ބާސެލޯނާ

ބާސާގެ ދަނޑުގެ ވިނަގަނޑު އޮތް ގޮތުން ހިތް ހަމަނުޖެހިއްޖެ

އެފްސީ ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމް ކޭމްޕްނޯގެ ދަނޑުގެ ވިނަގަނޑު އޮތް ގޮތާމެދު އެ ޓީމުގެ ކުޅުންތެރިން ހިތްހަމަ ނުޖެހިއްޖެ އެވެ.

ސްޕެނިޝް ލީގްގައި ބާސާ ކުޅުނު ފުރަތަމަ މެޗުގައި ދަނޑުގެ ވިނގަނޑު އޮތް ހަލަތާ މެދު ކުޅުންތެރިން ހިތްހަމަ ނުޖެހުނީ ކުޅެމުން ދިޔައިރު ވިނަތައް ނިއުޅެމުން ދިއުމުން ކުޅުންތެރިންނަށް ކުރިމަތިވި ކުދި ހާނިކަތަކާ ގުޅިގެންނެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން ބުނީ، އަލަވޭސްގެ މެޗަށް ފަހު، ކުޅުންތެރިން ވަނީ ދަނޑުގެ ވިނަގަނޑު އޮތްގޮތާމެދު ޑްރެސިން ރޫމުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށެވެ. އަލަވޭސްއާ ދެކޮޅަށް ކުޅުމުގެ ތިން ދުވަސް ކުރިން، ބާސެލޯނާއިން ވަނީ ޖޯން ގެމްޕާ ޓްރޮފީ މެޗުގައި އާޖެންޓީނާގެ ބޮކަ ޖޫނިއާސްއާ ދެކޮޅަށް ކުޅެފަ އެވެ.

ޖޯން ގެމްޕާ ޓްރޮފީ މެޗާ ގުޅުވައި ބާސާއިން ވަނީ ދަނޑުމަތީގައި މެޗުގެ ކުރިން ހަރަކާތްތަކެއް ބާއްވާފަ އެވެ.

ކުޅުންތެރިންގެ ހިތްހަމަނުޖެހުން އެންމެ ބޮޑަށް އިތުރުވީ، ދަނޑުގައި އެއްވެސް މެޗެއް ނުކުޅެ ތިން މަސް ދުވަސް ވޭތުވެދިޔަ އިރުވެސް ދަނޑުގެ ހާލަތު ރަނގަޅު ކުރުމަށް މާބޮޑު ކަމެއް ކޮށްފައި ނުވުމުންނެވެ.

ކޭމްޕްނޯގެ ވިނަގަނޑުގެ ހާލަތު ރަނގަޅު ކުރުމަށް ބާސާއަށް 10 ދުވަހުގެ މުއްދަތެއް އެބައޮތެވެ. އަމިއްލަ ދަނޑުގައި ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.