ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯއަށް ހާއްސަ ދުވަހެއް، ޔުވެންޓަސްގައި ފުރަތަމަ މެޗު

ނުވަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭ އެ ޓީމާއެކު ފުރަތަމަ މެޗު ކުޅޭނެ ކަމަށް ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

އިޓާލިއަން ލީގް ހުޅުވުމަށް ޗިއޭވޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ރޮނާލްޑޯ ޔުވެންޓަސްގައި ކުޅޭ ފުރަތަމަ ރަސްމީ މެޗެވެ. އެލެގްރީ ބުނީ ރޮނާލްޑޯ ކުޅުނު ނަމަވެސް އެއީ ކާމިޔާބު ޔަގީން ވާނެ ސަބަބެއް ނޫން ކަމަށެވެ. އޭނާ ބުނީ އެހެން ކުޅުންތެރިން މޯޓިވޭޓް ކުރުމުގައި ރޮނާލްޑޯއަކީ ނަމޫނާ ކުޅުންތެރިޔެއް ކަމަށެވެ.

"ރޮނާލްޑޯ ވަނީ ފަސް ބެލަންޑޯ ހޯދާފަ، އޭނާ ޓްރެއިނިން ހަދަމުން އަންނަތާ 10 ދުވަސް، އަދި ކަލޭމެންނަށްވެސް އެނގޭނެ އޭނާއަކީ ތަފާތު ކުޅުންތެރިޔެއްކަން، އެނާ އަކީ އާދައިގެ ކުޅުންތެރިޔެއް ނޫން، އެހެން ކުޅުންތެރިން މޯޓިވޭޓް ކުރުމަށް ރޮނާލްޑޯއަކީ މުހިންމު ކުޅުނެތެރިޔެއް،" އެލެގްރީ ބުންޏެވެ.

"ރޮނާލްޑޯ ހުރެގެން އަހަރެމެންނަށް މޮޅުވުން ޔަގީންވާނެ ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން، ނަމަވެސް އޭނާ އިތުރު ބާރެއް ޓީމަށް ގެނެސްދޭ، ކަރުދާހުން ފެންނަ ގޮތުގައި ސޭރިއާގެ އެންމެ ވަރުގަދަ ޓީމަކީ އަހަރެމެން ޓީމު ކަމަށް ވެދާނެ، ނަމަވެސް އެއީ ހިތްހަމަ ޖައްސާލައިގެން ތިބެންވީ ސަބަބެއް ނޫން، އަހަރެމެން ޖެހޭނެ އިތުރަށް މަސައްކަތް ކޮށްގެން އަހަރެމެން އެއަށްވުރެ ދުރަށް ދިއުމަށް މަސައްކަތް ކުރަން."

މިރޭގެ މެޗުގައި ރޮނާލްޑޯއަށް ލަނޑު ޖެހިއްޖެނަމަ އެ ލަނޑު އޭނާ ހާއްސަ ކުރާނީ ޔުވެންޓަސްގެ ކުރީގެ ގޯލް ކީޕަރު ޖިއާންލުއީޖީ ބުފޮން އަށް ކަމަށް ރޮނާލްޑޯ ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

"އަހަރެން މިތަނަށް އައީމަ ބުފޮން އަހަންނަށް މަރުހަބާ ކިޔާފައި މެސެޖެއް ފޮނުވި، އަހަރެން މެސެޖުކުރިން ބުފޮން މާ އަވަހަށް ނޫންހޭ ޔުވެންޓަސް ދޫކޮށްލާފައި ދިޔައީ، އޭނާ އަހަންނަށް ރިޕްލައި ކުރި އަހަރެން ތި އައީ މާފަހުންނޭ."

ޗިއޭވޯ އާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގަ އެވެ.