ބޮލީވުޑް

ދޯސްތާނާ 2 އަށް ޖާންވީ އާއި ސިދާތު

ކަރަން ޖޯހަރް 2008 ވަނަ އަހަރު ގެނެސްދިން ފިލްމު "ދޯސްތާނާ" ގެ ސީކުއެލްގެ ވާހަކަ ދެކެވެމުން އަންނަތާ ޒަމާންގަނޑެއްވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ސީކުއެލް ރަސްމީކޮށް އިއުލާނުކުރާކަށް މިހާރު މާ ގިނަ ދުވަސްތަކެއް ނެތެވެ.

ބޮލީވުޑް ހަންގާމާއިން ބުނި ގޮތުގައި ސީކުއެލްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ސީކުއެލް ނުގެނެސްދެވި ލަސްވެގެންދިޔައީ ކަރަންއަށް ސްކްރިޕްޓު ކަމުނުގޮސްގެން ކަމަށާއި ނަމަވެސް މިހާރު ސްކްރިޕްޓުގައި ހުރި މައްސަލަތައް ހައްލުކޮށް ފިލްމުގައި ލީޑު ކުޅެން ދެ ތަރިއަކުވެސް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ލީޑަށް ނަގާފައިވާ ކަމަށް ބުނީ ދާދިފަހުން ބޮލީވުޑަށް ތައާރަފުވި ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރްއާއި މަޝްހޫރު އެކްޓަރު ސިދާތު މަލްހޯތުރާ އެވެ. ލީޑަށް ނަގާނެ އަދި އިތުރު ތަރިއަކުވެސް އަންނަނީ ހޯދަމުންނެވެ.

"ދޯސްތާނާ" ގެ ލަވައެއް.

މި ފިލްމުގެ ތައްޔާރީތަކުގައި އުޅޭ މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނީ ފުރަތަމަ ފިލްމުގެ ކާމިޔާބީއާއެކު "ދޯސްތާނާ 2" ތައްޔާރުކުރުކަން ކަރަން އަބަދުވެސް ބޭނުންވި ކަމަށެވެ. މިހާރު ކަރަންއަށް ކަމުދާ ސްކްރިޕްޓެއްވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން ޕްރޮޑަކްޝަން ސްޕީޑް އަވަސްކުރާނެ ކަމަށެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ ފުރަތަމަ ފިލްމުވެސް ޑައިރެކްޓުކުރި ތަރުން މަނުޝްކާނީ އެވެ. މުޅިން އާ ވާހަކައަކާއި ކާސްޓާކާއެކު މި ފިލްމު ގެނެސްދޭއިރު، ކުރީ ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދިޔައީ ޕްރިޔަންކާ ޗޯޕްރާ، ޖޯން އަބްރަހަމް އަދި އަބީޝޭކް ބައްޗަން އެވެ.