ބޭރު ކުޅިވަރު

ސުއަރޭޒް ފެނުމުގެ ކުރިން ކިއެލީނީ އަށް މިފަހަރު އަނިޔާވެއްޖެ

Jun 5, 2015

ނިމިގެން ދިޔަ ވޯލްޑް ކަޕުގައި އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ހެދި ގޮތް އެންމެން ވެސް ހަނދާން އެބަހުއްޓެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ސަބަބަކީ ބާސެލޯނާ އާއި ޔުވެންޓަސްގެ ކުރިމަތިލުމަކަށް ވުރެ މި ދެ ޓީމުން އެކަކު އަނެކަކާ ދެކޮޅަށް ނުކުންނަ ސުއަރޭޒާއި ކިއެލީނީގެ ކުރިމަތިލުމެއް ބަލައިލަން މާ ޝައުގުވެރިވާނެތީ އެވެ. ނަމަވެސް ފައިނަލް މެޗުގައި ސުއަރޭޒާއި ކިއެލީނީގެ ފޯރިއެއް ނެގޭ ގޮތެއް ނުވެ ސުއަރޭޒް ފެނުމުގެ މާ ކުރިން ކިއެލީނީ އަށް މި ވަނީ މިފަހަރު އަނިޔާވެފަ އެވެ.

އުމުރުން 30 އަހަރުގެ ސެންޓަ ބެކް ފައިނަލް މެޗުގައި ނުކުޅޭނެކަން މިހާރު މި ވަނީ ކަށަވަރުވެފަ އެވެ. އަނިޔާގެ މައްސަލައެއް ކުރިމަތިވެ މި މުހިންމު މެޗު ކިއެލީނީ އަށް ގެއްލޭއިރު މިއީ އޭނާ އާއި ސުއަރޭޒްގެ ކުރިމަތިލުމަކަށް އިންތިޒާރުކުރަމުން އައި އެތައް ބަޔަކު މާޔޫސްކޮށްލާނެ ކަމެކެވެ.

މި މެޗު ވާން އޮތީ ވޯލްޑް ކަޕްގެ އާދަޔާހިލާފު ކުރިމަތިލުމަށް ފަހު މި ދެ ކުޅުންތެރިން މިގޮތަށް ބައްދަލުވާން އޮތް ފުރަތަމަ މެޗަށެވެ. އެހެންވެ މި މެޗަކީ ކިއެލީނީ ވެސް ނިކަން އިންތިޒާރުކުރަމުން އައި މެޗެކެވެ. އޭނާ ބުނެފައި ވަނީ ސުއަރޭޒާ މެދު ރުޅިވެރިކަމެއް ނެތް ކަމަށާއި އުފަލުން ގޮސް އޭނާގެ ގައިގައި ބައްދައިގަތުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މިދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗެއްގެ ތެރެއިން ކިއެލީނީގެ ކޮނޑުގައި ދަތްއަޅައިގެން ސުއަރޭޒް ހަތަރު މަހަށް ފުޓްބޯޅަ އިން ސަސްޕެންޑްކޮށްފައިވެ އެވެ.

ކޮންމެއަކަސް ކިއެލީނީ ފައިނަލް މެޗަށް ނުނެރެވުމަކީ ސުއަރޭޒް އާއި ލިއޮނަލް މެސީ އަދި ނޭމާގެ ނުރައްކާ ޔުވެންޓަސްގެ ފަހަތަށް ބޮޑުވާނެ ކަމެއްކަން ޔަގީނެވެ.

ބާސާ އަށް ބަލާއިރު ކިރިޔާ ވެސް އަނިޔާގެ މައްސަލައެއް އުޅެނީ މިޑްފީލްޑަރު އަންދުރޭ އިނިއެސްޓާގެ އެވެ. ނަމަވެސް އޭނާ ވެސް ވަނީ ހޮނިހިރު ދުވަހުގެ ޓީމުގައި ހިމަނައިފަ އެވެ.

އެހެންވީމަ ބާސާ އޮތީ އެމީހުންގެ ފުލް ގިޔަރުގަ އެވެ.