ހަބަރު

ވޯޓްލާން ފްލައިޓްގައި ކުޅުދުއްފުއްޓަށް އާދެވޭނެ، އޭރަށް އެއާޕޯޓް ހުޅުވޭނެ: ރައީސް

Aug 22, 2018
5

ކުޅުދުއްފުށިން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓްލާން ރަށަށް އަންނަން ބޭނުންވާ ބޭފުޅުންނަށް ނަމަ ފްލައިޓްގައި ކުޅުދުއްފުށީ އެއާޕޯޓަށް އާދެވޭ ވަރަށް އެއާޕޯޓް މަސައްކަތް ނިންމައިފި އެ ރަށުގެ އެއާޕޯޓް ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއާޕޯޓަށް ކުޅުދުއްފުއްޓަށް ބޭނުންވާކަން އެމަނިކުފާނަށް މީގެ އެތައް އަހަރެއް ކުރިން ވެސް ވިސްނި ވަޑައިގަތީ މާކުރިން ކަމަށާއި ކުޅުދުއްފުއްޓަކީ އުތުރުގެ ތަރައްގީގެ ނާރެއްހެއްގެ ގޮތުގެ އެ ރަށް ތަރައްގީ ކުރުމުގެ ތަސައްވުރަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ވިޝަންއެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އުުތުރަށް ޓޫރިޒަމް ނައިސް އޮތީ ވެސް، އެއާޕޯޓް މަދުވުމުގެ ސަބަބުން ކަމަށެވެ. އެއާޕޯޓް ނިމުމާ އެކު ގެސްޓްހައުސްތަކާއި އާ ރިސޯޓްތައް އުފެދި އިތުރު 3،000 ޓޫރިސްޓް އެދު އުތުރަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ 10،000 ވަޒީފާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއާޕޯޓެއް އެޅުމުގެ ވިޝަން އެމަނިކުފާނު ގެންގުޅުއްވީ ޒުވާނުންނަށް ހާއްސަކޮށް ކުޅުދުއްފުށީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދެއްވުމުގެ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.


"އަޅުގަނޑަށް އިނގޭ މި ރަށުގެ ޒުވާނުން ވެސް ބޭނުން ވަނީ ވަޒީފާގެ ފުރުސަތުތައް. އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ވެރިކަމުގެ ފުރަތަމަ ތިން އަހަރު 3،000 އެނދު ތަރައްގީ ކުރުން. އެއީ މި ރަށުގައި އެއާޕޯޓެއް ތަރައްގީކޮށްގެން އަންނަ ޓޫރިސްޓް ރިސޯޓާއި ގެސްޓްހައުސްތަކާ އެކު. ވިސްނަވާ މި ރަށުގެ ޖުމްލަ އާބާދީއާ އެއްވަރުގެ ވަޒީފާ އުފެދިގެން ދާނެ. އެއީ 10،000 ވަޒީފާ. މި ރަށުގައި ޒުވާނުން ހުސްވަންދެން ވަޒީފާ އުފެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. "ވަރަށް އަވަހަށް އެއާޕޯޓް ނިމިގެން ދާނެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މި ކުރަނީ ސެޕްޓެމްބަރު 23 ގައި މިނަގާ ވޯޓް، ކުރިއަށް މި އޮތް މަހެއްހާ ދުވަހު ނަގާ ވޯޓްގައި ކުޅުދުއްފުށީގެ މާލޭގައި ތިއްބެވި ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެން ވޯޓްލަންޔާ ހަގީހަތުގައި ވެސް ވޯޓްލާނީ މަތިންދާ ބޯޓްގައި މި ރަށަށް ވަޑައިގެން،"

އެމަނިކުފާނު ވިދާޅުވީ، ކުޅުދުއްފުށީގެ ކުޅިހިއްކައިގެން އެއާޕޯޓެއް އަޅާތީ އެކަމާ އެންމެ ބޮޑަށް އަޑުއުފުލައި ދެކޮޅަށް މަސައްކަތްތަކެއް ކުރީ އިދިކޮޅު ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓަކީ އެ ރަށަށް ބޭނުންވާ ކަމެއްގެ ގޮތުގައި މިހާރު ވިސްނުމަކީ ވަރަށް ދެކޮޅު ހަމަނުޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީގެ ކުރިން އެކަމާ ދެކޮޅު ހެއްދެވި ބަޔަކު މިއަދު އެކަން ކޮށްދޭ ނަމޭ ބުނުމުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައިގެ އިތުބާރު ނެތްކަން ހާމަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާ މެދު ރައީސްގެ ވިޝަން ހާމަކުރައްވަމުން ވިދާޅުވީ ކުޅުދުއްފުއްޓަކީ އެ ރަށުގެ ރައްޔިތުންނަށް އަމިއްލައަށް ފުދިގެން އުފާފާގަތި ކަމާ އެކު އުޅެވޭނެ ފަދަ އަމިއްލަ އިގްތިސާދެއް އޮތް ރަށަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ވެސް ކުޅުދުއްފުއްޓަށް ކަންތައްތަކެއް ކޮށްދިންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން 540 މިލިއަން ރުފިޔާ އެރަށުގެ އުމްރާނީ ތަރަައްގީއަށް އިންވެސްޓްކޮށްދެވިފައިވާ ކަމަށެވެ. އޭގެ ކުރިން ރައީސް ނަޝީދާއި ޑރ، މުހައްމަދު ވަހީދުގެ ސަރުކާރުގައި އިންވެސްޓްކުރީ، 290 މިލިއަން ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެން އެންމެ އަވަހަށް ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނީ، ކުޅުދުއްފުށީގައި އާ ބަނދަރެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އެކަމަށް 160 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއެއް ވެސް ހިންގެވުމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

"މިއީ އެއް ރަށަކަށް ވަރަށް ބައިވަރު ފައިސާ. އެކަމަކު އަޅުގަނޑުގެ ތަސައްވުރަކީ މި ރަށަކީ މިރަށުގެ ރައްޔިތުންގެ ބޭނުންތައް އަމިއްލައަށް މި ރަށުން ފުދޭނެ ފަދަ އަމިއްލަ އިގްތިސާދެއް އޮތް ރަށަކަށް ވުން. މި ރަށަކީ އާބާދީ ބޮޑު ރަށެއް. ރައްޔިތުންގެ ބޭނުންތައް މިރަށުން ފުދެން އެބަ ޖެހޭ." ރައީސް ވިދާޅުވި އެވެ.