އިންތިޒާރަށް ނިމުމެއް އަންނަނީ އެވެ. ބޮލީވުޑްގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރްގެ މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ އާ ސީޒަނެއް އަންނަ އޮކްޓޯބަރު މަހު 21 ގައި ދައްކަން ފަށާނެ އެވެ. ހަ ވަނަ ސީޒަނާއެކު ކަރަން އެނބުރި މި އަންނަނީ އަނެއްކާވެސް ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީސްގެ ތަފާތު ވާހަކަތައް އެމީހުންގެ ދުލުން ގެނެސްދިނުމަށް ވައުދުވަމުންނެވެ.
އާ ސީޒަންއަށް ބެލުންތެރިން ކުރާ އިންތިޒާރު ކޮޅުން ލައިގެންދިޔައީ އިއްޔެ ކަރަން ދޫކޮށްލި ޓީޒްތަކަކުންނެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އާ ސީޒަންގެ ސެޓުގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ދޫކޮށްލާފަ އެވެ.
"ހޭލައިގެން ކޮފީގެ ވަސް ބަލަންޖެހޭ ވަގުތު ކައިރި ވަނީ،" އޭނާ އާންމުކުރި ފޮޓޯއެއްގެ ކެޕްޝަންގައި ލިިޔެފައިވެ އެވެ. "މި ސީޒަންގައި ދޭނީ ކަޅު ކޮފީ،" ދެ ވަނަ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
"ކޮފީ ވިތު ކަރަން" ގެ ކުރީގެ ސީޒަންތަކުގައި އެ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އައިސްފައިވެ އެވެ. ދީޕިކާ ޕަދުކޯނީ، ރަންވީރު ސިންހް، ޕްރިޔަންކާ ޗޯޕްރާ، ރަންބީރު ކަޕޫރް އަދި ކަންގަނާ ރަނާއުތު ފަދަ ތަރިން މީގެ ތެރޭގައި ހިމެނެ އެވެ.
މިދިޔަ ސީޒަންގައި މަޝްހޫރު އެކްޓްރެސް ކަންގަނާ ދެއްކި ވާހަކަތަކަކީ އަދިވެސް ގިނަ ބައެއްގެ ސަމާލުކަމުގައި އޮތް ވާހަކަތަކެކެވެ. އެ ޝޯގައި ކަންގަނާ ދެއްކީ ބޮލީވުޑްގައި އާއިލީ ނުފޫޒު އޮންނަ ވާހަކަތަކެވެ. ހާމަކަން ބޮޑު ގޮތެއްގައި ކަންގަނާ މި ވާހަކަތައް ދެއްކުމާއެކު މި ވާހަކަތައް ދައްކާ ތަރިންގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފަ އެވެ.
މި ސީޒަންގައި ގެނެސްދޭ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި ދާދިފަހުން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރް އާއި އިޝާން ކައްޓަރު ހިމެނެ އެވެ. އަދި ބޮލީވުޑް ޖޯޑުންގެ ތެރެއިން އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ، ސޯނަމް ކަޕޫރް އަހޫޖާ އާއި އާނަންދު އަހޫޖާ، ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ހިމެނެ އެވެ. އަދި މި ސީޒަންގައި ސަނީ ލިއޯނީވެސް ގެނެސްދޭނެ ކަމަށްވެ އެވެ.