ހަބަރު

ރައީސް ޔާމީން ރާއްޖެއަށް އިގްތިސާދީ އިންގިލާބެއް ގެނެސްދެއްވައިފި: މެންބަރު ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ މިފަހުން ފެނުނު އެންމެ ވަރުގަދަ އިގްތިސާދީ ސިޔާސަތު ކަމަށާއި ރާއްޖެ މިދަނީ އިގްތިސާދީ ބޮޑު އިގްގިލާބަކަށް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ޝަރަފުގައި މިރޭ އެ ރަށުގައި ބޭއްވި ހަފްލާގައި، މެންބަރު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުތަކަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ގެންދަވަނީ އިގްތިސޯދީ ބޮޑު އިންގިލާބެއް ރާއްޖެއަށް ގެންނަވަމުންނެވެ. ބޮޑު މަންޒަރު ނުފެންނަނީ ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާގޮތުން ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އޮތުމުންނެވެ. ރާއްޖެއަކީވެސް އެހެން ގައުމުތައް ގޮތަށް އެއްފަސްކޮށް އޮތް ގައުމެއް ނަމަ ރައީސް ޔާމިން ގެންނަވާފައިވާ ތަރައްގީއާއި ފަސޭހަ އިހުސާސްކުރެވޭނެ ކަމަށް ވެސް ދިދާޅުވި އެވެ.

"ރައީސްގެ އިގްތިސޯދީ ސިޔާސަތަކީ މިހާތަނަށް ހިނގައިދިޔަ އެންމެ ވަރުގަދަ، އެންމެ ބާރުގަދަ، އެންމެ ދުރަށް ފެތުރިގެންދާ ސިޔާސަތު. ކުރުފިޔަވަޅުތަކެއް ނޫން މިއަޅަނީ. މުޅި ގައުމުގެ ގޮތުން ބަލާއިރު މި އަޅަނީ ވަރަށް ދިގު ފިޔަވަޅުތަކެއް،" ނަޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސޯދީ ގޮތުން އަންނަ ބަދަލަކީ އެންމެ މީހަކަށް އަންނަ ބަދަލެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އެ ތަރައްގީއަކީ މާލެ ސަރަހައްދަށް އަންނަ ތަރައްގީއަކަސް، ކުޑަ ރަށަކަށް އަންނަ ތަރައްގީއަކަށް ވިޔަސް އޭގެ ފައިދާ އަކީ މުޅި ގައުމަށް ކުރާ ލިބޭ ތަރައްގީ ކަމަށެވެ. އެކަން ކަމުން އިގްތިސޯދީ ގޮތުން އަންނަ ބަދަލު ތަކުގެ ވާހަކަ ވިސްނައިގަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަބަބުތަކާއި ހެދި ރައީސް ޔާމީންގެ ތަރައްގީއަށް ދިވެހި ހުރިހާ ރައްޔިތުން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.


ނަޝީދު ވިދާޅުވީ، އެއާޕޯޓު މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ޓާމިނަލް އެޅުމައްޓަކައި ބިން ކޮނުމުގެ މަސައްކަތް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް އެނގޭ މިއަށްވުރެވެސް އަވަސް ކުރަން ބޭނުންވާކަން. އެހެން ނަމަވެސް މި މަސައްކަތްތަކަކީ އެކަހަލަ މާހައުލެއްގައި ވަކި ގޮތަކަށް ވަކި ވަސީލަތްތަކަކާއެކު ކުރެވޭ މަސައްކަތްތަކެއް. އުންމީދުތައް ކިތަންމެ ބޮޑު ނަމަވެސް ކަންކަން ކުރެވޭނީ ވަކި ވަރަކަށް ކަން ގަބޫކުލުރަންޖެހޭ.މިހާރުވެސް އެއާޕޯޓުގެ މަސައްކަތް ކުރަމުން ގެންދަނީ ތިން ޝިފްޓަށް ހުއްޓުމެއްނެތި މުވައްޒަފުން ބަހާލައިގެން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބައެއް މީހުން ބުނަނީ އެ މައުލޫމާތު ރަނގަޅަށް ނޭނގޭތީ ކަމަށެވެ. އެހެން ނަމަވެސް ރެއާ ދުވާލު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ނިމޭނެކަމަށް ގަބޫކުލުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރުކަމެއް ވާކަމަށް ފާހަގަ ނުވުމަކީވެސް އެކަށީގެންވާ ކަމެއް. ނަމަވެސް ހަގީގަތަކީ ތިން މަޝްރޫއުވެސް ކުރިއަށް ދަނީ ބާރު ސްޕީޑުގައި ކުރިއަށޭ. އަޅުގަނޑުމެން އަންނަ ކޮންމެ ފަހަރަކު އާ ކަންތައްތަކެއް އެބަ ފެނޭ.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ރައީސް އަދި ބައްދަލުކުރާނަން މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ މަޝްރޫއު ނިމި، ރައީސް އެ ވިދާޅުވި ގޮތަށް އެތަނަށް ބޯޓު ޖައްސަން ފެށޭ އިރު. އަޅުގަނޑުމެންގެ އުންމީދަކީ މަދު މަސްތަކެއްގެ ތެރޭގައި އެ މަސައްކަތް ނިމިގެންދިއުން،" ނަޝީދު ވިދާޅުވި އެވެ.