ބޮލީވުޑް

ނިކް އާއި ޕްރިޔަންކާ އެންގޭޖުވެއްޖެ

ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ މިއަދު އެންގޭޖުވެއްޖެ އެވެ.

އެންޖޭޖުމަންޓް ހަފްލާ ބޭއްވީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގަ އެވެ. އެ ދެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފައިވް ސްޓާ ހޮޓެލްއެއްގައި މިރޭ އެންގޭޖްމަންޓް ޕާޓީއެއް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އެންޖޭޖުވުމުގެ ކުރިން އެ ދެ އާއިލާއިން ރޭގައި ވަނީ ޕްރީ އެންގޭޖްމަންޓް ޑިނާއެއްވެސް ބާއްވާފަ އެވެ.

ޕިންކް ވިލާއިން ރިޕޯޓުކުރި ގޮތުގައި އެންޖޭޖްމަންޓް ހަފްލާގެ ހެނދުނު ދަންފަޅި އޮތީ އިންޑިއަން ސްޓައިލުގަ އެވެ. ނިކްއާއި ޕްރިޔާންކާ އެންގޭޖްމަންޓް ހަފްލާއަށް ލައިގެންވެސް ތިބީ ޕަންޖާބީ ހެދުމެވެ. މެންދުރު ދަންފަޅީގެ ކެއުމަށް ޕަންޖާބީ ކެއުން ތައްޔާރުކުރާއިރު ހަވީރު ސަޔާއި ރޭގަނޑު ކެއުމަށް ހުޅަނގުގެ ކެއުމާއި އިންޑިއަން ފުޑް ތައްޔާރުކުރާނެ އެވެ.

މިއިން އެއްވެސް ހަފްލާއެއްގެ ފޮޓޯ ނަގާ ޝޯޝަލް މީޑިއާގައި އާންމުކުރުން މަނާކޮށްފައި އޮތް ނަމަވެސް މިހާރުވެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

ދެ އާއިލާ ބައްދަލުވީ އަލަށް

ނިކް އާއި ޕްރިޔަންކާ ބޭނުންވީ އެންގޭޖުމަންޓަށް ކުޑަ ހަފްލާއެއް ބާއްވާށެވެ. ޕްރިޔަންކާ އާއި އެންގޭޖުވުމަށް ނިކް މުމްބާއީއަށް އައީ މިދިޔަ ހުކުރު ދުވަހު އެވެ. އެނާއާއެކު އޭނާގެ މައިންބަފައިން ވެސް މުމްބާއީއަށް އައެވެ. ނިކްގެ އެއްބަނޑު އެއްބަފާ ދެ ބޭބެ ކެވިން ޖޯނަސް އާއި ޖޯއީ ޖޯނަސް ވެސް އިއްޔެ ވަނީ މުމްބާއީއަށް އައިސްފަ އެވެ.

އެންގޭޖްމަންޓް ޕާޓީއަށް ޕްރިޔަންކާ ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ ރަހުމަތްތެރިނަށް ވެސް ދައުވަތު ދީފަ އެވެ. ޕާޓީ ބާއްވާ ހޮޓެލުން 200 ކޮޓަރި ވަނީ ގެސްޓުންނަށް ބުކްކޮށްފަ އެވެ. މިރޭ ބާއްވާ މި ޕާޓީއަށް ޕްރިޔަންކާ ދައުވަތު ދިން މީހުންގެ ތެރޭގައި ރަންވީރް ސިންހު، ޕަރިނީތީ ޗޯޕްރާ، ރަވީނާ ޓެންޑޮން އަދި ކަރަން ޖޯހަރް ހިމެނެ އެވެ.