ހަބަރު

ރައީސްއަށް ހޫނު މަރުހަބާއެއް ކިޔަން ކުޅުދުއްފުށި ތައްޔާރުވެއްޖެ

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 22, 2018
1

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހދ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ ބަނދަރު މަތި ވަރަށް ބޮޑަށް ތައްޔާރުކޮށްފި އެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އެންމެފަހުގެ ތައްޔާރީތައް މިހާރުވެފައިވާއިރު ހާއްސަ ގިޑިގެއަކާއި އުނދޯލި ގެއެއް ބަނދަރު މަތީގައި ވަނީ ހަދާފަ އެވެ. ގިޑިގެ ހަދާފައިވަނީ މަގު ހެދުމުގެ މަޝްރޫއު ރަމްޒުވާ ގޮތަށެވެ.

ކުޅުދުއްފުއްޓަށް ރައީސް ވަޑައިގަންނަވަނީ މަގު ހެދުމުގެ މަޝްރޫއު ނިންމެވުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމެވުމަށެވެ.

އެންމެފަހުން ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށެވެ. އެފަހަރު ވެސް ކުޅުދުއްފުށިން ރައީސްއަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.

މިރޭ ބަނދަރު މަތީގައި ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ވެސް ދައްކަވާނެ އެވެ.