އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުން

ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް އެކުލަވައެއް ނުލާ، އެއީ ދޮގެއް: ސަފީރު

Aug 22, 2018
21

ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން ފާސްކުރި ގަރާރުގައި ހިމެނޭ ފްރޭމްވޯކްގެ ދަށުން ފިޔަވަޅު އަޅާނެ ވަކިވަކި ފަރުދުންގެ ލިސްޓެއް އީޔޫއިން އަދި އެކުލަވާލާފައި ނުވާ ކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށް ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ސަފީރު، އަހުމަދު ޝިއާން މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ އިސްފަރާތްތައް ހިމެނޭ ގޮތުން 41 ފަރާތަކަށް ފިޔަވަޅު އަޅަން ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާ ކަމަށް އީޔޫގެ ޕާލިމަންޓްގެ މެންބަރަކު ވިދާޅުވުމާ ގުޅިގެން، "އަވަސް"އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަފީރު ޝިއާން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެފަދަ ލިސްޓެއް އީޔޫއިން އެކުލަވާލިކަން އެ ޖަމާއަތުން ބުނެފައި ނެތް ކަމަށާއި އެފަދަ ކަމެއް އީޔޫއިން ސަރުކާރަށް އަންގާފައި ވެސް ނެތް ކަމަށެވެ. އަދި އީޔޫގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ ލިސްޓެއް އެކުލަވާލާނީ ވެސް އީޔޫގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން ކަމަށާއި އެއީ ޕާލިމަންޓް މެންބަރުންނާ ހިއްސާކުރާނެ އެއްޗެއް ވެސް ނޫން ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ފްރޭމް ވޯކް ފާސްކުރި ފަހުން، އީޔޫގެ އެއްވެސް ކައުންސިލް ބައްދަލުވުމެއްގައި އެފަދަ ލިސްޓެއް އެކުލަވާލުމުގެ ވާހަކަ ވެސް އަދި ރާއްޖޭގެ ކަމަކާ މެދުވެސް މަޝްވަރާކޮށްފައި ނެތްކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.

"މިފަދަ ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާނަމަ އެކަން ކޮންމެ މީހަކަށްވެސް އޮޅުން ފިލުވޭނެ. ސްރީލަންކާގައި ހުންނަ އީޔޫ އެމްބަސީންވެސް މިކަން ކަށަވަރު ކުރެވޭނެ. އެކަމަކު އެފަދަ ލިސްޓެއް އޮތް ކަމަކަށް އެބޭފުޅުން [އީޔޫ] އެއްވެސް ރަސްމީ ފަރާތަކުން ވިދާޅެއް ނުވޭ. އެއްވެސް ގައުމަކާމެދު ނުވަތަ ވަކިވަކި ފަރުދުންތަކަކާމެދުވެސް ފިޔަވަޅުއަޅާނަމަ އެކަން ނިންމާނީ އީޔޫގެ ކައުންސިލުން،" ޝިއާން ވިދާޅުވި އެވެ. "މިއީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ފަތުރާ ދޮގުތަކެއް،"

އީޔޫއިން ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް މިހާރު ވެސް އެކުލަވާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ނެތް ކަން ފާހަގަ ކުރައްވަމުން، ޝިއާން ވިދާޅުވީ އެއީ ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް އިދިކޮޅުން ފެތުރުމުގެ ބޭނުމަކީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރުދެއްކުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެފަދަ ލިސްޓެއް އޮތް ކަމަކަށް އެބޭފުޅުން [އީޔޫ] އެއްވެސް ރަސްމީ ފަރާތަކުން ވިދާޅެއް ނުވޭ. އެއްވެސް ގައުމަކާމެދު ނުވަތަ ވަކިވަކި ފަރުދުންތަކަކާމެދުވެސް ފިޔަވަޅުއަޅާނަމަ އެކަން ނިންމާނީ އީޔޫގެ ކައުންސިލުން. އެފަދަ ލިސްޓެއް އެކުލަވާލުމާއި ފާސްކުރުން ވެެސް ކުރާނީ އެ ކައުންސިލް. އެފަދަ ކަމެއް ނުހިނގާ.
އަހުމަދު ޝިއާން - އީޔޫގައި ހުންނަވާ ރާއްޖޭގެ ސަފީރު

"އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކަމަށް އަޅުގަނޑަށް މި ބެލެވެނީ މި ކަހަލަ ވާހަކަ މި ދައްކަނީ. ވިޔަފާރި ކޮމިޔުނިޓީގެ ސަޕޯޓް ހޯދަންހެން އަޅުގަނޑަށް ހީވަނީ މިކަން މިކުރެވެނީ،" ޝިއާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއްވެސް ގައުމަކާމެދު ނުވަތަ ވަކިވަކި ފަރުދުންތަކަކާމެދުވެސް ފިޔަވަޅުއަޅާނަމަ އެކަން ނިންމާނީ އީޔޫގެ ކައުންސިލުން ކަމަށެވެ. ކައުންސިލްގެ ނިންމުމެއް ނެތި ލިސްޓެއް އެކުލަވާނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މައްސަލައިގައި އިސްކޮށް ވަކާލާތު ކުރައްވާ، އީޔޫ ޕާލިމަންޓް މެންބަރު ތޯމަސް ޑެޗޮސްކީ ޔޫރަޕިއަން ޕާލިމަންޓަށް ހާއްސަކޮށްގެން ނެރޭ މަޖައްލާއެއް ކަމަށްވާ، "އީޕީޓުޑޭ" އަށް ވިދާޅުވީ ރާއްޖޭގެ 41 ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާ ކަމަށާއި އެ ލިސްޓް އޭނާއަށް ފެނިފައިވާ ކަމަށެވެ. ރާއްޖޭގެ މައްސަލައިގައި އީޔޫ ސީރިއަސް ކަމަށް ވެސް ތޯމަސް ވަނީ ވިދާޅުވެފަ އެވެ.

ޝިއާން ވިދާޅުވީ އީޔޫގެ ޕާލިމަންޓް މެންބަރަކު އަމިއްލައަށް އެކުލަވާލައިގެން އުޅޭ ލިސްޓަކީ އީޔޫގެ ރަސްމީ އެއްޗަކަށް ނުވާނެ ކަމަށާއި އެއީ އީޔޫގެ ގުވަނަކުން ނިންމާ ރަސްމީ ކަމަކަށް ނުވާނެ ކަމަށެވެ. އަމިއްލަ ހައިސިއްޔަތުން ބަޔަކު ހަދައިގެން އުޅޭ ލިސްޓެއް އެޕާލިމަންޓް މެންބަރަށް ފެނިވަޑައިގަތުން އެކަށީގެންވާ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. އަދި އެފަދަ ވާހަކައެއް އީޔޫ ޕާލިމަންޓް މެންބަރަކު ވިދާޅުވެ ދާނެ ކަމާ މެދު ވެސް ޝައްކު ކަމަށާއި ހަމަ އެގޮތަށް އެ އެމްޕީ ވިދާޅުވިތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖޭގެ މައްސަލަ އެޖެންޑާކުރަން އުޅޭ ކަމެއް ވެސް އެނގިފައެއް ނެތް. ރާއްޖޭގެ މައްސަލަ އެޖެންޑާ ކުރަންޔާ ދުރާލާ އެކަން އެނގޭނެ. އެކަހަލަ ކަމެއް ވެސް ނެތް. ދެން އަނެއްކާ އީޔޫ ވެސް މި އޮތީ ސަމާ ބްރޭކްގައި. އެހެން ވީމާ، ލިސްޓެއް އެކުލަވާލުން ކަހަލަ ކަމެއް ވެސް ކުރިއަކަށް ނުދޭ. އެހެންވީމާ އަޅުގަނޑު ބުނާނީ މިއީ ހަމަ މުޅިން ފޭކް ނިއުސްއެކޭ،" ޝިއާން ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އީޔޫގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުން ފާސްކޮށްފައި ވަނީ، ރާއްޖޭގެ ވެރިންނާއި އެ ފަރާތްތަކަށް އެއްބާރުލުން ދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ އުސޫލެކެވެ. ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓް ނުހިމަނާ އެ ޖަމާއަތުން ފާސްކުރި ފިޔަވަޅު އެޅުމުގެ އުސޫލު ނޫނީ ފްރޭމް ވޯކްގައިވާ ގޮތުން، އީޔޫގެ ގައުމުތަކަށް ދަތުރު ކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި އެފަދަ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި، މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުން ހިމެނެ އެވެ. އެ ފިޔަވަޅުތައް އަޅާނެ ފަރާތްތަކެއް ނިންމާނީ އީޔޫގެ ފޮރިން ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވާ ހުރިހާ ގައުމެއްގެ އިއްތިފާގުން އެވެ.