ދުނިޔެ

ޕާކިސްތާނު ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ހާން ކުރައްވައިފި

Aug 18, 2018

އިސްލާމްއާބާދު (އޯގަސްޓް 18) - ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމުގެ ހުވާ އެގައުމުގެ ކުރީގެ ކްރިކެޓް ޓީމުގެ ކެޕްޓަން އިމްރާން ހާން މިއަދު ކުރައްވައިފި އެވެ.

ވެރިރަށް އިސްލާމްއާދާބުގައި، ސިޔާސީ ލީޑަރުންނާއި، ބޭރުގެ ޑިޕްލޮމެޓުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތެއްގައި ހާނަށް ބޮޑުވަޒީރު ކަމުގެ ހުވާލައިދެއްވީ، ޕާކިސްތާނުގެ ރައީސް މަމްނޫން ހުސެއިން އެވެ.

ސިޔާސީ މައިދާނަށް ނުކުންނެވިތާ 20 އަހަރު ފަހުން، މިދިޔަ ޖުލައި މަހު ޕާކިސްތާނުގައި ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވީ ހާންގެ ޕީޓީއައި އިންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހާން ވިދާޅުވީ އެއްވެސް އެހެން ކަމެއްގެ ކުރިން، ޕާކިސްތާނުގައި ބޭނުންވަނީ ޖަވާބުދާރީ ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާގައި ނުހައްގުން ޖެހިފައިވާ އެއްވެސް މީހަކު ސަލާމަތްނުވާނެ ކަމަށް ވެސް ހާން ވަނީ ވިދާޅުވެފަ އެވެ.

ބޮޑުވަޒީރުކަމަށް އައްޔަން ކުރުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި، ހާނަށް 176 ވޯޓު ލިބިވަޑައިގެންނެވިއިރު، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒްގެ (ޕީއެމްއެލް-އެން) ޝަހްބާޒް ޝަރީފަށް ލިބިވަޑައިގަތީ 96 ވޯޓެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝަހްބާޒުގެ ނަން ހުށަހެޅުއްވި ނަމަވެސް، އެންމެ ފަހު ވަގުތު މަރާލާފައިވާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ވަނީ އެ ނިންމުން އަނބުރާ ގެނެސް ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހަދާފަ އެވެ.

ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ހާން، 65 ވަނީ ގައުމު ބޭނުންވެފައިވާ ބަދަލުތައް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިމްރާނު ހާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ސަރުކާރުގެ ސައްހަކަން ސާބިތުކޮށްދިނުމެވެ. ޕާކިސްތާނުގެ ސިފައިންގެ ތާއީދު ލިބިފައިވާ ޕީޓީއައި އިން ވޯޓަށް ނުފޫޒު ފޯރުވައި، ހާން ވެރިކަމަށް ގެނެސްފައިވާ ކަމުގެ ތުހުމަތުތަކުގެ ހިޔަނި އެޅިފައިވާތީ އެވެ.

މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އާއި މަރާލާފައިވާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން 1988 އިން ފެށިގެން ޕާކިސްތާނުގައި ކުރީ އާއިލީ ވެރިކަމެވެ.