ބާސެލޯނާ

ބާސާގައި މެސީއަށް ތާރީހީ ޔޫބީލްގެ ގޯލެއް

ބާސާގައި ލަނޑު ޖެހުމުގެ ޓްރެކްރެކޯޑްގައި މެސީގެ ތާރީހީ ޔޫބީލްގެ ފާހަގައެއް އުފައްދައިފި އެވެ. މި ސީޒަންގެ ލީގްގައި ބާސާ ކުޅުނު ފުރަތަމަ މެޗުގައި، މެސީގެ ދެ ލަނޑުން ޑިޕޯޓިވޯ އަލަވޭސްގެ މައްޗަށް ކާމިޔާބު ހޯދީ 3-0 ންނެވެ.

އަމިއްލަ ދަނޑު ކޭމްޕްނޯ ސްޓޭޑީއަމްގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބު ކުރީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ.

މެޗުގެ ފަހު 10 މިނެޓްގައި ބާސާއިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ދެ ވަނަ ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ދެ ވަނަ ހާފުގައި ކުޅެން ނިކުތް ފިލިޕޭ ކްޓީނިއޯ އެވެ.

މެސީގެ ދެ ވަނަ ލަނޑު، ލުއިސް ސުއަރޭޒް ދިން ފުރުސަތަކުން ކާމިޔާބު ކުރީ 93 ވަނަ މިނެޓްގައެވެ. އެ ލަނޑަކީ ބާސެލޯނާގެ 6000 ވަނަ ގޯލެވެ.

ބާސާގެ 5000 ވަނަ ލަނޑުވެސް ކާމިޔާބު ކުރީ މެސީ އެވެ. އެވެ. އެއީ 2009 ވަނަ އަހަރު އެވެ. އެހެންވެ ލަނޑު ޖެހުމުގެ ޓްރެކް ރެކޯޑްގައި މެސީއަށް ބާސާގައި އާ ތާރީހެއް އުފެއްދުނީ އެވެ.

ބާސާގެ 1000 ވަނަ ލަނޑު 1950 ވަނަ އަހަރު ކާމިޔާބު ކުރީ މާކޯސް އައުރޭލިއޯ އެވެ. ދެހާސް ވަނަ ލަނޑު ކާމިޔާބު ކުރީ ޒަބާޔާ އެވެ. އެއީ 1964 ވަނަ އަހަރު އެވެ. ބާސާގެ 3000 ވަނަ ގޯލް ކާމިޔާބު ކުރީ އެންރީކޭ ކާސްޓްރޯ ގޮންޒާލޭޒް (ކުއިނީ) އެވެ. އެއީ 1982 ވަނަ އަހަރު އެވެ. ބާސާގެ 4000 ވަނަ ލަނޑު 1996 ވަނަ އަހަރު ކާމިޔާބު ކުރީ ގުޔަރަމޯ އަމޯރު އެވެ.