ބޮލީވުޑް

ހޮލީވުޑް ފިލްމެއްގެ ރީމޭކްއެއް އާމިރް ޚާން ގެނެސްދެނީ

އާމިރް ޚާން މިހާރު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށްފަހު އޭނާ ދެން ގެނެސްދޭނީ ހޮލީވުޑް ފިލްމެއްގެ ރީމޭކެއް ކަމަށް ޑީއެންއޭ އިންޑިއާއިން ބުނެފި އެވެ.

އާމިރްގެ ގާތްމީހަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، އެ ފިލްމަކީ ޕެރެމައުންޓް ޕިކްޗާސްއިން ޕްރޮޑިއުސްކުރި ފިލްމެއް ކަމަށާއި އަދި ފިލްމު ތައްޔާރުކުރުމަށް ބޭނުންވާ ރައިޓްސް ގަތުމަށް އާމިރް މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ހުރިހާ މަޝްވަރާތަކެއް ނިމި ރައިޓްސް ލިބުމާއެކު އެ ފިލްމުގެ ނަން ހާމަކުރާނެ ކަމަށްވެ އެވެ.

ޝަކުން ބަޓްރާ ތައްޔާރުކުރާ ބަޔޮޕިކް ފިލްމު "އޮޝޯ" ގައިވެސް އާމިރް ފެނިގެންދާނެ ކަމަށް މީގެ ކުރިން ވާހަކަދެކެވުނެވެ. ނަމަވެސް އެ ފިލްމުގެ ސްކްރިޕްޓުގައި އާމިރް ހިތްހަމަނުޖެހޭ ބައެއް ބައިތައް ހުރުމާއެކު މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށްވެ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު ހަތެއްގަ އެވެ. އާމިރްއާއެކު އެ ފިލްމުގައި މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން، ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިޚްވެސް ފެންނާނެ އެވެ.