ހޮލީވުޑް

އެންމެ އަގުބޮޑު އެކްޓްރެސްއަކީ ސްކާލެޓް

މިހާރު އެންމެ ބޮޑު މުސާރައެއް ލިބޭ އަދި އެންމެ އަގުބޮޑު އެކްޓްރެސްއަކީ ސްކާލެޓް ޖޮހަންސަން ކަމަށް ފޯބްސް މެގަޒިންއިން ބުނެފި އެވެ.

ސްކާލެޓް 33، އަށް މިދިޔަ އަހަރު ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 40.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު އޭނާއަށް ލިބުނު އާމްދަނީއަށްވުރެ ހަތަރު ގުނަ ބޮޑު އަދަދެކެވެ.

އެންމެފަހުން ސްކާލެޓް ފެނިގެންދިޔައީ މި އަހަރު ނިކުތް މާވެލްގެ ސުޕަހީރޯ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގައި ބްލެކް ވިޑޯގެ ރޯލުންނެވެ. އަންނަ އަހަރު ރިލީޒްކުރާ އެވެންޖާސްގެ އާ ފިލްމުންވެސް އޭނާ ފެނިގެންދާނެ އެވެ.

ސްކާލެޓް މި މަގާމު ދިފާއުކުރީ އެންޖެލީނާ ޖޯލީ ބަލިކޮށްލުމަށްފަހު އެވެ. އެންޖެލީނާ ވަނީ 28 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ދެ ވަނާގަ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓްރެސުންގެ ލިސްޓަށް ބަލާއިރު، ތިން ވަނާގައި އޮތީ ޖެނިފާ އެނިސްޓަން އެވެ. އެއަށްފަހު ހަތަރު ވަނާގައި ޖެނިފާ ލޯރެންސް އޮތްއިރު ފަސް ވަނާގައި އޮތީ ރީސް ވިދަސްޕޫން އެވެ.

ގަދަ ދިހައެއްގައި ދެން ހިމެނުނު އެކްޓްރެސުންނަކީ މިލާ ކޫނިސް، ކޭޓް ބްލެންޝެޓް، މެލިސާ މެކްކާތީ އަދި ގަލް ގެޓޮޓް އެވެ. މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓްރެސް، އެމާ ސްޓޯން މިފަހަރު ގަދަ ދިހައަކަށްވެސް އަރާފައެއް ނުވެ އެެވެ.