ހަބަރު

އުފަން ރަށުގެ ތާއިދު ފެނި ފައިސަލް ފެންކަޅިވެއްޖެ

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު އުފަން ރަށް، ފުވައްމުލަކަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. އުފަން ރަށުން ފެނުނު ތާއިދާއެކު ފައިސަލަށް އުފަލުން އެތައް އަސަރެއްކޮށް ފެން ކަޅިވި މަންޒަރު ފެނުނެވެ.

ފައިސަލް ވަނީ މީގެ ކުރިން ވެސް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފުވައްމުލަކަށް ވަޑައިގެންފަ އެވެ. ނަމަވެސް ރަށުގައި އީދު ފާހަގަ ކުރެއްވުމަށް ފައިސަލް މިފަހަރު ވަޑައިގެންނެވީ އެކަންޏެވެ.

ޕާޓީތަކުގެ އިސް ބޭފުޅުންގެ ވަފުތަކާއެކު ފައިސަލް މިއަދު ފުވައްމުލަކަށް ވަޑައިގެންނެވުމާއެކު އެ ސިޓީގެ އަށް އަވަށަށް ނިސްބަތްވާ ރައްޔިތުން އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔެވެ. ފައިސަލަށް ކީ ރަތް ދޫލައިގެ މަރުހަބާއެކެވެ. މީގެ ކުރިން އޭނާ އެތައް ފަހަރަކު އެ ރަށަށް ވަޑައިގެން ނަމަވެސް، މިވަރުގެ މަރުހަބާއެއް ދެކެފައެއް ނުވެ އެވެ.

މަރުހަބާ ކިޔުމަށް އެއްވެ ތިބި ރައްޔިތުންނާ ސަލާމްކުރުމަށް ފައިސަލް ގާތްގަނޑަކަށް 45 މިނެޓް ހޭދަކުރެއްވި އެވެ. އެއަށްފަހު އެމީހުންނާއެކު ދޫޑިގަން އަވަށުގެ އެމްޑީޕީ ހަރުގެއަށް ހިންގަވާފައި ވަޑައިގަތެވެ. އަދި އެ ތަނުގައި ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.

ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު ފައިސަލް ހުންނެވީ ފެން ކަޅިވެފަ އެވެ. ފައިސަލަށް ހިތްވަރުދީ، ތާއިދު އޮތްކަން ރައްޔިތުން އޭރު ދިޔައީ ހާމަ ކުރަމުންނެވެ.