ހަބަރު

ރާއްޖެއިން އިންޑިއާގެ ކެރެލާއަށް އެހީގެ ގޮތުގައި ބައި ލައްކަ ޑޮލަރު ދެނީ

އިންޑީޔާއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެގައުމުގެ ކެރެލާ ސްޓޭޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން އެ ގައުމަށް 50،000 ޑޮލަރު، 771،000 ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އިންޑިޔާއަށް ދިމާވެގެން އުޅޭ ކާރިސާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށާއި ހާއްސަކޮށް ސީދާ އޭގެ އަސަރު ކުރި ފަރާތްތަކަށް ހަމްދަރުދީވާ ކަމަށާއި އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށެވެ. އެގޮތުން ކެރަލާގައި ކުރިޔަށްދާ އޮޕަރޭޝަންތަކަށް އެހީއެއްގެ ގޮތުން 50،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެރެލާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރެވިންޑްރަމް އާއި ކޮޗިންގައި ވެސް ފެންބޮޑުވެ، ބައެއް ދިވެހި އާއިލާތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން ކޮޗިންގައި ތާށިވެފައި ތިބި 100 އެއްހާ ދިވެހިން ވަނީ ޓްރެވިންޑްރަމްއަށް ގެނެސްފަ އެވެ.

އިންޑިޔާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް އެ ގައުމުގެ 167 މީހުން ވަނީ މަރުވެފަ އެވެ.