށް ހަޑިއެއް ކޮންމެ ދުވަހަކު ހޭކި މި އޮންނަނީ ޖާރާސީމުގެ ޖަގަހައަކަށްވެފަ އެވެ.
ޖަރާސީމުގެ ޖަގަހައަކަށް ޓީވީ ރިމޯޓުވާ އެންމެ ބޮޑު ސަބަބަކީ ރިމޯޓު ސާފުކުރުމަކީ އެހާ އިސްކަންދޭންޖެހޭ އަދި މުހިންމު ކަމެއްގެ ގޮތުގައި އެއްވެސް މީހަކަށް ނުފެންނާތީ އެވެ. އަމިއްލައަށް ވިސްނާލަ ބައްލަވާށެވެ. އެންމެފަހުން ޓީވީ ރިމޯޓެއް ސާފުކޮށްލީ ކޮން ދުވަހަކު ހެއްޔެވެ؟ ގިނަ ވާނީ ދުވަހަކުވެސް ސާފުނުކުރާކަމަށް ބުނާ މީހުންނެވެ. އަދި ދުވަހަކުވެސް ސާފުކުރި މީހެއް ގާތުގައި އަހާލަބަލާށެވެ. ރިމޯޓް ސާފުކުރުމަކީ ވަރަށް އުނދަގޫ ކަމެކޭ އެމީހުން ބުނާނެ އެވެ. އެއީ މީގައި ކުދި ކުދި ބައިވަރު ފިއްތަކެއް ހުރުމާއެކު އެހާ ފަސޭހައިން ސާފުނުކުރެވޭނެތީ އެވެ. މިއީ ފޮތި ގަނޑެއް ކާއްތާލުމަކުން ސާފުވާނެ އެއްޗެއް ނޫނެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނީއާއިން ހެދި ދިރާސާއަކުން ހާމަވިގޮތުން ރިމޯޓަށް އެންމެ ފަހަރަކު ފިތާލައިގެންވެސް މީހަކަށް އަރިދަފުސް ރޯގާ ޖެހިދާނެ އެވެ. އެެއީ އަދި ހަމައެކަނި ގޭގައި އޮންނަ ރިމޯޓުގައި އަތްލާނަމަ އެވެ. އެކަމަކު ތަންތަނަށް ދަތުރުކުރާ މީހުންނަށް އަދި މާ ނުރައްކާ ބޮޑެވެ. ދަތުރު މަތީގައި މަޑުކޮށްލާ ހޮޓަލެއް ނުވަތަ ގެއެއްގައި އޮންނަ ރިމޯޓަކީވެސް އެތަށް ބަޔަކު އަތް ކާއްތާފައި އޮންނާނެ އެއްޗެކެވެ. އަދި ހޮޓަލެއްނަމަ ގޮތް ނޭނގޭ އެތަށް ބަޔަކު އޭގައި އަތް ކާއްތާފައި އޮންނާނެ އެވެ. އެ ޔުނިވާސިޓީން ހެދި ދިރާސާއިންވެސް ހާމަވި ގޮތުގައި އެންމެ ޖަރާސީމު ގިނައީ ހޮޓެލްތަކުގައި ހުންނަ ރިމޯޓުތަކުގަ އެވެ.
މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ އާދަކޮށް ރިމޯޓު ސާފުކުރުމަށް އިސްކަންދިނުމެވެ. ރިމޯޓު ސާފުކުރުމަށް ހާއްސަ ސެނިޓައިޒާސްތައްވެސް ހުންނާނެ އެވެ. އެހެން ވީމާ ގޭތެރެ ސާފު ކުރާއިރު ކޮންމެހެން ވެސް ރިމޯޓް ސާފު ކުރަން ދެން ހަނދާން ބަހައްޓާށެވެ. މިއީ ފަރުވާ ކުޑަކޮށްލެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ.