ހަބަރު

އީޔޫގެ ފިޔަވަޅު އަޅާ ލިސްޓްގައި ރާއްޖޭގެ 41 ފަރާތެއްގެ ނަން ހިމެނޭ: އީޔޫ ޕާލިމަންޓް މެންބަރު

Aug 21, 2018
32

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ވެރިންނާއި އެބޭފުޅުންނާ ގުޅިފައިވާ ފަރާތްތަކުގެ މައްޗައް ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވާ ގަރާރުގެ ދަށުން ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ގޮތުގައި ރާއްޖޭގެ 41 ބޭފުޅެއްގެ ނަން ހިމެނޭ ލިސްޓެއް އީޔޫއިން މިހާރު އެކުލަވާލައި ނިންމާފައިވާ ކަމަށް، ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ގަރާރު އީޔޫގެ ޕާލިމަންޓަށް ވެއްދި މެންބަރު ތޯމަސް ޑެޗޮސްކީ ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޕާލިމަންޓަށް ހާއްސަކޮށްގެން ނެރޭ ނިއުސްލެޓާއެއް ކަމަށްވާ، "އީޕީޓުޑޭ" އަށް ޕާލިމަންޓް މެންބަރު ތޯމަސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅާ ލިސްޓު އީޔޫގައި މިހާރު އެބައޮތް ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އެބަ އޮތް ކަމަށެވެ. އެ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ނިންމާފައިވާ ކަމަށާއި ދެން އޮންނާނީ ކުރިޔަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ލިސްޓް އަހަރެން ދުށިން. އެ ފިޔަވަޅުތައް ތަންފީޒުކުރަން ނިންމުމުގެ މަރުހަލާ ދެން އޮތީ،" އިޔޫގެ ޕާލިމަންޓްގައި ނުފޫޒުގަދަ މެންބަރުންގެ ތެރޭގައި ހިމެނަވަޑައިގަންނަވާ، ތޯމަސް ވިދާޅުވި އެވެ. "ކަންކަން އިސްލާހު ނުވާ ނަމަ އެ ލިސްޓް އާންމުވެގެން އަންނަތަން ފެންނާނެ"

މިދިޔަ ޖުލައި މަހުގެ ތެރޭގައި އީޔޫގެ ފޮރިން ކައުންސިލުން ނިންމާފައި ވަނީ، ރާއްޖޭގެ ވެރިންނާއި އެ ފަރާތްތަކަށް އެއްބާރުލުން ދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ އުސޫލެކެވެ. ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓް ފާސްނުކޮށް، އެ ޖަމާއަތުން ފާސްކުރި ފިޔަވަޅު އެޅުމުގެ އުސޫލު ނޫނީ ފްރޭމް ވޯކްގައިވާ ގޮތުން، އީޔޫގެ ގައުމުތަކަށް ދަތުރު ކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި އެފަދަ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި، މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

ތޯމަސް، އިތުރަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ކަންކަން އޮޅުވާލައިފި ނަމަ، އެ ނަތީޖާއެއް ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި އެކަން ސީރިޔަސް މައްސަލައެއް ގޮތުގައި ނަގައިގެން އެމެރިކާ، ކެނެޑާއާ، އޮސްޓްރޭލިއާ، ނިއުޒިލެންޑް، އިންޑިޔާ އަދި ޖަޕާން ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީ ނެގެހެއްޓުމަށްޓަކައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫރަޕް އޮތީ ސީރިއަސްކޮށް، މެމްބަރު ގައުމުތައް ތިބީ ކަންބޮޑުވެފައި. ރާއްޖޭގެ މައްސަލައިގައި އަޅާ ނުލާ ދޫކޮށްނުލާނެ،" ތޯމަސް ވިދާޅުވި އެވެ.

ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ރައީސް، ހެންރީ މަލޯސީ ވެސް އެ ނޫހަށް ވިދާޅުވީ، ރާއްޖޭގެ ކަންކަމާ މެދު މުޅި ބައިނަލް އަގުވާމީ މުޖުތަމައު ވެސް އޮތީ ވަރަށް ބޮޑަށް ފާރަވެރިވެގެން ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން އޮޅުވާލައިފި ނަމަ، ރައީސް ޔާމީން އާއި ބައިވެރިންނަށް ފިޔަވަޅު އެޅުމުގެ އިތުރަށް ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކާއި ޓޫރިސްޓުން ހުއްޓުވުމަށް ވެސް މެންބަރު ގައުމުތަކުން ފިޔަވަޅުތައް އަޅާނެ އެވެ. މި ހިސާބަށް ރާއްޖޭގެ ކަންކަން ގެންދިޔުމަށް އީޔޫއިން މި ސަރުކާރަށް ފުރުސަތު ދޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އީޔޫއަށް ވަޑައިގަތް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ، އީޔޫގެ ފޮރިން ކައުންސިލުން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ފާސްކުރި ފްރޭމް ވޯކްގައި ފިޔަވަޅު އަޅާ ފަރާތްތަކެއްގެ ނަންތަކެއް ހިމެނިފައި ނެތުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ސިފަކުރާހާ ރާއްޖޭގެ ހާލަތު ގޮސްނޫންކަން އީޔޫއިން ގަބޫލު ކުރާ ކަމަށެވެ. އަދި ވަކި ބަޔަކަށް އީޔޫއިން ފިޔަވަޅު އަޅަން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކާ ބިރަކީ އަސްލެއް ނޫން ކަމަށާއި، އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅު އެޅިޔަ ނުދިނުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން މެދުނުކެނޑި ކުރާނެ ކަމަށް ވެސް ޝައިނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަން އުޅެނީ އިސްލާމް ދީނާ ދެކޮޅު ކަންކަމަށް އެމަނިކުފާނުގެ ސިޔާސަތުތައް ދީލައި ނުލާތީ ކަމަށާއި ކިތަންމެ ޕްރެޝަރެއް ކުރިމަތިވިޔަސް އިސްލާމް ދީނާ ބީރައްޓެހި ކަންކަމަށް ދޫދެވެން ނޯންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.