ކުޅިވަރު

އަގުއޭރޯ ހެޓްރިކް، ބްރޮއިޓަން ޔުނައިޓަޑް އަތްދަށުލައިފި

ފޯވަޑް ސާޖިއޯ ކުން އަގުއޭރޯ ހެދި ހެޓްރިކުން 6-1 ތަފާތު ބޮޑު ނަތީޖާއަކުން ހަޑާސްފީލްޑް ޓައުންގެ މައްޗަށް މެންޗެސްޓާ ސިޓީން ބޮޑު މޮޅެއް ހޯދައިފި އެވެ.

ސިޓީން ބޮޑު މޮޅެއް ހޯދި ނަމަވެސް، ވާދަވެރި މެންޗެސްޓާ ޔުނައިޓަޑް ވަނީ ބްރޮއިޓަން އެންޑް ހޯވް އެލްބިއޮން، އަތުން ބަލިވެފަ އެވެ. ބްރޮއިޓޮން މެޗު ކާމިޔާބު ކުރީ 3-2 ން ނެވެ.

އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން ސިޓީ ވަނީ ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހާފަ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި، ސިޓީއަށް ހަޑާސްފީލްޑްގެ ގޯލް ހުޅުވައިދިނީވެސް އަގުއޭރޯ އެވެ. ސިޓީގެ ކީޕަރު އީޑަސަން ފަހަތު ބޯޅަ ކުރިއަށް ފޮނުވާލީ، އަގުއޭރޯ އޮފްސައިޑުން މަޅިން ސަލާމަތްވެ ހުހަށް ހުމުރުމުންނެވެ.

އީޑަސަން ފަހަތުން ފޮނުވާލި ބޯޅަ އަގުއޭރޯއަށް ލިބުނީ ހަޑާސްފީލްޑް ޕެނަލްޓީ އޭރިއާ ބޭރުންނެވެ. އަގުއޭރޯއަށް ބޯޅަ ލިބުމުން އެ ބޯޅަ ދިފާއު ކުރަން ހަޑާސްފީލްޑްގެ ކީޕަރުވެސް ކުރިއަށް ނިކުތެވެ. އެހެންކަމުން އަގުއޭރޯއަށް އިތުރަށް ބޯޅަ ގޯލަށް ފޮނުވާލުމުގައި ފަސޭހަވެގެން ދިޔަ އެވެ. ޑިފެންސާއި ކީޕަރުގެ ބޯމަތިން އޭނާ ފޮނުވާލީ ހުހަށް އޮތް ގޯލަށެވެ.

ސިޓީގެ ދެ ވަނަ ލަނޑު 31 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގެބްރިއަލް ޖިސޫސް އެވެ. އޭގެ ފަސް މިނެޓް ފަހުން އަގުއޭރޯ ވަނީ ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން، ހަޑާސްފީލްޑުން ވަނީ ނަތީޖާ 3-1 ށް ބަދަލު ކޮށްލާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި ޖޯން ސްޓޮންކޮވިޗެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓްގައި، ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އަގުއޭރޯ ހެޓްރިކު ހެދީ 75 ވަނަ މިނެޓް ގައި ކާމިޔާބު ކުރި ލަނޑުންނެވެ. ސިޓީގެ ހަ ވަނަ ލަނޑަކީ ހަޑާސްފީލްޑްގެ ޓޭރެންސް ކޮންގޯލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަމިއްލަ ދަނޑުގައި ބްރޮއިޓޮންގެ އިން ވަނީ މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގައި ޔުނައިޓަޑްގެ ކޮޅަށް ދެ ގޯލް ވައްދާލާފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ގެލޯން މަރީ، ކާމިޔާބު ކުރީ ސޮލީ މާޗް ނަގައިދިން ހުރަސް ފައިން ފްލިޕް ކޮށްލުމަށް ފަހު އެވެ.

އޭގެ ދެ މިނެޓް ފަހުން ބްރޮއިޓޮން އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޝޭން ޑަފީ އެވެ. އެ ލަނޑު ވަނުމުގައި ޔުނައިޓޑްގެ ޑިފެންސަށް ހެދުނު މިސްޓޭކު ފާހަގަކޮށް ލެވެ އެވެ. މެޗުގެ 34 ވަނަ މިނެޓްގައި ރޮމެޔޫ ލުކާކޫ ވަނީ ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ބޮލުން ފޮނުވާލި ބޯޅައަކުން ކާމިޔާބު ކޮށްފަ އެވެ.

ހަޑާސްފީލްޑް ޓައުންގެ ތިން ވަނަ ލަނޑަކީ، ޔުނައިޓަޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ބްރައިޓޮންގެ ޕޭސަކަލް ގްރޯސް އަށް ޕޮގްބާ ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ގްރޮސް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ފައިގައި ޖެހިފަ އެވެ.

މެޗުގެ 93 ވަނަ މިނެޓްގައި، ޔުނައިޓަޑްގެ ދެ ވަނަ ލަނޑު ޕޮގްބާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އެކުންނެވެ. ޕެނަލްޓީ އަކީ ހަޑާސްފީލްޑް އޭރިއާގެ ތެރެއިން ޔުނައިޓާޑްގެ މަރުއާން ފެލެނީއަށް، ޑަފީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.