ހަބަރު

ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް މިއަދު ރައީސް ވަޑައިގަންނަވަނީ

ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް މިއަދު ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. ރައީސް އެ ދެ ރަށަށް ވަޑައިގަންނަވަނީ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމްފަރަށެވެ. އެ ރަށުގެ ބަނދަރު ރައީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.

ހަވީރު ރައީސް ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށެވެ. އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން މިއަދު ފާހަގަކުރައްވާފަ އެވެ. ރައީސްގެ ދަތުރުފުޅާ ގުޅިގެން ދެ ރަށުން ވެސް ދަނީ މަރުހަބާ ދެންނެވުމަށް ތައްޔާރީތައްވަމުންނެވެ.

ރައީސް ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވާއިރު އޯގަސްޓް މަހު ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖެއްސޭވަރު ވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކުޅި ހިއްކައިގެން ހަދާ އެއާޕޯޓްގެ މަސައްކަތްތައް ވަނީ އުނދަގޫވެ ލަަސްވެފަ އެވެ.

މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް، ތާއީދު ހޯއްދެވުމަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި އެންމެ ފަހުން ވަޑައިގަންނަވާފައިވަނީ ތ އަތޮޅަށެވެ. ރައީސް ވަނީ އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާފަ އެވެ.