ހަބަރު

އިބޫއަކީ ބައެއްގެ އަމުރުތަކުގައި ދަށުވާނެ މީހެއް، ވެރިކަމެއް ނުކުރެވޭނެ: ރައީސް

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމަނިކުފާނުގެ މައްޗަށް އަމުރުކުރެވޭނެ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ގައުމެއް ނުހިނގޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިބޫއަށް ގޮންޖައްސަވައިފި އެވެ.

ހދ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ބަނދަރު އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރު މުއްދަތެއްގެ ވެރިކަމަކަށް ވަޑައިގެން، ވެރިކަން ލިބުމަށްފަހު ބަރުލަމާނީ ނިޒާމެއް ގެންނަވާ ވާހަކަ މެނިފެސްޓޯކޮށް، އެވާހަކަ ވިއްކަވާއިރު، އިބޫއަށް ވެރިއެއްގެ ހައިސިއްޔަތުން އޮތް ބާރަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވަންޖެހޭ ކަމަށެވެ. އެމްޑީޕީގައި އިބޫއަށް ނުފޫޒު ފޯރުވައި އަމުރު ކުރެވޭނެ އެތަކެއް ފަރާތްތަކެއް ތިބި އިރު، އެކަން އެގޮތަށް އޮތްހާ ހިދަކު އިބޫއަށް، އެ ވިދާޅުވާފަދަ ރައްޔިތުން އެދޭ ވެރިކަމެއް ކޮށް ނުދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތަކަށް އެ ވިދާޅުވަނީ ތިމަންނަމެނަށް ވެރިކަން ލިބިއްޖެއްޔާ މިތަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކޮށްފިނަމަ އަނެއްކާވެސް ރައްޔިތުންނަށް އެތައް ބޮޑެތި އިންތިހާބީ ހަރަދުތަކެއް ކުރަން ޖެހޭ. ބަރުލަމާނީ ނިޒާމެއްގައި މި ވަނީ ކިހިނެއްތޯ. ރިޔާސީ އިންތިހާބުގައި މިއަދު ބޭފުޅަކު އައްޔަންކޮށްފާނެ 18 މަސްދުވަހަށް. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ކޮން ގޮތަކަށްތޯ އިދިކޮޅުން މިހާރު ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށް ވިދާޅުވެވޭނީ ތިމަންނަ ޕާޓީގެ ތެރެއިން ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން ރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިން ތާއީދުކޮށްފިނަމަ ތިމަންނައޭ ޕްރައިމް މިނިސްޓަރަކަށް ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

އެބޭފުޅުންގެ ޕާޓީގައި، މިހާރު ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށްވުރެ ނުފޫޒު ގަދަ އެތައް ނުފޫޒެއް އެބަ އުޅޭ. ދައުލަތެއް ނުހިންގޭނެ ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު، އޭނަގެ މައްޗަށް ބާރު ހިންގާ އެތައް ވެރިންތަކެއް ތިބޭ ކަމަށް ވަންޏާ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

އެމަނިކުފާނު ވިދާޅުވީ، އެފަދަ ބަހެއް ވިދާޅުވުމުގެ ހިއްވަރު އިބޫގެ ނެތް ކަމަށެވެ.

"އިދިކޮޅު ކެންޑިޑޭޓަށް ވިދާޅުވެވޭނެ ތޯ؟ ވިދާޅެއް ނުވެވޭނެ. އެއީ އެބޭފުޅުންގެ ޕާޓީގައި، މިހާރު ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށްވުރެ ނުފޫޒު ގަދަ އެތައް ނުފޫޒެއް އެބަ އުޅޭ. ދައުލަތެއް ނުހިންގޭނެ ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު، އޭނަގެ މައްޗަށް ބާރު ހިންގާ އެތައް ވެރިންތަކެއް ތިބޭ ކަމަށް ވަންޏާ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގަން ބޭނުންވާނަމަ، ދައުލަތް ހިންގަން އިންތިހާބުކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުން މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. ވެރިޔަކު ތެދުވެރިވާންޖެހޭނީ، އޭނަގެ ކުރިމަތީގައި އޮންނަ ގާނޫނު އަސާސީއަށާއި، ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، ގާނޫނީވެރިކަމެއް ދެމެހެއްޓުމަށާއި އިންސާފު ގާއިމްކުރުމަށްޓަކައި އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިޔާސީ އެތައް ލީޑަރުންގެ ބަސް އަހައިގެން ވެރިކަން ކުރަން އުޅުއްވައިގެން ވެރިކަމެއް ނުހިންގޭނެ ކަމަށާއި
އެހެންކަމުން އިބޫ މިއަދު ރައްޔިތުންނަށް އެކަން ސާފުކޮށްދެއްވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުން ގެންނަ ވެރިކަން ރައްޔިތުންނަށް ގަބޫލުކޮށްދިނުމަށް ގިނަ ކަންތައްތަކެއް އިދިކޮޅުން ކުރައްވަން އަދިވެސް ބާކީ އޮތް އިރު، އެމަނިކުފާނު ހުންނެވީ ހުރިހާކަމެއް ރައްޔިތުންނަށް ސީދާކޮށް ފެންނަން އޮތް ސިޔާސަތުތަކަކާއިގެން ނިކުމެވަޑައިގެންނެވެ.

"އަޅުގަނޑު ހިންގާ މަޝްރޫއުތައް ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނެ. އިދިކޮޅު ކެންޑިޑޭޓަށް ވެސް ފެންނާނެ. އަޅުގަނޑު ނިކުތީވެސް ރައްޔިތުންނާ އެކު. ނިންމަވާނީވެސް ރައްޔިތުންނާ އެކު،" ރައިސް ވިދާޅުވި އެވެ.

އެމަނިކުފާނު މިއަދު ވަނީ 160 ރިސޯޓް މައްސަލާގައި އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި 160 ރިސޯޓު ދޫކޮށްގެން އެ ވާހަކައެއް ނިޔާޒް އެމަނިކުފާނު އަރިހުގައެއް ނުދަންނަވަ އެވެ. ނިޔާޒު ދެންނެވީ އެމްއެމްޕީއާރްސީއއި އެމްޕީއެލްއާ ދެމެދު ހިނަގަމުންދިޔަ ފައިސާގެ މުއާމަލާތްތަކެއްގެ ވާހަކައެވެ.

"ނިޔާޒް ވިދާޅުވީ، ރައީސްއޭ. ތިމަންނަ ކަންބޮޑުވާ ކަމެއް އެބަ އޮތޭ. އެއީ އެމްއެމްޕީއާރްސީއާއި އެމްޕީއެލްއާ ދޭތެރޭގައި މުއާމަލާތްތަކެއް އެބަ ހިނގައޭ. މި މުއާމަލާތްތަކާ ދޭތެރޭގައި ތިމަންނަ ހިތްހަމައެއް ނުޖެހެއޭ. އެއީ އެމްޕީއެލްއިން އިސްވެ ދިވެހި ފައިސާ އެބަ ދެއޭ އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމައްޓަކައި. އެހެންވީމަ އެމްއެމްޕީއާރްސީ އަށް ޑޮލަރު ދިނުމުގައި ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަކަށް ކަންތައްތަކެއް ނުހިނގައޭ. މިކަން އެބަ ހުއްޓާލަންޖެހެއޭ. އެއީ ދެއްކި ވާހަކައަކީ. 160 ރަށްތަކެއް ނެރޭތީ، ނޫނީ ޓޫރިޒަމަށް ރަށްތަކެއް ނެރޭތީ ދެއްކި ވާހަކަތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތާއީދު ހޯދުމަށް މިފަދަ އެތަކެއް ވާހަކަތައް ކޮޅުން ޖައްސަވައިގެން ދައްކާނެ ކަމަށެވެ. ރައީސްގެ ނޮޅިވަރަންފަރު ދަތުރު ނިންމަވާލައްވާފައިވާއިރު މިރޭގެ ވަގުތެއްގައި ހދ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. އެއީ އެރަށުގެ ދެ މަޝްރޫއެއް އިފްތިތާހުކޮށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ.