ކުޅިވަރު

ކްރިކެޓް ލީގްގެ ޗެމްޕިއަންކަން ފައިނަލުގެ ދެ ޓީމަށް

ފައިނަލު މެޗު ފަށައިގެން މޫސުން ގޯސްވެ އިތުރަށް ކުރިއަށް ނުގެންދެވުމުން، ޖުމްހޫރީ ޓީ 20 ކްރިކެޓް ޕްރިމިއާ ލީގް ޗެމްޕިއަންކަން ފައިނަލުގައި ވާދަ ކުރި ދެ ޓީމު، ސީބީއެލް އާއި ވިޔަންސާ ހޯދައިފި އެވެ.

އިއްޔަގެ މެންދުރު ފަހު 2:00 ގައި މެޗު ފަށައިގެން ޓޮސް ދިމާވުމުން ސީބީއެލް ގަސްތު ކުރީ ހޮވުމަށެވެ. ވިޔަންސާ ކުޅެން އަރާ ހެދުނީ ފަސް އޯވަރެވެ. އޭގެ ފަހުން މޫސޫން ގޯސްވެ ކުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އޭގެ ފަހުން އަމްޕެޔަރުންގެ ޓީމުން މެޗު ފެށޭތޯ ދެ ފަހަރު މަސައްކަތް ކުރި އެވެ. ނަމަވެސް މޫސުމާއި ދަނޑުގެ ކޮންޑިޝަން އޮތްގޮތުން މެޗު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ހަވީރު 4:15 އާ ހަމަޔަށް ބެލުމަށް ފަހު އިތުރަށް ކުޅެވެން ނެތުމުން އަމްޕެޔަރުން ނިންމީ ދެ ޓީމަށް މެޗު ލިބުނީ ކަމަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫސުފް އަޒްޔާން ފަރުހަތެވެ. އެންމެ މޮޅު ބެޓްސްމަނަކީ މުހައްމަދު ރިޝްވާން އެވެ. އެންމެ މޮޅު ބޯލާ އަކީ މުހައްމަދު މަހްފޫޒް އެވެ. އެންމެ މޮޅު ފީލްޑާއަކީ އަހްމަދު ނީޝަމް ނާސިރެވެ. އެންމެ މޮޅު ވިކެޓް ކީޕަރަކީ ހަސަން ރާޒިގް ރަޝީދެވެ.