ރިޕޯޓް

ވޯޓްލުމުގެ ކުރިން ފުރަތަމަ އަދާކުރަންވީ ފަރުދީ ޒިންމާ

ވޯޓް ރީރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި މުއްދަތު ނިމި، އެ ކޮމިޝަނަށް ހުރިހާ ފޯމްތަކެއް ލިބުނު އިރު 95،000 އަށްވުރެ ގިނަ ރީރަޖިސްޓްރޭޝަން ފޯމް ލިބުނު ކަމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ ބުނަމުން އެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރީ ރަޖިސްޓްރީ ކުރަންޖެހޭކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރި އަދަދަށްވުރެ އެތައް ހާސް ގުނަ އިތުރު އަދަދެކެވެ. ލަފާވާ ގޮތުން މި އަހަރުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރަންޖެހޭނީ ގާތްގަނޑަކަށް 75،000 އެއްހާ މީހުންނެވެ. އެ އަދަދަދަށް ވުރެ 20،000 އަށްވުރެ ގިނަ ފޯމް އިތުރެވެ.

މިކަމާ ގުޅިގެން ތުހުމަތުގެ އިނގިލި އިލެކްޝަން ކޮމިޝަނަށް އެބަ އަމާޒުވެ އެވެ. އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރި އިރު، އިލެކްޝަން ކޮމިޝަނުން ވަނީ އެކަމަށް ސީދާ އިންކާރުކޮށްފަ އެވެ. އިންތިހާބާ މެދު ޝައްކު އުފައްދައި އެފަދަ ތުހުމަތު ކޮށް އުޅޭ އެންމެންނަށް ޖިނާއީ ދައުވާ ކުރާނެ ކަމަށްބުނެ އެ ކޮމިޝަނުން ދިނީ ބޮޑު އިންޒާރެކެވެ.

އެނގޭހެއްޔެވެ؟ މިފަދަ މައްސަލަތަކާއި ބޮޑެތި ތުހުމަތުތައް ފެންމަތިވުމުގައި ހަމައެކަނި އެންމެ ފަރާތަކަށް އިނގިލި ދިއްކޮށްގެން ވާކަށް ނެތެވެ. އިންތިހާބުގެ ކަންކަމަކީ ގައުމުގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކަކަށް ވާއިރު، މިފަދަ ބޮޑެތި މައްސަލަތައް ނިކުންނަން ޖެހެނީ ޒިންމާ އަދާކުރަން ތިބި އެންމެންގެ ޒިންމާ އެއް ހަމައެއްގައި އަދާ ނުކުރެވޭތީ އެވެ.

އިންތިހާބެއް އިއުލާންކޮށް، އެ އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނަން ހިމެނޭ ވޯޓާސް ލިސްޓު އީސީއިން އާންމުކުރުމުން އެ ލިސްޓުގައި ތިމާގެ ނަން އޮތްތޯ ބަލައި ޗެކުކޮށް، މައްސަލައެއް ފާހަގަވެއްޖެނަމަ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ވޯޓު ރީރަޖިސްޓްރީ ކުރަންޖެހޭނަމަ އެ އޮންނަ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުން ފަދަ ކަންތައްތަކަކީ ވޯޓުލާން ބޭނުންވާ މީހާގެ އަމިއްލަ ޒިންމާއެކެވެ. ނަމަވެސް އަބަދުވެސް ފެންނަނީ ގިނަ ބަޔަކަށް އެ ޒިންމާ އަދާނުވެ، އެކަން ކޮށްދިނުމަށް ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ނިކުންނަން މަޖުބޫރުވާ މަންޒަރެވެ. މައްސަލަތަކަށް މަގު ކޮށޭ ހިސާބަކީ މިއެވެ.

"އިންތިހާބީ ކަންކަމުގައި އަމިއްލަ ޒިންމާ ނުނެގޭ މައްސަލައަކީ އިލެކްޝަނުން އަބަދުވެސް ވަރަށް ކަންބޮޑުވާ ޒަމާންވީ މައްސަލައެއް. ފަހަރެއްގައި މިފަދަ ކަންކަމުގައި ފަރުވާކުޑަކޮށްލަނީ، ރާއްޖޭގައި ވޯޓުލުން އޮޕްޝަނެއްގެ ގޮތުގައި އޮންނާތީ ކަމަށްވެސް. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވޯޓު ލުމަކީ މަޖުބޫރު ކަމެއް. އެހެންވީމަ އެއާ ވިދިގެން އަންނަ ކަންކަމަކީވެސް ކުރުން ލާޒިމް ކަންކަމަށް ވެފައި އޮންނަނީ. އެހެންނަމަވެސް، އިންތިހާބީ ކަންތައްތަކުގައި ފަރުދުން އަދާކުރަންޖެހޭ ޒިންމާ، ސިޔާސީ ޕާޓީތަކުންނާއި އެހެންވެސް ފަރާތްތަކުގެ އަތް މައްޗަށް ދޫކޮށްލުމުން ގިނަ މައްސަލަތަކެއް އެބަ އުފެދޭ. ގިނަ ފަހަރަށް ސިޔާސީ ފަރާތްތަކަށް އެބަ އޮވޭ މިފަދަ ކަންކަމުން ސިޔާސީ މަންފާތަކެއް ނެގެން،" އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަމަށް އެދޭއިރު، އެކަން ކަށަވަރުކޮށް ދެމެހެއްޓުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އަމިއްލަ ޒިންމާތައް ސިޔާސީ ފަރާތްތައް ކުރަން ދޫކޮށްލާއިރު، އެކަން ވެގެންދާނީ ސިޔާސީ ތާއީދު ހޯދުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުސަތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ވަރަށް ބޮޑު މިސާލެއް، ރީރަޖިސްޓްރޭޝަން ފޯމްތަކުގެ ފިންގާޕްރިންޓް ޕްރޮސެސްކުރާއިރު، ބައެއް ފޯމްތަކުގައި އެބަ ހުރޭ ދެލިގަނޑު ފޭދިފައި ހުންނަ ގޮތަށް ޖެހިފައި ހުންނަ ފިންގަޕްރިންޓް ތައް. މިފަދަ ފޯމްތައްވެސް، އެ ފޯމަކީ އެ މީހަކު އަމިއްލަޔަށް އިލެކްޝަން ކޮމިޝަނަށް އައިސް ފުރި ފޯމެއްކަން އެނގޭނަމަ އެ ފޯމް ސައްހަކަމަށް މި ކަނޑައަޅަނީ. އެއީ، އެބަ އެނގޭ ފޯމް ފުރީ ވެރިފަރާތް އަމިއްލަޔަށް ކަން. އެކަމަކު ޕާޓީއަކުން ގެންނަ އެފަދަ ފޯމެއް އެގޮތަށް ކިހިނެއްތޯ ބަލައިގަނެވޭނީ، އެހެންވީމަ މިއީ ޕްރޮސެސްވެސް ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބީ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ޒިންމާ އަދާކުރާ މީހުންގެ އާބާދީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު މި އަހަރު އިތުރުކަމަށް އީސީއިން ބުނެއެވެ. އެހެން ނަމަވެސް މިކަން ހައްލުކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޝަރީފް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ހޭލުންތެރިކަން އަދިވެސް އިތުރުކުރަންޖެހޭ. އަޅުގަނޑުމެން އަދިވެސް މި އެދެނީ، ދެން އެންމެ އަވަހަށް ނެރޭނީ ރީރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހަޅަން. މިކަމަށް ވެސް މުހިއްމު ކަމެއް ދީގެން އަމިއްލަ މައުލޫމާތު ބަލައި ޗެކުކޮށް މައްސަަލަތައް ހައްލުކުރުމަށް އެ މީހަކު އަމިއްލައަށް އިސްނަގާނެ ކަމަށް އުންމީދުކުރަން، އޭރުން އެދޭފަދަ އިންތިހާބެއްގެ އުފާ ލިބިގެންދާނީ،" ޝަރީފް ވިދާޅުވި އެވެ.

ރީރަޖިސްޓްރޭޝަނަށް ޕާޓީތަކުން މަކަރު ހަދާ ކަމަށް ތުހުމަތު ކުރާ ވާހަކަ ދައްކަ ދައްކާ ތިއްބަކަސް މި މައްސަލައިގެ ހައްލެއް ނެތެވެ. އަމިއްލަ ޒިންމާގައި އޮންނަ ކަމެއް ސިޔާސީ ޕާޓީއަކުން ކުރަން ދޫކޮށްލުމަކީ އަސްލު މައްސަލައިގެ ފެށުމެވެ. ވޯޓްލުމަކީ ތިމާގެ އަތް މަތީގައި އޮންނަ ހައްގެކެވެ. ގައުމުގެ ސިޔާސަތު ކަނޑައަޅާނެ އެންމެ އިސް މީހަކު އިންތިހާބު ކުރުމަށް ތިމާގެ ބަސް ބުނާނީ ތިމާ އަމިއްލައަށެވެ. އެއީ އެހެން ބަޔަކު މަޖުބޫރުން ކުރުވާ ކަމަކަށް ވާކަށް ނުޖެހެ އެވެ. ވޯޓްލުމުގެ ކުރިން ވޯޓާޒް ލިސްޓްގައި ތިމާގެ ނަމާއި އެޑްރެހާއި އެހެން ވެސް މައުލޫމާތުތައް އޮތީ ރަނގަޅައްތޯ ކަށަވަރު ކުރުމަކީ ތިމާގެ ޒިންމާއެކެވެ. ރަށްވެހިވެފައިވާ ރަށް ނޫން ތަނަކަށް ވޯޓްލާ ނަމަ އެކަމަށް ރަޖިސްޓާ ކުރުމަކީ ވެސް ތިމާގެ އަމިއްލަ ޒިންމާއެކެވެ. މައްސަލަ ޖެހެނީ ތިމާގެ ޒިންމާ އަދާކުރަން އެހެން ބަޔަކަށް އެ ފުރުސަތު ދޭތީ އެވެ. ވޯޓްލުމުގެ ޒިންމާ އަދާކުރުމުގެ ކުރިން، މިނިވަން އިންތިހާބެއް ހޯދުމުގެ ފަރުދީ ޒިންމާ އަދާކުރަން ޖެހެ އެވެ.