ވިކްޓަރީ ސްޕޯޓްސް ކުލަބަކީ، މީގެ އަށް ވަރަކަށް އަހަރު ކުރިން ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ކުލަބެވެ. ފުޓްބޯޅައިގައި އެކަންޏެއް ނޫނެވެ. އެހެން ކުޅިވަރުތަކުގައިވެސް އެ ކުލަބްގެ ނަން އޮންނާނީ އެންމެ އުހުގަ އެވެ. ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި 2012 ވަނަ އަހަރާހަމަޔަށް ވިކްޓަރީ ދެމި އޮތެވެ.
ހާލަތު ބަދަލުވެ ފުރޮޅިގެން ދިޔައީ އެ ކުލަބުގެ ސަޕޯޓަރުން ހީކޮށްފައިވެސް ނެތް ގޮތަކަށެވެ. އެފްއޭއެމްގެ ދެ ވަނަ އިންތިހާބުގައި ވިކްޓަރީގެ އިސް މެންބަރުންގެ ހިޔާލު ދެކަފިވެ ވިކްޓަރީގެ ބޯޑު ފަޅައިގެން ދިޔަ އެވެ. ފުޓްބޯޅަ ހިންގުމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ޗެއާޕާސަން، (މަޖިލިސް މެންބަރު) އީވާ އަބްދުﷲ ވެސް ކުލަބުން އިސްތިއުފާ ދެއްވި އެވެ. ޖެހިގެން އައި 2013 ވަނަ އަހަރު ވިކްޓަރީގެ ހާލަތު ގޯސްވެ ކުލަބު ރެލިގޭޓްނުވެ، ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
މިދިޔަ އަހަރާ ހަމަޔަށް ވިކްޓަރީގައި އޮތީ އާދައިގެ ސްކޮޑެކެވެ. މިދިޔަ އަހަރު ވަރުގަދަ ސްކޯޑަކާއެކު ނިކުތްނަމަވެސް ކުރިމަތިވި މާލީ ހާލާތާ ގުޅިގެން ކުލަބުގެ ޕްރެކްޓިސް އެތައް ދުވަހެއް ވަންދެން މެދުކެނޑުނެވެ. މާލޭ ލީގްގެ ގަދަ ހަތަރެއްގެ ތެރޭގައި ލައްވާވެސް ނުލި އެވެ. މި އަހަރު ވިކްޓަރީ ކުރިމަތިލީ އާ ރޫހަކާއެކު އެވެ. އަހަރު ކުރީކޮޅު ކުލަބުގެ އާ ބޯޑު އިންތިހާބުކޮށް ކުލަބު ހިންގުމުގެ މޫނު މައްޗަށް ބަދަލު ގެނެ އެވެ.
އާ ބޯޑާއެކު ވިކްޓަރީން ދިވެހި ފުޓްބޯޅައަށް ދޫކޮށްލީ އަނެއްކާވެސް އާ ކަމެކެވެ. ފުރަތަމަ އަންހެން ޗެއާޕާސަން އާއެކު ވިކްޓަރީގެ ތާރީހް ލިޔެވުނު ގޮތަށް ފުރަތަމަ އަންހެން އަމީންއާންމު ނުވަތަ ސެކެޓްރީ ޖެނަރަލްގެ މަގާމުވެސް އަންހެން ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލި އެވެ. ގާނުނީ ވަކީލު އަލްއުސްތާޒާ އަޢިޝަތު ތައުމީނާ (ތައު) އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބުގެ ހިންގުމުގެ މަސްއޫލިއްޔަތާ ތައު ހަވާލުވިނަމަވެސް ކަންކަން ދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އަށް އަހަރު ވަންދެން ވިކްޓަރީގެ އޮތް ހަލާތު ބަދަލު ވެފައެއް ނެތެވެ. މާލީ މައްސަލަތަކުން ވިކްޓަރީއަށް އަރައެއް ނުގެނެވުނެވެ. އޭގެ ކުރިން ތައު މަސައްކަތް ކުރީ ގާނޫނީ ދާއިރާގަ އެވެ. މަދަނީ މައްސަލަތަކުގައި ކޯޓަށް ވަޑައިގެން ވަކީލެއްގެ ދައުރު އަދާ ކުރެއްވަމުން ގެންދެވި ދާއިރާއާ މުޅިން ތަފާތު ދާއިރާއަކަށް އޭނާ ނުކުންނެވީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުންނާ އޭނާ ސަޕޯޓް ކުރާ ކުލަބަށް ހިދުމަތްތަކެއް ކޮށްދިނުމުގެ މަގުސަދުގަ އެވެ.
"ވިކްޓަރީއަށް އަންނަން ފުރުސަތު ލިބުނީމަ އަޅުގަނޑު ހިތައްއެރީ މި ފުރުސަތު ބޭނުން ކުރާނަމޭ،" ފުޓްބޯޅައިގައި އޭނާގެ މަސައްކަތްތަކާ ބެހޭގޮތުން ތައު ވާހަކަ ދެއްކި އެވެ. "ނަމަވެސް ކުލަބުގެ ހާލަތު އޮތީ އޭގެ ކުރިން ހިޔާލަށް އައި ގޮތަކަށް ނޫން، ކުލަބުގައި މަސައްކަތް ކުރަން ފެށީމަ ހުރި ގޮންޖެހުންތައް ފެނުނީމަ އެނގިއްޖެ މީއީ ވަރަށް އުނދަގޫ ޗެލެންޖެއްކަން."
ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީ މައްސަލަތެކެވެ. ހުރިހާ ކުުލަބެއްގެ ކަންބޮޑުވުމެއްގެ ގޮތުގައިވެސް އޮތީ އެ މައްސަލައެވެ. ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެނީ އެކެއް ނުވަތަ ދެ ކުލަބަކުންނެވެ. ވިކްޓަރީގެ މަސައްކަތްތަކުގައި ތައުއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ. އަމިއްލަ ކުންފުނިތައް ކުލަބުތަކުގެ މަޝްވަރާގެ މޭޒާ ހަމަޔަށް ގެނެސް ސްޕޮންސާޝިޕް ޑީލަކަށް އެއްބަސް ކުރުވުމަށް އޮތް ގޮންޖެހުމެވެ.
ވިކްޓަރީގެ ހަލަތު ބޮޑު އަޑިގަނޑެއްގައި އޮތް ނަމަވެސް، ހިތްހަމަޖެހޭ މާހައުލެއް ވިކްޓަރީގައި އޮތުމަކީ އޭނާއަށް ލިބުނު ހިތްވަރެކެވެ.
"އަންހެނަކަށް ވުމަކުން ކުޅުންތެރިންނާވެސް އަދި ބޯޑު އެހެން މެންބަރުންނާވެސް ޑީލް ކުރާކަށް އެއްވެސް ޗެލެންޖެއް ނެތް، ހަމަ ކުޅުންތެރިނާ އަދި ބޯޑުމެންބަރުންނާ ޑީލްކޮށްގެންވެސް މަސައްކަތް ކުރަން ވަރަށް ފަސޭހަ." އޭނާ ބުންޏެވެ.
އޭނާގެ ކުރިމަތީގައި އޮތީ ފަސޭހަ ޓާސްކެއް ނޫނެވެ. ފިސާރި ހިތްވަރެއް ހުރެގެން ނޫނީ އެ ކުލަބުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަން އޭނާ އަށް އެނގެ އެވެ. ގޮންޖެހުންތަކާއެކުވެސް އޭނާ ހުރީ މަސްއޫލިއްޔަތުގައި ކުރިއަށްދާށެވެ. ބުރަ މަސައްކަތްތަކާކާއެކު ހާލަތު ބަދަލު ކުރެވޭނެ ވަގުތެއް އަންނާނެކަން ހިތުގެ އަޑިން ގަބޫލު ކުރެ އެވެ. އެކެތްތެރި ކަމާއި ހިތްވަރު އޭނާގެ އެބަހުއްޓެވެ.