ރެއާލް މެޑްރިޑް ދޫކޮށް މި ސިޒަންގައި ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއާ އެކު ކުޅުނު ފުރަތަމަ މެޗުގައި ކިއޭވޯ ވެރޯނާއާ ދެކޮޅަށް އުނދަގޫ މޮޅަކުން ޔުވެންޓަސް ސަލާމަތް ވެއްޖެ އެވެ.
ނުވަ އަހަރަށް ފަހު، ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯއަށް އޭނާގެ ފުރަތަމަ މެޗުގައި ލަނޑެއް ޖެހިފަ އެއް ނުވެ އެވެ. ޔުވެންޓަސް މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ނުރައްކާތެރި ހަތަރު ހަމަލާއެއް ކިއޭވޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އެ ބޯޅަަތަކަށް ހުރަސް އެޅީ ކިއޭވޯގެ ތަޖުރިބާކާރު ކީޕަރު ސްޓެފާނޯ ސޮރެންޓީނޯ އެވެ.
ޔުވެންޓަސްގެ ސާމީ ކެދީރާ ވަނީ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޔޫޝް ސްޓެޕެންސްކީ ވަނީ ކިއޭވޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 58 ވަނަ މިނެޓްގައި ކިއޭވޯއަށް ލިބުނު ޕެނަލްޓީއެއްގައި އިމެނުއާލަ ޖަކިރީނީ ވަނީ އެ ޓީމަށް ލީޑް ނަގައިދީފަ އެވެ.
ކިއޭވޯ ލީޑްގައި އޮވެ މެޗުގެ އެންމެ ފަހު 15 މިނެޓާ ހަމަޔަށް ދިޔަ އެވެ. ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކުރެވުނީ ނެގ ކޯނަރެއް، ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކިއޭވޯގެ މަޓީއާ ބާނީ އަތުން ބައިކޮޅަށް ލަނޑު ވަނުމުންނެވެ.
ޔުވެންޓަސްއަށް ތިން ޕޮއިންޓް ލިބުނީ ހަމަކިރިޔާ އެވެ. އެ ޓީމުން ޖެހި ތިން ވަނަ ލަނޑާމެދު ކިއޭވޯގެ ކުޅުންތެރިން ސުވާލު އުފެއްދި އެވެ. މެޗުގެ 93 ވަނަ މިނެޓްގައި ޔުވެންޓަސްގެ ފެޑްރީކޯ ބާނަޑިޝީ ފޮނުވާލި ބޯޅަ ޔުވެންތަސްގެ ކުޅުންތެރިން ދިފާއު ކުރީ ގޯލް ލައިން އެތެރެވިފަހުންނެވެ. އެ ލަނޑު ގޯލެއް ކަމަށް ނިންމީ ގޯލްލައިން ޓެކްނޮލަޖީގެ އެހީގަ އެވެ.
ގޯލްގެ ލައިންގެ އެތެރެއަށް ވަނުމުން، ކިއޭވޯގެ ކުޅުންތެރިން ދެން ޝަކުވާ ކުރީ އެ ލަނޑު ޖެހުމުގެ ކުރިން، ރޮނާލްޑޯ، ކީޕަރަށް ފައުލުކޮށްފައިވާ ކަމަށެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ބެލުމަށް ފަހު ރެފްރީ ނިންމީ ފައުލެއް ހިނގާފައި ނުވާ ކަމަށެވެ.