ރިޕޯޓް

މިފަސް އަހަރު: އެންމެ މުހިންމު މަސައްކަތް އެއާޕޯޓް ތަރައްގީ!

Aug 20, 2018
5

ރާއްޖޭގެ އިގްތިސާދުގެ މައި ދޮރަކީ، ވެލާ އިންޓަނޭޝަނަލް އެއާޕޯޓެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދީގެން ލިބުނު ގެއްލުންތަކުން އެތަން އޮތީ ވަރަށް ދަށްހާލަތަކަށް ވެއްޓިފަ އެވެ. އެއާޕޯޓްގެ ތަރައްގީއަށް ވުރެ ބޮޑަށް ކަންކަން ކޮށްފައި ހުރީ ވިޔަފާރީގެ ބޮޑު ފައިދާ ނެގޭ ގޮތަށެވެ. ޖީއެމްއާރުގެ އާއްމު މަޝްރޫއުތަކޭ އެއްގޮތަށް ފުރަތަމަ ވެސް "ރީތިކޮށްލީ" އެއާޕޯޓުގެ މޫނު މައްޗެވެ. އަދި ހިތްގައިމު ޕެސެންޖަރު ޓާމިނަލްއެއްގެ ބިންގާ އެޅި އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެ ކުންފުންޏަށް ބަދަލު ދިނުމަށްފަހު، އެއާޕޯޓް ތަރައްގީ ކުރަން ބޮޑު މަސައްކަތެއް ފަށައިގަތީ އެއާޕޯޓަށް އަސްލު ތަރައްގީ ގެންނައުމުގެ ވިސްނުމާ އެކު އެވެ.

"ޖީއެމްއާރުގެ ނެތް ރަންވޭ ހެދުމުގެ ޕްލޭނެއް. މިހާރުން މިހާރަށް ވެސް މި ރަންވޭ ހަދަން ޖެހޭ. ނަސީބު ގަދަކަމުން 30 އަހަރު ވަންދެން މި ރަންވޭ އޮތީ. ހުރިހާ ދިރާސާތަކުން ވެސް ވެސް ދައްކާ މިތަން ހަދަން ޖެހޭކަން. އެކަމަކު މިއަދާ ހަމައަށް ވެސް ނުހަދައި އޮތީ،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، އަދި އެމްއޭސީއެލްގެ ބޯޑް މެންބަރެއް ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) ވިދާޅުވި އެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓް ދަމައިގަތުމާ އެކު އެ ކުންފުނިން ސިންގަޕޫރު އާބިޓްރޭޝަން އަށް މައްސަލަ ވެއްދި އެވެ. އަދި ގިނަ ދުވަސްތަކެއްގެ ދިގު ދެމުމަށް ފަހު، ނިމުނީ ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަމަށެވެ. މިގޮތުން ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ. މިއާއެކު ދެން ފެނުނީ އެއާޕޯޓް ތަރައްގީ ކުރަން އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް އިއުލާނު ކުރި ތަނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފެށި މި މަސައްކަތުގައި ގިނަ ބައިތަކެއް ހިމެނެ އެވެ.

ރަންވޭގެ މަސައްކަތް

ވީއައިއޭގެ ތަރައްގީގައި އެންމެ މުހިންމު އަދި ބޭނުންތެރި އެއް މަސައްކަތަކީ އާ ރަންވޭއެއް އެޅުމެވެ. އާ ރަންވޭ އަޅަން 100 ފުޓުބޯޅަ ދަނޑުގެ ބޮޑު ސަރައްދެއް ވަނީ ހިއްގާފަ އެވެ. ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްގެން މި ސަރަަހައްދު ހިއްކައި، ރަންވޭ އަޅާފައިވަނީ ޗައިނާގެ އެންމެ މަޝްހޫރު އެއް ކުންފުނި، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ނެވެ. ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭ ހަދަނީ "ކޯޑްއެފް" ސްޓޭންޑަށަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ގޮތަށް ހަދާ މި ރަންވޭގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ހަތަރު ސަތޭކަ މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ނިންމި މި ރަންވޭއަށް އަންނަ މަހު ބޯޓު ޖައްސާނެ އެވެ.

އާ ޕެސެންޖަރު ޓާމިނަލްއެއް

އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ސައޫދީގެ ބިންލާދިން ގްރޫޕް އަށެވެ. މިހާރު އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްއާ އިންވެގެން ހަދާ މި ޓާމިނަލްގެ މަސައްކަތް ފެށުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި 17 އަށްވުރެ ގިނަ އިމާރާތް ވަނީ އެ ސަރަހައްދުން ނަގައި "ރިލޮކޭޓް" ކޮށްފަ އެވެ. މި މަސައްކަތް ސައޫދީ ބިންދާލިން ގްރޫޕަށް ހަވާލުކުރީ 300 މިލިއަން ޑޮލަރަށެވެ. ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ. ޕެސެންޖަރު ޓާމިނަލްގެ މަޝްރޫއު ސައޫދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 21، މެއި 2016 ގަ އެވެ. މި މަސައްކަތް ދިޔައީ ވަރަށް މަޑު ދުވެލީގަ އެވެ. މި ދައުރު ނިމޭއިރު، ޓާމިނަލް އަޅާ ސަރަހައްދު ޕައިލްކޮށް ދަނީ މަސައްކަތް ކުރިއަށެވެ.

ކާގޯ އާއި ތެޔޮ ރައްކާކުރާ ވަސީލަތް

ވީއައިއޭ ތަރައްގީ ކުރާއިރު އެންމެ މުހިންމުއެއް މަސައްކަތަކީ މި ތަނަށް ބޭނުންވާނެ ތެލާއި ކާގޯ ވަސީލަތް ރައްކާކުރާނެ ގޮތްތަކެއް ހަމަޖެއްސުމެވެ. އެހެންވެ، ޒަމާނީ ކާގޯ ޓާމިނަލްއެއް އަޅަން ވަނީ ފަށާފަ އެވެ. މި މި މަސައްކަތް ހަވާލުކޮށްފައިވަނީ 337 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. މިތަން ތަރައްގީ ކުރަނީ އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭ ގޮތަށެވެ. ފިއުލްފާމްއެއް އެޅުމަށް ކުރާ މަސައްކަތުގެ ދަށުން، ބަހައްޓާ ޓޭންކްތަކުގައި 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށް އެ އެމްއޭސީއެލްއިން ބުނެފައިވެ އެވެ. ވީއައިއޭ ފިއުލް ފާމްގެ މަސައްކަތް ވެސް ކުރަނީ ރަންވޭ އާއި ކާގޯ އިމާރާތުގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ނެވެ. ފިއުލް ފާމްގެ މަސައްކަތް ވީއައިއޭގައި ފެށިއިރު އެއާޕޯޓުގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. "ފިއުލް ހައިޑްރެންޓް" ހޮޅި އެޅުމުގެ މަޝްރޫއުގެ ދަށުން 8.4 ކިލޯ މީޓަރުގެ ހޮޅި އަޅަން ހަމަޖެހިފައިވެ އެވެ.

މުޅިންއާ ސީޕްލޭން ޓާމިނަލްއެއް

މި މަޝްރޫއުގެ ދަށުން މުޅިންއާ ސީޕްލޭން ޓާމިނަލްއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ފެށުމުގެ ކުރިން 3.2 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. އާ ސީ ޕްލޭން ޓާމިނަލް އަޅަން ޖުމްލަ 3.2 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެ އެވެ. އަދި ސަރަހައްދުގެ 18،000 އަކަމީޓަރުގެ ބިން ހާއްސަކުރަނީ ޓާމިނަލް އަޅާ ސަރަހައްދުގެ ގޮތުގަ އެވެ. އަދި ސީ ޕްލޭންތައް މަރާމާތު ކުރަން ބަހައްޓާ ހެނގަރު ހަދަން، 14،000 އަކަމީޓަރު ބިން ތަރައްގީ ކުރާނެ އެވެ.

މި ގިނަ މަސައްކަތްތައް ކުރަނީ ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގައިގެންނެވެ. މި މަސައްކަތުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާއިރު، ލޯނުތައް ނަގާފައިވަނީ ކުޑަ އިންޓްރެސްޓުގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި މި ލޯނުތައް 15 އަހަރުން ދެއްކޭނެ ކަމަށް ސަރުކާރުން ވަނީ ލަފައިކޮށްފަ އެވެ. މިއީ ރިސްކް ނަގައިގެން ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއެކެވެ.