ބޮލީވުޑް

ހާލުގައި ޖެހިފައިވާ ކެރެލާއަށް ބޮލީވުޑްގެ އެހީ

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. ފެން ބޮޑުވުމާއެކު ކޯރުތައް ބަންޑުންވެ ނުރައްކާތެރި އެތަށް ހާދިސާއެއްވެސް ވަނީ ހިނގާފަ އެވެ. އަދި މި ހާދިސާތަކުގައި މިހާތަނަށް 200 އަށްވުރެ
ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކެރެލާއަށް ރެޑް އެލާޓް ނެރަފަ އެވެ. އިންޑިއާގެ ސިފައިން އަންނަނީ ހާލުގައި ޖެހިފައިވާ މީހުން ސަލަމާތްކޮށް، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ކޮޗިންގެ އެއާޕޯޓްވެސް ވަނީ ފެންބޮޑުވުމުުގެ ސަބަބުން ބަންދުކޮށްފަ އެެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ވަނީ މައިދާނަށް ނުކުމެފަ އެވެ. ކެރެލާގެ ޗީފް މިނިސްޓަރު އިސްވެ ހުންނަވާ ކެރެލާއަށް އެހީވުމަށް ހާއްސަ ފަންޑު ފޮއްޓެއްވެސް ވަނީ ހުޅުވައިފަ އެވެ.

އަމީތާބް ބައްޗަން، އަބީޝޭކް ބައްޗަން، ވަރުން ދާވަން، ޝާހުރުކް ޚާން، ވިދްޔާ ބާލަން، ނޭހާ ޝަރްމާ، ކަރްތިކް އަރްޔަން، ނޭހާ ދުޕިއާ، ދިއާ މިރްޒާ އަދި އަނޫރާގް ކަޝްޔަޕް އާއި އިތުރު ފަންނާނުންވެސް ވަނީ ކެރެލާއަށް އެހީވުމަށް ގޮވާލަން ފަށައިފަ އެވެ. އަދި އެ ފަރާތްތަކުގެ މާލީ އެހީތެރިކަން އަންނަނީ މި ފަންޑަށް ލިބެމުން އެވެ.