ހޮލީވުޑް

ކެވިން ސްޕޭސީގެ ފިލްމަށް ލިބުނީ އެންމެ 126 ޑޮލަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ނެޓްފްލިކްސްގެ ސީރީޒް "ހައުސް އޮފް ކާޑްސް" އިން ބޭރުކޮށްލި އެކްޓަރު ކެވިން ސްޕޭސީގެ އާ ފިލްމު، "ބިލިއޯނާ ކްލަބް" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ލިބުނީ އެންމެ 126 ޑޮލަރު ކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ.

ޖޭމްސް ކޯޒް ޑައިރެކްޓުކުރި މި ފިލްމުގައި ކެވިންއާއެކު މުހިންމު ރޯލުތަކުން އެންސެލް އެލްގޯޓް، ޓެރޮން އީގާޓޮން، އެމާ ރޮބާޓްސް އަދި ޖެރެމީ ލިވައިން ފެނިގެންދެ އެވެ.

ކެވިންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރެވުމާ ގުޅިގެން މި ފިލްމު ސިނަމާތަކަށް ގެނެސްދެވިދާނެ ކަމާއިމެދުގައިވެސް ސުވާލުތަކެއް އުފެދުނެވެ. އެންމެފަހުން ނިންމީ ފިލްމު އޮންލައިންކޮށް ބެލޭނެގޮތަށް ދޫކޮށްލުމަށެވެ. އަދި ސިނަމާތަކުގައި މަދު ޝޯތަަކެއް ދައްކާށެވެ.

މި ފިލްމު ރިލީޒްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު 126 ޑޮލަރު ލިބުނުއިރު، ދެ ވަނަ ދުވަހު ލިބުނީ 162 ޑޮލަރެވެ. މުޅި ހަފްތާ ބަންދު ނިމުނުއިރު ލިބުނީ އެންމެ 287 ޑޮލަރެވެ.

"ބިލިއޯނާ ކްލަބް" ޓްރެއިލާ.

ކެވިންގެ މައްޗަށް އެންމެ ފުރަތަމަ މި ތުހުމަތުކުރީ އެކްޓަރު އެންތޮނީ ރެޕް އެވެ. މިހާރު އުމުރުން 26 އަހަރުގެ އެންތޮނީ ތުހުމަތުކުރީ އޭނާގެ އުމުރުން 14 އަހަރުގައި ކެވިން އޭނާއަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އޭގެފަހުން އަދި އިތުރު ބަޔަކުވެސް ވަނީ ކެވިންގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށްފަ އެވެ.