ހަބަރު

ތިނަދޫގެ ސަޕޯޓް ދައްކަން ޝަހީމްއާ އެކު ހިނގާލުމެއް

Aug 18, 2018
2

ރައީސް އަބްދުﷲ ޔާމީން އަށް ސަޕޯޓް ހޯއްދެވުމަށް އެމަނިކުފާނުގެ ރަނިންމޭޓް، ޑރ މުހައްމަދު ޝަހީމް ގދ ތިނަދޫއަށް މިހާރު ވަޑައިގެންފައިވާއިރު މިއަދު ހަވީރު އެރަށުގައި ޕީޕީއެމްގެ ހާއްސަ ހިނގާލުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު 4:00 ގައި ތިނަދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި ތިނަދޫގައި ތިބި ޕީޕީއެމްއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.

މި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލް ބައްޓަންކުރާ ވޯޓު ކަމަށެވެ. އެހެންކަމުން އެ ވޯޓު ވިސްނުންތެރިކަމާއެކު އެޅުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއް ކަމަށާއި ރާއްޖެ ދާނީ ތަރައްގީއާ އެކު ކުރިއަށްތޯ ނުވަތަ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުގެ ތެރެއަށް ފަހަތަށްތޯ، އެ ވޯޓުގައި ރައްޔިތުން ގޮތް ކަނޑައަޅައި ނިންމާނެ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓް ހޮވައިފިނަމަ ރާއްޖެ އެނބުރި ހަމަނުޖެހުންތަކުގެ ތެރެއަށް ރުޖޫއަވާނެ އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ތަރައްގީވެފައިވާ ބަނދަރު، އަޅުގަނޑުމެންނަށް ފެންނަނީ ޒަމާނީ ފްލެޓްތަކެއް، ތާރު އަޅާފައިވާ މަގުތަކެއް. އެހެންވީމާ އަޅުގަނޑުމެން ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ހަމަޖެހުމުގެ މަގަށް ދާންވީ، ރައީސް އަބްދުﷲ ޔާމީންއާ އެކުގައި،" ޝަހީމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ހޮވި ވަޑައިގެންފިނަމަ، އެރަށުގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އިސްލާމީ ބިނާއެއް އަޅުއްވައިދެއްވާނެ ކަމަށް ޝަހީމް މިއަދު ވައުދުވެވަޑައިގެންނެވި އެވެ. ޝަހީމް ވިދާޅުވީ އެ ބިމުގައި އިސްލާމީ ބިނާއެއް އަޅައިދިނުމަށް އެރަށުގެ ދުވަސްވީ ގިނަ މީހުންގެ ފަރާތުން އާދޭސް ލިބިފައިވާ ކަމަށެވެ.

ޝަހީމް ތިނަދުއަށް ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވަމުލަކަށް ވަޑައިގަތުމަށް ފަހު އެ ސިޓީގައި ފަސް ދުވަހު ކެމްޕެއިން ކުރެއްވުމަށް ފަހުގަ އެވެ. މިއަދުގެ ހިނގާލުމާއެކު ތިނަދޫއަށް ޝަހީމްކުރައްވާ ދަތުރުފުޅު މިއަދު ނިންމަވާލައްވާއިރު، ޝަހީމް ވަނީ ތިނަދޫގެ ގިނަ އަދަދެއްގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާފަ އެވެ.

ޝަހީމް ތިނަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ހޯމަ ދުވަހު އެވެ.