އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުން

ރާއްޖޭގެ 41 ފަރާތަކަށް ފިޔަވަޅު އަޅާ ކަމަށް ބުނި ވާހަކަ އަނބުރާ ގެންގޮސްފި

Aug 22, 2018
17

އީޔޫއިން ރާއްޖެއިން ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ލިސްޓެއް 41 ފަރާތެއްގެ ނަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކަމަށް އީޔޫގެ ޕާލިމަންޓް މެންބަރަކު ވިދާޅުވި ކަމަށް ބުނެ، "އީޕީ ޓްޑޭ" މަޖައްލާގައި ޝާއިއު ކުރި ލިޔުމުން އެބައި އުނިކޮށް ލިޔުން އިސްލާހުކޮށްފި އެވެ.

އީޔޫގެ ޕާލިމަންޓަށް ހާއްސަކޮށް ނެރޭ މަޖައްލާއެއް ކަމަށްވާ، އީޕީ ޓްޑޭގައި ރާއްޖެއާ ބެހޭ ގޮތުން ޝާއިއު ކުރި ލިޔުމެއްގައި ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ގަރާރު އީޔޫގެ ޕާލިމަންޓަށް ވެއްދި މެންބަރު ތޯމަސް ޑެޗޮސްކީ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅާ ލިސްޓު އީޔޫގައި މިހާރު އެބައޮތް ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އެބަ އޮތް ކަމަށެވެ. އަދި އެ ލިސްޓް އޭނާ ދެކެވަޑައިގަތް ކަމަށާއި އީޔޫގެ ފޮރިން ކައުންސިލުން ރާއްޖެއާ މެދު ސީރިއަސްކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، އީޕީ ޓްޑޭގައި ޝާއިއުކޮށްފައިވާ މިލިޔުމުން ޕާލިމަންޓް މެންބަރު ތޯމަސް ވިދާޅުވެފައިވާ ފިޔަވަޅު އަޅާ ލިސްޓްގެ ވާހަކަ އާއި އެ ލިސްޓްގައި 41 ނަމެއް އޮތް ކަމަށް އޭނާ ވިދާޅުވި ވާހަކަ މިހާރު ވަނީ އުނިކޮށްފަ އެވެ. އަދި އެ ލިސްޓް އޭނާއަށް ފެނިވަޑައިގަތް ކަމަށާއި ދެން އޮތީ ރާއްޖޭގެ ވަކިވަކި މީހުންނަށް ފިޔަވަޅު އެޅުން ކަމަށް ބުނާ ބައިވެސް އެ ލިޔުމުން މިހާރު އޮތީ އުނިކޮށްފަ އެވެ.

އެ ލިޔުމުން އެބައިތައް އުނިކުރި ސަބަބެއް ނޭނގެ އެވެ. މިފަހުން، ތޯމަސް ޑެޗޮސްކީ ރާއްޖެއަށް ވެސް ވަޑައިގަތް ކަމަށްވެ އެވެ. އެހެން ނަމަވެސް ޗުއްޓީ ދަތުރެއްގައި ރާއްޖެ ވަޑައިގަތް ބައެއް ރަސްމީ މަސައްކަތްތައް އޭނާ ކުރެއްވި ކަމަށް ތުހުމަތު ކުރެވި އެ މައްސަލަ ފެންމަތިވެފައިވާ ކަމަށްވެ އެވެ. އީޔޫ ޕާލިމަންޓްގެ މެންބަރަކު ރަސްމީ މަސައްކަތެއްގައި ގައުމަކަށް ވަޑައިގަންނަވާ ނަމަ އީޔޫ ޕާލިމަންޓަށް އެކަން އަންގަން ޖެހެ އެވެ.

އީޕީ ޓްޑޭގާ އެ ލިޔުން ރޭ އާންމުވުމާ އެކު، ރާއްޖެއިން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާމް ވިދާޅުވީ، އީޔޫއިން ފިޔަވަޅު އަޅާ ލިސްޓެއް މިހާތަނަށް އެކުލަވާލާފައި ނުވާ ކަމުގެ ޔަގީންކަން އެ ޖަމާއަތުގެ ރަސްމީ ފަރާތްތަކުން ދޭ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ރާއްޖޭގެ މައްސަލަ އީޔޫގެ ފޮރިން ކައުންސިލްގައި އެޖެންޑާކުރަން ވެސް ނޫޅޭ ކަމަށާއި ވަކިވަކި ފަރުދުންނާ މެދުވެސް ފިޔަވަޅު އެޅޭނީ އެ މައްސަލަ އެޖެންޑާ ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އީޔޫ ކައުންސިލުން ފިޔަވަޅު އަޅާ ބައެއްގެ ލިސްޓް އެ ކައުންސިލުން ނުނިންމަނިސް އީޔޫގެ ޕާލިމަންޓް މެންބަރަކަށް ހިއްސާ ކުރުމަކީ އެ ތަނުގެ އުސޫލުތައް އޮންނަ ގޮތުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޝިއާން ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދާދިފަހުން އީޔޫއަށް ފޮނުއްވި މަންދޫބު ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ވިދާޅުވެފައި ވަނީ އީޔޫއިން ފިޔަވަޅު އަޅާ ދިވެހިންގެ ލިސްޓެއް އެކުލަވާލި ކަމަށް ބުނާ ވާހަކައިގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ ވާހަކަ ބަޔަކު ފަތުރަނީ އިންތިހާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރު ދައްކައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އީޔޫގެ ފޮރިން ކައުންސިލުން ނިންމާފައި ވަނީ، ރާއްޖޭގެ ވެރިންނާއި އެ ފަރާތްތަކަށް އެއްބާރުލުން ދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ އުސޫލެކެވެ. ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓް ފާސްނުކޮށް، އެ ޖަމާއަތުން ފާސްކުރި ފިޔަވަޅު އެޅުމުގެ އުސޫލު ނޫނީ ފްރޭމް ވޯކްގައިވާ ގޮތުން، އީޔޫގެ ގައުމުތަކަށް ދަތުރު ކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި އެފަދަ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި، މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.އެ ފްރޭމް ވޯކަކީ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އަޅާ ގޮތުގެ އުސޫލަކަށް ވާތީ، އެ ފްރޭމް ވޯކަށް އަމަލުކުރަން ފެށޭނީ ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫގެ ފޮރިން ކައުންސިލުން ފާސްކޮށްގެން އެވެ. އަދި އެ ލިސްޓް ފާސްކުރެވޭނީ އީޔޫގެ ފޮރިން ކައުންސިލްގައި ހިމެނޭ އީޔޫގެ ހުރިހާ ގައުމެއްގެ އިއްތިފާގުން އެވެ.