ހަބަރު

ނިމްސްގެ އެއްބަސްވުން އުވާލައި ކުޅުދުއްފުށީ ހޮސްޕިޓަލް ސަރުކާރުން ތަރައްގީ ކުރަނީ

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް އިންޑިއާގެ ނިމްސް އާއެކު އެކުލަވައިލި އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަމަށައި އެ ހޮސްޕިޓަލް ތާޝަރީ ފެންވަރަށް ދެން ތައްޔާރުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ނިމްސް ހޮސްޕިޓަލާ އެކު އެއްބަސްވުމެއް އެކުލަވައިލީ ކުޅުދުއްފުށީގައި ތިން ވަނަ ދަރަޖައިގެ ނުވަތަ ތާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމަށްޓަކައި ވަރަށް އިހްލާސްތެރި ނިޔަތެއްގައި ކަމަށެވެ. އެއީ މާލެ ނަގައިފައި އެންމެ ރަނގަޅު ހިދުމަތްތައް ކުޅުދުއްފުއްޓަށް ގެނައުމަށް ކަމަށާއި އެހެން ނަމަވެސް ކަންތައް ވެގެން ދިޔައީ ސަރުކާރުން އުންމީދުކުރި ގޮތަކަށް ނޫން ކަމަށެވެ.

އެހެންކަމުން ނިމްސްއާއެކު ސޮއިކުރި އެއްބަސްވުން މިހާރު ނިމުމަކަށް އަންނަންޖެހޭކަން ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

"އެކުންފުންޏަކީ، ނުވަތަ އެ ހޮސްޕިޓަލަކީ ނަން މަޝްހޫރު ހޮސްޕިޓަލެއް. އެމީހުން އެކަން ކުރަން ބޭނުންވިނަމަ އެކަން ކޮށްދެވޭނެ. ވޯޑުން ބައެއް ތަންތަން ތެޅި އެމްއާރްއައި މެޝިން ބަހައްޓަން. އަދި އެހެން ކަންތައްތައް ކުރަންވެސް ތަންތަން ތެޅި. އެކަމަކު މިކަން ނިމުނީ ކިހިނެއްތޯ. އެމީހުން ދެކޮޅު ހަދާ ރާއްޖެއަށް އައުމަށް ވެސް ދެކޮޅު ހަދާ. އެހެންވެ މިހާރު އަޅުގަނޑުމެން އެއްބަސްވެއްޖައިން، އެ އެގްރީމަންޓަކީ ނިންމަންޖެހޭ އެގްރީމަންޓެއް. އަޅުގަނޑެއް ގަބޫލު ނުކުރަން ބޭރުގެ މިފަދަ ފަރާތްތަކާއެކު މިފަދަ ކަންކަން ކޮށްގެން މާ އެދެވޭ ނަތީޖާތަކެއް މިހާރު ލިބިފައި އޮތްކަމެއް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީ ހޮސްޕިޓަލްވެސް ތަރައްގީކޮށްދޭނީ ސަރުކާރުން ކަމަށާއި، ހޮސްޕިޓަލްގެ ކަންކަން ހިނގައިދިޔަ ގޮތުން އެކަން ކުޅުދުއްފުށީ ރައްޔިތުންނަށް އެންމެ ރަނގަޅަށް އެނގޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހޮސްފިޓަލްގެ ހާލަތު އެހިސާބުގައި އޮއްވާ ހާއްސަ މަސައްކަތްތަކެއް ކުރެވިގެން ސްކޭނަރު މިތަނަށް އައިސްފި، އެމްއާރްއައި އެ ހޯދަނީ. މާލޭގައި ހުރި ޑައިގްނޮސްޓިކް ހުރިހާ ފެސިލިޓީއެއް މީގަ ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމިގެންދާއިރު އެ ހޮސްޕިޓަލުގައި އުތުރުގެ އެންމެ ފެންވަރު ރަނގަޅު ސްޕޯޓްސް ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ގާއިމްކޮށްދޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. އަދި ދަރިމައިވުމުގެ ހިދުމަތާއި ޑައިގްނޮސްޓިކް ހުރިހާ ވަސީލަތަކާއި ހާއްސަ ބަލިތަކަށް ސްޕެޝަލައިޒްވެގެން ދިއުމުގެ އިތުރަށް އެހެން ފެސިލިޓީސް ތައްވެސް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ރައީސް ވިދާޅުވީ، ކުޅުދުއްފުށި މީހުން އެމަނިކުފާނަށް ވޯޓު ދެއްވަންޖެހެނީ މިފަދަ ސަބަބުތައް ފެންނަން ހުރުމުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮޑެތި ކުންފުނިތައް އުވާލާ ވާހަކަ ދައްކާއިރު އެރަށުގެ ހޮސްޕިޓަލް ވެސް ބޭރުގެ ބަޔަކު ތަރައްގީކޮށް ނުދިނުމުން ސަރުކާރުގެ ބަޖެޓުން ތަރައްގީކުރަނީ ސަރުކާރުގެ ކުންފުނިތައް ހުރުމުންކަމަށް ވިދާޅުވެ، ސިޔާސީ ފިކުރުތަކުން އެއްކިބާވެ، ތަރައްގީއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް ވޯޓު ދެއްވުމަށް ރައީސް މިރޭ ވެސް ވަނީ އެދި ވަޑައިގަންނަވާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް އެގްރީމެންޓް އުވާލާނެ ކަން ރައީސް މިރޭ އިއުލާންކުރެއްވި އިރު ނިމްސްއާއެކު އެކުލަވާލި އެގްރީމަންޓްގެ މައްސަލަތަކެއްޖެހި އެ ހޮސްޕިޓަލްގެ މަސައްކަތް ދާދި ހުއްޓުމަކަށް އައުމުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެލްތު
މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެފަ އެވެ.