ކަރަން ޖޯހަރް

"ދޯސްތާނާ 2 ގެނެސްދޭ ވާހަކައަކީ ދޮގެއް"

ކަރަން ޖޯހަރް ރުޅިގަދަވެ، "ދޯސްތާނާ" ގެ ދެ ވަނަ ބައި ނުވަތަ ސީކުއެލް ގެނެސްދެން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދިޔަ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފި އެވެ.

ބޮލީވުޑްގެ މީޑިއާ ރިޕޯޓުތައް ކުރިން ބުނިގޮތުގައި 2008 ގައި ކަރަން ގެނެސްދިން ފިލްމު "ދޯސްތާނާ" ގެ ދެ ވަނަ ބައެއްގެ މަސައްކަތް އެނާ މިހާރު ވަނީ ފަށާފަ އެވެ. އަދި އެ ފިލްމުގައި ލީޑު ކުޅުމަށް ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރްއާއި ސިދާތު މަލްހޯތްރާ ވަނީ ނަގާފަ އެވެ.

ނަމަވެސް އިއްޔެ ކަރަން ކުރި ޓުވީޓެއްގައި ބުނީ "ދޯސްތާނާ 2" އާއި ބެހޭގޮތުން ދެކެވެމުންދާ ހުރިހާ ވާހަކަތަކަކީ އެއްވެސް ތާކުންތާކުނުޖެހޭ ދޮގުވާހަކަތަކެއް ކަމަށެވެ.

ޕްރިޔާންކާ ޗޯޕްރާ، ޖޯން އަބްރަހަމް އަދި އަބީޝޭކް ބައްޗަން ލީޑުން ފެނިގެންދިޔައި "ދޯސްތާނާ" ގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ތަރުން މަނުޝްކާނީ ސީކުއެލްގެ ސްކްރިޕްޓު ތައްޔާރުކުރަމުން އަންނަ ކަމަށްވެސް މީޑިއާތަކުގެ ރިޕޯޓުކުރި އެވެ.

އާއިލީ ނުފޫޒު ގެންގުޅޭކަމަށް ބުނާ މީހުނަށް ކަރަންގެ ފިނި ރައްދެއް

"ދޯސްތާނާ" ގެ ސީކުއެލްއަށް ޖާންވީ އާއި ސިދާތު ނެގިކަމަށް ބުނެ މީޑިއާގައި ރިޕޯޓުތައް އާންމުވުމާއެކު ކަރަންއަށް އަނެއްކާވެސް އާއީ އޭނާގެ މައްޗަށް އަބަދުހެން މިހާރު ކުރެވެމުން އަންނަ ތުހުމަތުތަކެކެވެ. އެއީ އާއިލީ ނުފޫޒާއި ހެދި ކަރަންގެ ފިލްމުތަކުގައި މަޝްހޫރު މީހުންގެ ދަރިން ބޭއިންސާފުން މަސައްކަތްކުރުމުގެ ފުރުސަތުދޭ ކަމަށް ބުނާ ތުހުމަތުތަކެވެ.

ޓުވިޓާ މެދުވެރިކޮށް ކަރަންގެ މައްޗަށް މިފަދަ ތުހުމަތެއް ކުރި މީހަކަށް އޭނާ ވަނީ ފިނި ރައްދެއް ދީފަ އެވެ.