ވާހަކަ

ބުނެދޭށޭރުހެމޭ

(19 އޯގަސްޓް 2018 އާ ގުޅޭ) -- "ވެއިޓް ހިއާ..." ނިމްރާއަށް އަރްސަލް ބުނެލިއެވެ. ގަނޑުވެފައި ހުރި ބުއްދެއް ފަދައިން ނިމްރާއަށް ހުރެވުނީއެވެ. އަރްސަލް ހަލުވިކޮށް ގޮސް އެ އަންހެންކުއްޖާއާ އަރާ ހަމަކުރީއެވެ.

ނިމްރާގެ ސިކުނޑީގައި އިހު ހުރި ސުވާލުތަކަށް ޖަވާބު ނުލިބިގެން އުޅެނިކޮށް އޭގެ މައްޗަށް އަނެއްކާ އެތައް ސުވާލެއް ފުނިޖެހިގެން ދިޔައެވެ. އެ އަންހެންކުއްޖާ ފެނުމުން އަރްސަލްގެ މޫނުމަތިން ހާސްކަމެއް ފާޅުވިތަން ނިމްރާ ދުށްޓެވެ. އޭނާ ވެސް އެވަގުތު އެ އަންހެންކުއްޖާއާ ބައްދަލުވެދާނޭކަމަށް ތައްޔާރުވެގެން ނޫންކަން ހުރީ އަރްސަލްގެ ހަރަކާތްތައް ހުރި ގޮތުން އެނގެއެވެ. އެ ހޮޓެލަށް އެ އަންހެންކުއްޖާ އަންނަންވީ ސަބަބަކާ މެދު އަމިއްލަ ޟަމީރާ ނިމްރާއަށް ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. އަރްސަލްއާއި ކީފާގެ ދެމެދުގައި ގުޅުމެއް އޮތީކަމަށް ނިމްރާއަށް ހީކުރެވުނަސް މިހާރު އޭނާގެ ކުރިމަތިން ފެންނަން ހުރީ އަރްސަލްއާއެކު ގާތްގުޅުމެއް އޮތްކަން ޔަގީންވެފައިވާ އަންހެންކުއްޖެކެވެ. އެ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަމެއް އޭރު ވެސް އޮތީ ނިމްރާއަށް ނޭނގިފައެވެ.

"އަރްސަލް އަހަންނަށް ކަމެއް ސިއްރުކޮށްފާނެތަ؟" ސިކުނޑީގެ ހާސްކަން އިންތިހާއަށް ދިޔަ ވަގުތު އަމިއްލަ ނަފްސާ ނިމްރާއަށް ސުވާލުކޮށްލެވުނެވެ.

"މިޢުވާނު ހުރިހާކަމެއްކުރީ ލޯބިވާކަމަށް ބުނަމުން... އަރްސަލް ހުރިހާކަމެއްކުރަނީ އެއްފަހަރު ވެސް ލޯބިވެޔޭ ނުބުނެ ހުރެ" އަމިއްލަ ނަފްސަށް ކުރި ސުވާލުގެ ޖަވާބު ވަގުތުން ދިނީ ސިކުނޑިކަމެއް ނޫނީ ނިމްރާގެ ތަޖުރިބާގެ މައްޗަށް ބުރަވެ ހުރެ އޭނާގެ ޟަމީރުކަމެއް ބުނާކަށް ނޭނގުނެވެ. އިސްޖަހާލެވުނީ އަރްސަލް ހުރި ދިމާއަށް ނިމްރާ ބަލަން ބޭނުންނުވެގެންނެވެ. ކުއްލިއަކަށް ނިމްރާގެ ޠަބީޢަތަށް ބޮޑު ބަދަލެއް އައީއެވެ. ހިތަށް އިޙްސާސް ކުރެވުނު ތަދާއެކު ނޭނގޭ ފޫހިކަމެއް އޭނާ ވަށައިލީއެވެ. އައިކޮޅަށް ދާން އެނބުރިލީ އެހެންވެއެވެ.

"ހޭ!... މަޑުކޮށްބަލަ... ކީއްވެ ތި ދަނީ" އެލެވޭޓާއާ ދިމާއަށް އައި ނިމްރާގެ ފަހަތުން އަރްސަލް އައީ ކުޑަކޮށް ދުވެލާފައެވެ.
"ބޭރަށް ދާހިތެއްނެތް" ނިމްރާ ވާހަކަދެއްކީ އަރްސަލްއާ ނަޒަރު ސީދާނުކޮށެވެ.

"ހިނގާބާ... އަހަރެން ސްކާލެޓް ގޮވައިގެން ދާން ބޭނުންވެގެންނޭ މިބުނީ، ތަނަކަށް ނުދިޔަޔަސް ހިނގާ ކާރު ދުއްވާލަން" ނިމްރާގެ ކޮނޑުގައި ދެފަރާތުން އަރްސަލް ހިފަހައްޓާލަން އުޅުމުން އޭނާ ޖެހިލީ ދުރަށެވެ. އަރްސަލްގެ ސަމާލުކަން ރަނގަޅަށް ވެސް އެކަމަށް ހުއްޓުނެވެ. ހައިރާންވެފައި އިރުކޮޅަކު ނިމްރާއަށް ބަލަން އަރްސަލް ހުއްޓެވެ.

"ހިތްހަމަނުޖެހިފަތަ؟" ނިމްރާއާ ގާތަށް ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަރްސަލް އަހާލިއެވެ.

"މީހުންނަށް ފެނިގެން ފާޑުފާޑުގެ ވާހަކަދައްކާނެ" ދެފަރާތަށް ބޯހޫރުވާލާފައި ނިމްރާ ބުނެލިއެވެ.

"އަހަންނަށް މައްސަލައެއްނެތޭ، ދައްކާނީ އަހަރެމެން ދެ މީހުންގެ ވާހަކައެއްނު، ގައިމު ވެސް އަހަންނާ ގުޅުވާފައި އިތުރު އަންހެންކުއްޖެއްގެ ވާހަކައެއް ނުދައްކާނެ" އަރްސަލްއަށް ކޮންމެވެސް ވަރަކަށް ނިމްރާއަށް ވެފައި ހުރި ގޮތް ނަގައިގަނެވުނީތީ ވާހަކަދެއްކީ ނިމްރާއަށް ކަމެއް ވިސްނައިދޭން ބޭނުންވެހުރެއެވެ. އޭނާއާއި ނިމްރާގެ ގުޅުން ފެށުނީ އާދައިގެ ގޮތަކަށް ނޫނެވެ. ނިމްރާއަށް އެރޭ އޭނާއާއެކު ހުރީ އެ އަންހެންކުއްޖާކަން އެނގުނީކަން އަރްސަލްއަށް ވަރަށް ބޮޑަށް ޤަބޫލުކުރެވުނެވެ.

"އަހަރެންގެ ބޮލުގައި ރިއްސާ އެބަ... ސީރިއަސްކޮށް ބޭރަށް ދާކަށް ބޭނުމެއްނޫން، ބޭނުންވަނީ ނިދާލަން" ނިމްރާ ބުނެލިއެވެ.

"ބޮލުގައި ރިއްސަނީތަ؟ އެހެންވީރު ހިނގާ އެޕާޓްމެންޓަށް... އަހަރެން މަޑުކުރާނަން ސްކާލެޓް ގާތުގައި" އަރްސަލް ބުނެލިއެވެ. ނިމްރާ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތީއެވެ. އެލެވޭޓާއަށް ވަދެ ޕެންޓްހައުސްއާ ހަމައަށް އާދެވެންދެން ވެސް ނިމްރާ ވާހަކައެއް ނުދެއްކިއެވެ. ބަސްމަދުވެފައި ނިމްރާ ހުންނާތީ އަރްސަލްއަށް އުނދަގޫވިއެވެ. އެހެންވިޔަސް ގަދަކަމުން ނިމްރާ ލައްވާ ވާހަކަތަކެއް ދައްކުވާކަށް އަރްސަލް ބޭނުމެއްނޫނެވެ.

އެޕާޓްމެންޓަށް ވަދެވުނު ގޮތަށް ނިމްރާ އައިސް ވަނީ ކޮޓަރިއަށެވެ. އަދި ކޮޓަރީގެ ދޮރު ލައްޕާލަން އުޅުނެވެ. ފަހަތުން އައި އަރްސަލްއަށް ބަލާލުމެއް ވެސް ނެތިއެވެ. އެހިނދު ލެއްޕެމުންދިޔަ ދޮރުގައި ހުސިޔާރުކަމާއެކު އަރްސަލް ހިފެހެއްޓިއެވެ.

"އަހަރެން އެއްޗެހި ބަދަލުކުރަން" އަރްސަލް އެތެރެއަށް ވަންނަ އުޅެން ފެށުމުން ނިމްރާ ބުނެލިއެވެ.

"ޗޭންޖުކޮށްބަލަ... އަހަރެން ނުބާލާނަމޭ" ސަމާސާކުރާ ފަދަ ގޮތަކަށް އަރްސަލް ބުނެލިއެވެ. ނިމްރާ އިތުރަށް އެއްޗެކޭ ނުބުނެ ހެދުން ހިފައިގެން ގޮސްވަނީ ފާޚާނާއަށެވެ. އެތަން ފެނި އަރްސަލްއަށް ތުންއޫކޮށްލެވުނެވެ. ހަމައެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.

"ކޮބާ ނިމުނީތަ؟ އެހެންވެތަ ތިގުޅީ" ފޯނުގެ އިސްކުރީނުން ޝައުންގެ ނަން ފެނުމާއެކު ވަގުތުން ކޯލަށް އަރްސަލް ޖަވާބުދިނެވެ. އޭނާ ފޯނުން ވާހަކަދައްކަމުން އައިސް ނިމްރާގެ އެނދުގައި އިށީނެވެ. ނިމްރާ ފާޚާނާއިން ނުކުތުމުން އޭނާއަށް ބަލާލާފައި އަރްސަލް ކޮޅަށް ތެދުވިއެވެ. އަދި ފޯނުން ވާހަކަދައްކަމުން ކޮޓަރިން ނުކުމެއްޖެއެވެ.

"މިހާރު އަހަރެން ފެންނަ ހިސާބުގައި ފޯނުން ވެސް ވާހަކަނުދެއްކެނީތަ؟" އަރްސަލް ނުކުމެ ލައްޕާލި ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ހުރި ނިމްރާއަށް ހިތާހިތުން ބުނެލެވުނެވެ. ތުންފިއްތާލެވުމާއެކު އޭނާ އައިސް އެނދަށް އަރާ އޮށޯތީއެވެ. ރަޖާގަނޑު ގައިމަތިން ރަނގަޅުކޮށްލުމާއެކު ނިމްރާ ދެ ލޯ މަރާ ތަގުޅިކޮށްލިއެވެ. އިރުކޮޅަކު އެހެން އޮވެފައި ތެދުވި ގޮތަށް އެނދުގެ އަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވާލުމާއެކު ފެނެޑޯލު ކާޑެއް ނަގައި އެ އިން ބޭސްގުޅައެއް ނިމްރާ ކާލިއެވެ. ހަޤީޤަތުގައި ވެސް މިހާރު އޭނާގެ ބޮލުގައި ރިއްސަނީއެވެ. ފެން ހުސްކުރި ތަށި އަރިމަތީ މޭޒުގައި ހުރި ތަބަކުގައި ބަހައްޓާފައި އިހު އޮތްހެން ނިމްރާ އޮށޯތެވެ.

އަރްސަލް އެނބުރި ނިމްރާގެ ކޮޓަރިއަށް އައިއިރު ނިމްރާ އޮތީ ދެ ލޯ މަރައިގެންނެވެ. އެހެންވެ ނިދުނީކަމުގައި ހީކޮށް ނިމްރާގެ ރަޖާ ރަނގަޅުކޮށްލާފައި ނިތްކުރީގައި ބޮސްދިނެވެ. އަރްސަލް ދެފަހަރަކު ނިމްރާގެ އިސްތަށިގަނޑު ނިތްކުރިމަތިން ރަނގަޅުކޮށްލަމުން ބޮލުގައި ފިރުމާ ވެސް ލިއެވެ.

"ޔޫ ޑޯންޓް ހޭވް ޓު ވޮރީ... ސްކާލެޓް ނޫން އަންހެން ކުއްޖަކާ އަހަރެން ގާތެއްނުވާނަން، ޕްރޮމިސް، އެވަގުތު ލޯބިވެޔޭ ނުބުނީމަ ޑިސެޕޮއިންޓްވީކަން އެނގޭ، ސޮރީ ބޭބީ... އަހަރެން ލޯބިވާކަން ހާމަކުރަންވަނީ ވަގުތެއް ކަނޑައަޅާފައި، ޕްލީޒް ވެއިޓް ފޯ މީ... ސްކާލެޓްއަށް ނޭނގުނަސް އަހަރެން ދުވަހަކުވެސް ކުއްޖެއްދެކެ ލޯތްބެއްނުވަން މިވަރަށް، ހަޤީޤަތަށް ވެސް ސްކާލެޓް އަހަރެން މޮޔަކޮށްލައިފި، އެހާ ގާތްވެފައި މިހާރު އަދިވަކިން ދޫކޮށްލާކަށް ބޭނުމެއްނޫން، ހޭލާފަ މޫޑީވެފައި ނުހުންނައްޗޭ އިނގޭ" އެނދު ކައިރީ ކުޑަކަކޫ ޖަހާލައިގެން އަރްސަލް އިނދެ ސިއްރުން ނިމްރާއާ ވާހަކަދެއްކިއެވެ. އެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހަހަރުވެތިކަމެތެވެ. ލުއި ހިނިތުންވުމަކާއެކު އަރްސަލްގެ ދެ ލޮލުން ހިތުގައި ހިނގަމުންދާ ޖަޒުބާތުތައް ފާޅުވޭވޭ ހުއްޓެވެ.

* * * * *

ގެއަށް ދާން ނިންމައިގެން އެލެވޭޓާއަށް އަރާފައި ވެސް ޒިވަންގެ މިސްރާބު ބަދަލުކޮށްލީ ޕެންޓްހައުސްއަށެވެ. ދޮރުގައިވި ބަޒާއަށް އޮބާލުމަށްފަހު ޒިވަން މަޑުކޮށްލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ރާދިންއާއި އަރްސަލްއާއެކު ކުރެވުނު މަޝްވަރާއެވެ. މިޢުވާނުއަށް ހަދަންވީ ކިހިނެއްކަން ޒިވަން ދޫކޮށްލީ އެ ދެ ޒުވާނުންނަށެވެ. އެހެންނަމަވެސް އޭނާއަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބުނެވެ. އިންސާފު ލިބެންވީ ނިމްރާއަށެވެ. އެ އިންސާފު އެ އަންހެންކުއްޖާއަށް ހޯދައިދޭން ޒިވަންގެ ޟަމީރު އެދެއެވެ.

"ޒިވަން" ދޮރުހުޅުވާލި ނިމްރާގެ މޫނުމަތީގައިވީ ހައިރާންކަމެވެ.

"ހެއި ލިޓްލްވަން... ކީއްކޮށްލަނީ، ގެއަށް ދާން ނުކުމެފަ ހިތަށް އެރީ ނިމްގެ ހާލު ބަލާލަން، އަހަންނަށް ކޮފީއެއް އެއްޗެއް ވެސް ނުދޭނަންތަ؟ މިހެން ބޭރުގައިތަ ބަހައްޓާނީ... އަނެއްކާ ނުބައިގަޑިއެއްގައިތަ މިއާދެވުނީ" ކުޑަކޮށް ހިނިއައިސްފައި ހުރެ ޒިވަން ވާހަކަދެއްކިއެވެ.

"އާދޭ އެތެރެއަށް" ނިމްރާ ވެސް ހިނިތުންވެލިއެވެ. އަދި އެތެރެއަށް ޖެހިލާ ޒިވަން ވަންނަން ތަންދެއްކިއެވެ.

"ކޮފީތަ ބޮނީ؟ ކާންވީނު... މީ ކާގަނޑިއެއްނު، އަހަރެން ވެސް އެކަނިކާންވީމަ ކާހިތްނެތިފައި އިނީ" ނިމްރާ ބަދިގެއާ ދިމާއަށް އަންނަމުން ބުނެލިއެވެ. އޭނާގެ ފަހަތުން ޒިވަން އައެވެ.

"ނިމްގެ އަތުން ކާއެއްޗެއް ލިބޭނީ ނަސީބުވެރީންނަށް، އަވަހަށް ގެނޭ، މިރޭ ބަނޑުފުރެންދެން ކައިގެން ދާނީ" ޒިވަން ހިނިގަނޑެއް ޖަހާލިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު ޒިވަން ވާހަކައިން ކުރިފަޅުވަމުން ދިޔައީ ނިމްރާގެ ދިރިއުޅުމަށް އަމާޒުކޮށްގެންނެވެ. މީހުންގެ ފަރާތުން މަޢުލޫމާތު ހޯދުމަކީ ޒިވަންއަށް ލިބިފައިވާ ހުނަރެކެވެ.

"ކާކުކަން ނޭނގި ތިބެ ދެވަނަ ފަހަރަށް ދިމާވާން މެދުވެރިވާނީ ކޮންމެވެސް ސަބަބަކާހުރެ، އިޓްސް މޯ ދެން ޑެސްޓިނީ... އެކަމުގައި ފޮރުވިފައިވާނެ ހިކުމަތެއް... އަނެއްކާ ތިބުނީވިއްޔާ އޭރުގަ ކްރަޝްއެކޭ" ޒިވަން އިނދެފައި ބުނެލިއެވެ.

"ކަމޯން ޒިވަން... އައި ވޯސް ޖަސްޓް އަ ޓީނޭޖާ، ރީތި ފިރިހެނަކާ އެހާ ގިނައިން ދިމާވާންވީމަ އެހެންވެދާނެ ދޯ، ދެޓް ޑަޒަންޓް މީން އެނީތިންގް ނައު" ހީނލާފައި ނިމްރާ ބުންޏެވެ.

"އެހެންވީމަ ރީތި ފިރިހެނުންގެ ލިސްޓަށް އަހަރެން ވެސް އަރައިފިތާ، އަރްސަލްއަށް ތި ކިޔައިދިން ވާހަކަތައް އެނގިއްޖެއްޔާ ހުންނާނެ ފޯރި، ކޮބާތަ އޭނާ... ނާދޭތަ މިއަދު" ޒިވަންއަށް އެނގިހުރެ ވެސް ސުވާލުކުރިއެވެ.

"ހަވީރު އައި" ނިމްރާ ޖަވާބު ދިނުމަށް ކުއްލިއަކަށް ނަޒަރު ވަކިކޮށްލުމުން ކޮންމެވެސް ގޯހެއް އުޅެނީކަމުގައި ޒިވަންއަށް ނަގައިގަނެވުނެވެ.

"ތި ދެ މީހުން އޯކޭތަ؟ އަރްސަލްއަށް މިހާރު އޭނާގެ ސްކާލެޓްއާ ނުލާ ނޭވާއެއް ވެސް ނުލެވޭ، އަނެއްކާ ނިމް ވެސް އެވަރުތަ؟ ޔޫ ގާއިޒް ސީރިއަސްތަ؟" ނިމްރާގެ ޚިޔާލު ދެނެގަންނަން ޒިވަން މަސައްކަތްކުރިއެވެ.

"އަރްސަލް ނުބުނޭތަ... ގައިމު ތީ ކްލޯޒް ފްރެންޑްސް" ހަޤީޤަތް އަންގަން ބޭނުންނުވާތީ ނިމްރާ ބުނެލިއެވެ.

"ޔޫ ލިޓްލް ސްމާޓީ ޕޭންޓްސް" ޒިވަން ޖަހާލީ ހިނިގަނޑެކެވެ. ނިމްރާގެ ފުށުން ކަންކަން އޮޅުންފިލުވުން އޭނާ ހީކުރިހާ ފަސޭހައެއްނުވިއެވެ.

"ކޮންއިރަކު ދެޓް އޭ*ހޯލްއާ ދިމާވީ" ޒިވަން ބުނިގޮތުން ވެސް އެ ދައްކަނީ ކާކުގެ ވާހަކަކަން ނިމްރާއަށް އެނގުނެވެ. މިޢުވާނަކީ ކާކަން ޒިވަންއަށް ވެސް މިހާރު އޮންނާނީ އެނގިފައިކަން ނިމްރާއަށް ޔަގީންވެއެވެ. އެހެންވެ މިޢުވާނާ ބެހޭގޮތުން ވާހަކަދައްކަން މިފަހަރު ނިމްރާ ޖެހިލުމެއްނުވިއެވެ. އަރްސަލްގެ ސަބަބުން ހިތަށް ލިބިފައިވި ނުތަނަވަސްކަން ވެސް ނިމްރާ ބޭރުކޮށްލީ މިޢުވާނުގެ މައްޗަށް ފާޅުކުރި ރުޅިވެރި ބަސްތަކުންނެވެ.

ނުވައެއް ޖަހަނިކޮށް އައި ގޮތަށް ނިމްރާއާ ވާހަކައިގައި ޒިވަން އެގާރަ ޖަހަންދެން އިނެވެ. ހީނލައި ވާހަކަދައްކާލެވުމުން ނިމްރާ ހުރީ ހަމަޖެހިފައެވެ.

"މައި މަމް ނެކްސްޓް މަންތްގަ އެބަ އާދޭ، މި ހޮޓެލްގައި ހުންނާނީ، ނިމް ވާނެ އިނގޭ މީޓްކުރަން، ޔޫ އާ މައި ފަސްޓް ގާލްފްރެންޑް" ޒިވަން ބުނެލިއެވެ.

"ތިބުނީ ފުރަތަމަ އަންހެން ރަޙުމަތްތެރިޔާއޭތަ؟" ޒިވަން ބުނި އެއްޗެއް ރަނގަޅުކޮށްލާ ފަދަ ގޮތަކަށް ނިމްރާ ބުނެލިއެވެ. އެއާއެކު ޒިވަން ހެމުން ބޯޖަހާލިއެވެ.

ކެނެޑާގައި ދިރިއުޅޭ ޒިވަންގެ މަންމަ އަހަރަކު އެއްފަހަރު ރާއްޖެއަށް އާދެއެވެ. އެހެން އަންނަ ފަހަރުތަކުގައި ގިނައިން ހުންނަނީ ކޮންމެވެސް ރިސޯޓެއްގައެވެ. ޒިވަންގެ ޢާއިލާއާ ބެހޭގޮތުން އޭނާ ނިމްރާއަށް ކިޔައިދިނެވެ. އެންމެ ރެއަކުން ވިޔަސް އެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. ޒިވަންގެ ބައްޕައަކީ ކެނެޑާ ރައްޔިތަކަށްވިޔަސް މަންމައަކީ ރާއްޖޭ މީހެކެވެ. ޒިވަންގެ އެދުމަށް ސްކާލެޓް ގޮމަ ހޮޓެލްގައި މަޑުކުރަން އޭނާގެ މަންމަ ނިންމީ އޭނާގެ އެކުވެރީންނާ ބައްދަލުކުރުމަށެވެ. ޚާއްޞަކޮށް ނިމްރާއާ ބައްދަލުކޮށްދޭން ޒިވަން ބޭނުންވެގެންނެވެ. އޭނާގެ ހިތުގައި ކަމެއް ފޮރުވައިގެން އުޅޭކަން ޚުދު ނިމްރާއަކަށް ވެސް ނޭނގެއެވެ. ކައިވެންޏަށް ވަރަށް އަވަހަށް ހަމަޖެހެން އުޅޭކަން ޒިވަންއަށް އެނގިފައި ވިޔަސް އެކަން ވެސް އޭނާ ވަނީ ސިއްރުކޮށްފައެވެ.

* * * * *

ނިމްރާ ދުރުވެއްޖެހެން އަރްސަލްއަށް ދެތިން ދުވަސްތެރޭ ހީވިއެވެ. ވީގޮތެއް ނޭނގުނެވެ. ހޮޓެލްއިން ބޭރަށް ނިމްރާ ނުކުންނަތަނެއް ނޫނީ އިތުރު މީހަކާ ބައްދަލުކުރާތަނެއް ވެސް އަރްސަލް ނުދެކެއެވެ. އެހެންވީމަ ނިމްރާގެ މައްޗަށް ޝައްކުކުރާނޭ ފުރުޞަތެއް އަރްސަލްއަކަށް ނެތެވެ. ވާހަކަދެއްކިޔަސް ނިމްރާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. އަރްސަލްއަށް ހައްލެއްކަމަށް ފެނުނީ އެންމެ ގޮތެކެވެ. އޮފީސް ވަގުތަށް ވިޔަސް އޭނާ ނިމްރާގެ ކެބިންއަށް ގޮސް އޭނާ ގޮވައިގެން އެޕާޓްމެންޓަށް އެނބުރިއައެވެ. ނިމްރާ ނޫނެކޭ ބުންޏަސް އަރްސަލް އެ އަޑު ނޭހީއެވެ. ނިމްރާ ގޮތްދޫކުރީ ދެން އިތުރަށް ދެކޮޅު ނުހެދޭނޭކަން އެނގިގެންނެވެ. ހިތުގައި އަރްސަލްއަށް ޓަކައިވި ލޯބި ކުރި ހޯދީއެވެ. އޭރު އެ ދެމެދުގައި އަނެއްކާ ވެސް ހިނގައިގެންނުވާނޭ ގުޅުމަށް ފުރުޞަތު ދެވި ނިމިއްޖެއެވެ.

ފެންވަރައިގެން އަރްސަލް ނުކުތް ވަގުތު އޭނާއަށް ފޯނެއް އައިކަން ނިމްރާ ދެނެހުއްޓެވެ. ފާޚާނާގައި ހުރެފައި ނިމްރާ ކޮޓަރިތެރެ ބަލާލިއެވެ. އެބަ ގުޅަން ކަމުގައި ބުނެފައި އަރްސަލް ފޯނުކަނޑާލީއެވެ. ދެން އިވުނީ އޭނާ ދާންޖެހިއްޖެކަމުގައި ބުނި އަޑެވެ. ނިމްރާ އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. އަރްސަލް އައިސް ނިމްރާގެ ނިތްކުރީގައި ބޮސްދީފައި ހިނގައްޖެއެވެ.

* * * * *

ޝައުންއާ ބައްދަލުކުރަން އަރްސަލް އައީ އޭނާގެ ބޮޑުބޭބެގެ ފިހާރައަށެވެ. ތައްޔާރުވެފައި އޮތް އަނގޮއްޓި އިން ފޮށި ޝައުން ދިއްކޮށްލުމުން އަރްސަލް އަވަހަށް ހިފިއެވެ. އަދި ފޮށި ހުޅުވާ އަނގޮއްޓިއަށް ބަލަން ފެށިއެވެ.

"އިޓްސް ބިއުޓިފުލް... ތޭންކްސް މޭން، ޑިޒައިންއާ ތަފާތެއްނެތް، އެކަމަކު ހާދަ ލަހުންނޭ ތި ގެނެސްދިނީ" އަރްސަލް އަނގޮއްޓިއަށް ބަލަން ހުރެ ބުނެލިއެވެ.

"ބޮޑެތިކަންތައް ވާނީ ގިނަ ދުވަހުންނޭ... ދެން ޝުކުރުކޮށްބަލަ ލިބުނީތީ، ކޮބާ ކޮންއިރަކުން ސައި އޮތީ" ޝައުން ބުންޏެވެ.

"ހަމަޖެހުނުހާ އަވަހަށް އަންގާނަން... ވާނެ އަންނަން" ނިކަން ހިނިއައިސްފައި ހުރެ އަރްސަލް ބުނެލިއެވެ. ފޮށްޓަށް އަނގޮއްޓި ލުމަށްފަހު އަރްސަލް އެ ލީ ފަޓުލޫނު ޖީބަށެވެ. އަދި އަނގޮއްޓިއަށް ދައްކަންޖެހޭ ބާކީ ފައިސާ އަރްސަލް ދެއްކިއެވެ.

"އޮފީހުގަ ހުއްޓަ ދޯ ގުޅުނީ... އެކަމަކު ދިއުމުގެ ކުރީން އިހަށް ހިނގާ އަހަންނަށް ކޮފީއެއްދޭން" ޝައުން ބުނެލިއެވެ. އަރްސަލް ބޯޖަހާލައިފައި އެއްބަސްވިއެވެ.

ދެ ޒުވާނުން ކޮފީކްލަބްއިން ކޮފީ ބޮއެގެން ނުކުތްތަނާ ކީފާއަށް އައިސް މަޑުކޮށްލެވުނީ އެ މީހުންނަށް ކުރިމަތިވާނޭހެންނެވެ. މިޢުވާނުގެ ސައިކަލު ފަހަތުން ފޭބި ވަގުތު މިޢުވާނުގެ ނަޒަރު ވެސް އަރްސަލްއަށް ހުއްޓުނެވެ. އެހިނދު އޭނާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. ވަގުތުން އަރްސަލްގެ ދެބުމަ ގޮށްޖެހުނެވެ.

"ދަންނަ ގޮލައެއްތަ އެއީ" ޝައުން އަހާލިއެވެ. އަރްސަލް ބޯޖަހާލަފައި ހިނގައިގަތީއެވެ.

ޝޯން ގެންގޮސް ފިހާރައަށް ލާފައި އަރްސަލް އައީ ހޮޓެލަށެވެ. މިޢުވާނާ ގުޅޭނޭ ނަންބަރެއް ޒިވަންގެ އަތުގައި އޮއްވާ އަރްސަލް ދުށްޓެވެ. އެހެންވެ އޭނާ އައިގޮތަށް އައިސް ވަނީ ޒިވަންގެ އޮފީހަށެވެ. އޭނާ އިންނަ ކޮޓަރިއަށް ވަދެވުމާއެކު އައި ބޭނުން އަރްސަލް ހާމަކުރިއެވެ.

"ކީއްކުރަން އޭނާގެ ނަންބަރު ތިގެންދަނީ" ޒިވަން ސުވާލުކުރިއެވެ.

"ވޯނިންގެއް ދޭން" އަރްސަލް ބުނެލިއެވެ. އަދި ވަންބާރު މިނުގައި ނުކުމެގެން ހިނގައްޖެއެވެ.

"ރޫފްޓޮޕް" ގައި މަޑުކޮށްލައިގެން ހުރެ އަރްސަލް ފޯނުގައި ޖެހި މިޢުވާނުގެ ނަންބަރަށް ގުޅިއެވެ. ދެތިން ރިންގުން މިޢުވާނު ފޯނަށް ޖަވާބުދިނެވެ. އަރްސަލްގެ އަޑު ނޭނގުމުން ކާކުތޯ އޭނާ ސުވާލުކުރިއެވެ.

"ކީފާއާ ރައްޓެހިވެގެން ތިއުޅެނީ މޮޅުތަކެއްވާނޭކަމައްތަ؟" އަރްސަލް ނަންބުނުމުގެ ބަދަލުގައި ބުނެލިއެވެ.

"އޯ!... އަރްސަލް ދޯ... އަހަރެން ހިތަށް އެރިއޭ މިއަދު ފެނުނު މަންޒަރުން ކަލޭގެ ޚަބަރެއް ލަހެއްނުވެ ވެދާނޭ" މިޢުވާނު މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.

"އަހަރެން ބުނެފިއްޔާ ކިފާ ކަލެއާ ވައި ވެސް ނޭޅޭނެ، އެކަން އެނގޭތަ؟ އޭނާ ކަލޭދެކެ ލޯތްބެއް ވެސް ނުވޭ" އަރްސަލް ބުންޏެވެ.

"ލޯބިވުން މުހިންމެއްނޫން، އަހަރެން ބޭނުންވަނީ ހަމައެކަނި ޔޫސްކޮށްލަން، އަހަންނަށް އެނގޭ އޭނާ ލޯބިވަނީ ތި އަރްސަލްދެކެކަން، އެކަމަކު ކަލޭ ނިމްރާ ދޫކޮށްލާފައި އޭނާގެ ގާތަށް އަތުވެއްދާނަންތަ؟ އެހެންވެއްޖެއްޔާ އަހަރެން މިހުރީ ކީފާގެ ބޭނުން ނުހިފާ ދޫކޮށްލަން، އަހަރެން ހަޤީޤަތުގައި ބޭނުމީ ނިމްރާ... އޭނާ ނެތްތަނުގައި ދެން ކީފާ ވެސް އޯކޭ" މިޢުވާނުގެ ވާހަކަ ހުރި ގޮތުން އަރްސަލްއަށް ދަތްކުނޑި ވިކާލެވުނެވެ.

"އަހަރެން މި ކޯލު ރިކޯޑުކޮށްފައި ކީފާއަށް އަޑުއިއްވައިފިއްޔާ ދެނޯ" އަރްސަލް ބުނެލިއެވެ.

"ކޯލް ރިކޯޑިންގްސް އެޑިޓް ވެސް ކުރެވިދާނެ ދޯ، މިހާރު އެކަން އެގޮތަށް ކުރެވޭ އެޕްލިކޭޝަންތައް އެބަހުރި... އަރްސަލް ހީކުރާހާ ފަސޭހަކަމެއްނޫން އަހަރެންގެ ކިބައިން ކީފާ ސަލާމަތްކުރުމަކީ، ނިމްރާ ނޫނީ ކީފާ... ކޮންމެވެސް އެކަކު އަރްސަލް ޚިޔާރުކުރޭ" މިޢުވާނު މިހެންބުނެ ފޯނުކޯލު ކަނޑާލީއެވެ. އަރްސަލްއަށް ރުޅިގަދަވެގެން ހަޅޭލަވައިގަނެވުނެވެ. އިރުކޮޅަކު މީހަކާ ހަމަޖެހެން މަސައްކަތް ކުރުމަށްފަހު ކީފާއަށް ގުޅާފައި ވަގުތުން ހޮޓެލަށް އަންނަން އަރްސަލް ބުންޏެވެ.

ހޮޓެލްގެ ރެސްޓޯރެންޓް ތެރޭ ބޭރު ފެންނާނޭހެން އެއްބިތް އެއްކޮށް ބިއްލޫރިން ހުރިއިރު އެ ތާކައިރީ ކަނަކަށްވާގޮތް ހުރި މޭޒެއްގެ ދޮށުގައި އަރްސަލް އިނެވެ. އަތުގައި އޮތް ހުޅުވާލެވިފައިވާ ފޮށީގައި އޮތް އަނގޮށްޓިއަށް ބަލަން އަރްސަލް އިނީ ފިކުރުބޮޑުވެފައި އިންހެނެވެ.

"އަރްސަލް" އަރްސަލްއަށް އެނގުންވީ ދާދި ގާތުން ކީފާގެ އަޑު އިވުމުންނެވެ. އަވަސްއަވަހަށް އަނގޮއްޓި އޮތް ފޮށި ޖީބަށް ލަމުން އިސްއުފުލާ ކީފާއަށް ބަލާލިއެވެ. އަދި ކުރިމަތީ ހުރި ގޮނޑިއަށް އަރްސަލް އިޝާރާތްކޮށްލީ ކީފާ ގާތު އިށީންނާށޭ ބުނާ ފަދައިންނެވެ.

"މިޢުވާނު ބޭނުންވަނީ ކީފާ ޔޫސްކޮށްލަން... ހުރިހާ ގޮތަކުން... ބަލާލަން ވެސް ރީތި، އެނގޭތަ އޭނާ އެ ހުރިހާ ކަމެއް އެކުރަނީ ކީއްވެކަން، އޭނާ ހަޤީޤަތުގައި ބޭނުންވަނީ ނިމްރާ، އޭނާ ކީފާގެ ދިރިއުޅުމާ ނުކުޅޭނީ އަހަރެން ނިމްރާ ދޫކޮށްލައިފިއްޔާ، އެކަމަކު... ކީފާ، އެނގެއެއްނު އަހަންނަށް ނިމްރާ ދޫކޮށްލެވޭކަށް ނޯންނާނޭކަން، އަހަރެން... އަހަރެން ނިމްރާއާ ކައިވެނިކުރަން ނިންމައިފިން، ކީފާ ޕްލީޒް، އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ... މިޢުވާނުއާ ގުޅިގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ" އަރްސަލްގެ އަޑުގައިވަނީ މީގެ ކުރީން ދުވަހަކު ވެސް ކީފާއަށް އިވިފައިނުވާފަދަ އާދޭހެކެވެ.

"ސީރިއަސްކޮށްތަ؟ މެރީ ކުރަނީތަ؟ ކޮންއިރަކުން؟" ހައިރާންކަން ވެރިވެފައި އިން ކީފާއަށް ހީވީ ބިރުވެރި ޚަބަރެއް ލިބުނު ހެނެވެ.

"އަހަރެން ކައިވެންޏާ ގުޅުވާފައި ސަމާސާއެއް ކުރީންތަ؟ ވަރަށް ސީރިއަސްކޮށް އަހަރެން މި ބުނީ، އަހަންނަށް ނިމްރާ ދޫކޮށްލެވޭކަށްނެތް، އެކަމަކު އެކުވެރިޔާއަށް ދެރައެއް ލިބޭކަށް ވެސް ނޭދެން، މިޢުވާނުގެ މަޅީގައި ޖެހޭހާ މޮޔަ އަންހެންކުއްޖެއްނޫން ތީ، އަދިވެސް ވަގުތު އެބައޮތް... ސްޓޮޕް ދިސް ނޮންސެންސް ކީފާ" އަރްސަލް ބުނެލިއެވެ.

"އައި އޭމް ހެޕީ ފޯ ޔޫ، ރިންގު ބަލަން އިނީ އެހެންވެ ދޯ... ޕްރޮޕޯސް ކުރީތަ؟، ވާއު!... ނިމްރާ ހާދަ ލަކީއޭ، ވެޑިންއަށް އިންވައިޓެއް ނުކުރާނަންތަ.... ޝޯ މީ ދި ރިންގް... އަރްސަލް ދައްކަބަލަ ތިގެންގުޅުނު އަނގޮއްޓި" ކީފާ ނިކަން ފުޅާ ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ.

"އަހަރެން ދައްކާ ވާހައިގެ އެއްބައެއްނު ކީފާ ތި އަޑުއަހަނީ" އަރްސަލް ބުނެލިއެވެ.

"އަހަރެން ވެސް ބުނީމެންނު މިޢުވާނުއާއި އަހަންނާއި ދެމެދަށް އަރްސަލް ނުވަންނާށޭ... އަހަރެން ވެސް އަރްސަލްއާއި ނިމްރާއާ ދެމެދަކަށް ނުވަންނަމެންނު... ދެން ތި ވާހަކަ ނުދައްކާ ދައްކަބަލަ ރިންގު، އަހަރެން ބަލާލާ ހިތުންނޭ" ކީފާ އާދޭސްކުރަންފެށިއެވެ. އަރްސަލް ޖީބަށް ލީ ފޮށި ނަގައި ހުޅުވާލަމުން ކީފާއަށް ދައްކާލިއެވެ. އެވަގުތު އަރްސަލްގެ އަތުން ކީފާ އެ ފޮށި ނަގައިފިއެވެ.

"ކެއާފުލް ކީފާ" އިޚްތިޔާރެއްނެތި އަރްސަލްއަށް ބުނެލެވުނެވެ.

"އިޓްސް ސޯ ބިއުޓިފުލް" އަނގޮއްޓިއަށް ބަލަން ހުރެ ކީފާ ބުނެލިއެވެ. އޭނާ އަނގޮއްޓި ނެގުމާއެކު އަރްސަލް އެކަން ހުއްޓުވަން ގޮނޑިން ތެދުވިއެވެ. ކީފާ ވެސް ތެދުވީއެވެ.

"އަހަރެން އަތްލިޔަސް މީގެ ވިދުން ފަނޑެއް ނުވާނޭ... ރިލެކްސް އަރްސަލް" ކިފާ ބުނެލިއެވެ. އެހެންނަމަވެސް އެ އަނގޮއްޓީގެ ވެރިފަރާތަކީ ނިމްރާއެވެ. ވީއިރު އޭގައި އެހެން އަންހެނަކު އަތްލާން އަރްސަލްގެ ހިތް އެއްބަހެއްނުވިއެވެ. ކީފާގެ އަތުން އަނގޮއްޓި އަތުލަން އުޅެނިކޮށް އަނގޮއްޓިލާފައި އޮތް ފޮށި ތަޅުންމައްޗަށް ވެއްޓުނީއެވެ.

"ރިންގު... އަރްސަލް ރިންގު..." ކީފާ ނިކަން އަވަހަށް ބުނެލިއެވެ. އެހިނދު އަރްސަލްގެ ނަޒަރު ތަޅުންމައްޗަށް ހިންގާލެވުނެވެ.

"ކީފާ... ކިހިނެއް ތިހެދީ... ކޮބާ އަނގޮއްޓި" އެކިދިމާ ހޯދަމުން އަރްސަލް ބުނެލިއެވެ. (ނުނިމޭ)