އެމްޑީޕީގެ ސަރުކާރުގައި އެކި ފަރާތްތަކަށް 400 އަށް ވުރެ ގިނަ ފަޅުރަށް ދޫކޮށްފައިވާ ކަމަށާއި މި ސަރުކާރުން ދޫކުރި ރަށްތަކުގެ ވާހަކަ ދެއްކުމުގެ ކުރިން އެ ރަށްތައް ދޫކުރި ގޮތާއި އެ ރަށްތަކަށް ވީގޮތް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވާން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޮޅިވަރަމްފަރު ބަނދަރު ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން 160 ފަޅުރަށް ގާނޫނާއި ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ކަމަށް އިބޫ ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި 400 އެއްހާ ފަޅު ރަށް އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް ދޫކޮށްފައިވާ ކަމަށެވެ. އެފަދަ ގިނަ ރަށްތައް ދީފައި ހުރީ، އެމްޑީޕީގެ ގާތް މީހުންނަށް، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކަމަށެވެ. އެހެން ނަމަވެސް އެ ރަށްތައް އަދިވެސް ހުރީ ނުހެދި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިބޫ ވެރިކަމަށް އައިސްފި ނަމަ ފުރަތަމަ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމަކީ އެ ރަށްތައް ދޫކުރި ގޮތާއި އެ ރަށްތަކަށް ފަހުންވީ ގޮތް ތަހުގީގުކޮށް އެކަން ހިންގި މީހުންނަށް އަދަބު ދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ދޫކުރި ރަށްތައް އެހެރަ ހެނދެނީ. އެކަމަކު އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވެ ބައްލަވާ އެބޭފުޅުންގެ ވެރިކަމުގައި 400 އަށް ވުރެ ގިނަ ރަށް އެބަހުރި ދޫކޮށްފައި. އެ ރަށްތައް ހެދުނުތޯ؟ އެބޭފުޅުންގެ ގާތް މީހުން ކިހިނެތްތޯ އެ ރަށްރަށަށް ހެއްދެވީ! އިބޫ ޖަވާބު ދެއްވާ. އަޅުގަނޑުމެންގެ ސަރުކާރުގެ ވާހަކަ ދެއްކުމުގެ ކުރިން އަޅުގަނޑަށް ހީވަނީ އިބޫ ވިދާޅުވާން ޖެހޭހެން އެބޭފުޅުންގެ ގާތް ބޭފުޅުންނަށް ރަށްތައް ބެހިގޮތް. އިބޫ އުޅުއްވަން ޖެހޭނީ އަވަދިނެތި މި 400 ރަށުގެ ކަންކަން ބަލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން އެ މީހުންގެ އެހީގައި ވެރިކަމަށް އިސްވުމަށް ކަމަށެވެ. އެފަދަ ބަޔަކު ވެރިކަމަށް އައިސްފި ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލި ރާއްޖޭގެ ހަމަޖެހުމަށް ބުރޫ އަރާ އިސްތިގުލާލު އޮޔާ ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީއާ ތަމައްދުން ގެންނަން ބޭނުން ނަމަ އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ރައީސް ޔާމީންއަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ގައުމުގެ ހުންގާނު ގޮސްފި ނަމަ ރާއްޖެ ދެން ދަތުރު ކުރާނީ ވަރަށް ނުރައްކާތެރި މަގަކަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ބޭރުގެ ގައުމަކަށް ގޮސް ހަމައެކަނި ދީން ދޫކުރުމެއް ނޫން ގައުމަށް ގައްދާރު ވުމަކީ. ބޭރުގެ ގައުމުތަކުގެ ނުފޫޒަށް ފުރުސަތު ދޭން އުޅުމަކީ ވެސް އެފަދަ ކަމެއް. އަޅުގަނޑުމެންގެ އިދިކޮޅު ބޭފުޅުން މި މަސައްކަތް ކުރައްވަނީ އެކަމަށް. އެބޭފުޅުން ބޭނުން ވަނީ ބޭރުގެ ނުފޫޒުތައް ގެނެސް އަޅުގަނޑުމެންގެ އިސްތިގުލާލާ މިނިވަންކަން ގެއްލުވާލަން. މިފަދަ ކަމަކަށް އަޅުގަނޑުމެން އެއްވެސް ދިވެއްސަކު ފުރުސަތެއް ނުދޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހަކީ ސަރުކާރެއް ހިންގުމުގެ ގާބިލްކަން ހުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރަނިންމޭޓް ފައިސަލް ނަސީމަކީ އެއްގޮތަކަށް ވެސް ސަރުކާރުގެ މަގާމެއް ފުރުއްވޭނެ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އަކީ އަދި ރަނިންމޭޓް ޝަހީމް އަކީ ކަންކަން ހާސިލްކޮށްފައިވާ ބޭފުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އިބޫ އާއި ފައިސަލް އަކީ ސަރުކާރެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްވެސް ތަޖުރިބާއެއް ނެތް ކެނެރީގެ ނަޝީދަށް އަޅުގަނޑުމެން ވެރިކަން ހަވާލުކުރީމާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވެރިކަމުން އިސްތިއުފާ ދެއްވާ ވަޑައިގަތީ. ގައުމަށް ކޮށްދެވުނު ކަމެއް ނެތް. ދެން ވެސް އެވަރުގެ ބޭފުޅަކަށް ތޯ އަޅުގަނޑުމެން ވެރިކަން ދޭނީ. އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް އަކީ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅުންނެއް ނޫން. މިވަރުގެ ބަޔަކަށް ވެރިކަން ހަވާލުކުރަން ހެޔޮ ނުވާނެ. ކިހިނެތްތޯ ސަރުކާރެއް ހިންގާނީ. އަޅުގަނޑުމެންގެ ލީޑަރު މި ގެންދަވަނީ ގާބިލްކަން ސާބިތުކޮށްދެއްވަމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.