ނިމިފައި ހުންނަތާ ހަ އަހަރުވެފައިވާ ހދ. ކުޅުދުއްފުށީގެ ރޯ ހައުސްތަކުގެ ތަޅުދަނޑިތައް އިއްޔެ ހަވާލުކޮށްފި އެވެ. ރޯ ހައުސްތައް ހަވާލުކުރި އެ ތަންތަން ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެށި އެ މަޝްރޫއުގެ ދަށުން ރޯ ހައުސް ލިބުނު 58 މީހަކަށް އިއްޔެ ތަޅުދަނޑި ހަވާލުކޮށްފައިވާއިރު މި ހަފުތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ރޯ ހައުސްތައް ހަވާލުވެސް ކޮށްފައިވަނީ އެތަންތަން ވީރާނާވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވަނިކޮށް އެ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް މިއަދު އަވަސްއަށް ވިދާޅުވީ، ކުޅުދުއްފުށީ ދެ ސަރަހައްދެއްގައި ހަދާފައިފައިވާ ރޯ ހައުސްތައް އޭގެ ވެރި ފަރާތްތަކާ ހައުސިން މިނިސްޓްރީން އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ. އިއްޔެ ތަޅުދަނޑިތައް ހަވާލުކުރީ މިއަދުން ފެށިގެން ވެސް އެތަންތަނަށް ވަދެވޭ ގޮތަށެވެ.
ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކައިރީގައި ހަދާފައިވާ 18 ރޯ ހައުސް އާއި ރަށު ހަސަނާތު މިސްކިތުގެ ފުރަގަހުގައި ހަދާފައިވާ 40 ރޯ ހައުސް އެވެ. އެ ރޯ ހައުސްތައް ލިބިފައިވަނީ އެކަމަށް އެދި ކައުންސިލުން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތުން ނެގުނު މީހުނަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ މީހުންނާއި ކުޅުދުއްފުއްޓަށް ހިޖުރަކުރަން ބޭނުންވާ މީހުން ހިމެނެ އެވެ.
ރޯ ހައުސްތައް ހަވާލުކޮށްފައިވާ ހަސަނާތު މިސްކިތުގެ ކައިރީގައި ހުރި ރޯ ހައުސްތަކު ސަރަހައްދުގައި ނަރުދަމާ އާއި ކަރަންޓު ނެތްކަން ލަތީފް ފާހަގަކުރެއްވި އެވެ. އެކަންކަން އީދު ޗުއްޓީއަށްފަހު ހައްލުކޮށް ދެއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ރޯ ހައުސްތަކުގެ މަރާމާތަށް ދާ ފައިސާ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯ ހައުސްތައް އަޅަން ފެށި އެވެ. އޭގެ ތެރެއިން ދެ ސަރަހައްދުގެ ރޯ ހައުސްތައް މި ސަރުކާރު އައިއިރު ހުރީ ނިމިފަ އެވެ. އެމްޑީޕީ ސަރުކާރުގައި ހިއްކި ސަރަހައްދުގައި އަޅަން ފެށި 100 ރޯ ހައުސްތައް ވެރިކަން ވެއްޓުމާއެކު ހުއްޓުނު ގޮތަށް އަދިވެސް ހުރީ ހުއްޓިފަ އެވެ.