ބޭރު ކުޅިވަރު

ބާސެލޯނާ ބަލިކޮށް ޔުވެންޓަސް އަށް ތަށި އުފުލާލެވިދާނެތަ؟

Jun 6, 2015

ޔޫރަޕްގެ ތަހުތު އަލުން އަތުލުމަށް އިޓަލީގެ ޔުވެންޓަސް އިން ފެށި ދަތުރުގެ ފަހު ކުރިމަތިލުމަށް ފުޓްބޯޅައިގެ ދުނިޔެ އިންތިޒާރުކުރަމުން އަންނައިރު އެމީހުންނާއި ތަށްޓާ ދެމެދު މިހާރު އޮތް ހަމައެކަނި ހުރަހަކީ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އެވެ.

ބާސެލޯނާ އަކީ ފަހުގެ ތާރީޚުގައި ފުޓްބޯޅައިގެ ދަނޑަށް ނުކުތް އެންމެ ކާމިޔާބު އަދި އެންމެ އާދަޔާހިލާފު އެއް ޓީމެވެ. ޔުވެންޓަސްގެ ނަން އިޓަލީގެ ފުޓްބޯޅައިގެ ޝަރަފާއި ފަހުރާ ގުޅިފައި އޮތަސް އަދި ޔޫރަޕްގެ ފުޓްބޯޅައިގެ މައިދާނުގައި ބާސެލޯނާ އަށް ވުރެ ދޮށީ ކާމިޔާބީއެއް އޮތަސް މިއަދުގެ ބާސެލޯނާއާ އަޅާބަލާއިރު ޔުވެންޓަސް އަކީ ޔޫރަޕްގައި ހަމަ އާދައިގެ ބާރެކެވެ. 

ޔޫރަޕުގެ ތަހުތަށް އަރަން ބާސެލޯނާ އަށް 1992 ވަނަ އަހަރާ ހަމަ އަށް މަޑުކުރަން ޖެހުނަސް އަދި ދެ ވަނަ ފަހަރަށް އެ ކާމިޔާބީ ތަކުރާރުކުރަން އިތުރު 14 އަހަރު ނެގިޔަސް އެމީހުން ވަރުގެ ކާމިޔާބު ޓީމެއް މިއަދު ޔޫރަޕަކު ނެތެވެ.

ޔުވެންޓަސް އަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފޮނިރަހަ ތަޖުރިބާނުކުރެވޭތާ މިހާރު 20 އަހަރުވީ އެވެ. މިއީ މިއަދުގެ މެޗު ބާސެލޯނާ އަށް ވުރެ ބޮޑަށް ޔުވެންޓަސް އަށް ހާއްސަ އެންމެ ބޮޑު ސަބަބެވެ.

އަނެއްކޮޅުން އެމީހުން އަރައިގެން އެ އަންނަނީ ނިކަން ފުން ވަޅުގަނޑަކުންނެވެ. އެ ވަޅުގަނޑުން އަރައިގެން އައިސް ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅައިގެ މައިދާނުގެ ފަހު މަރުހަލާ އަށް ނުކުމެފައިވާއިރު ޔުވެންޓަސް އަށް މި ތަށި ލިބުމަކީ އިޓަލީގެ އިތުރުން ފުޓްބޯޅަ އަށް ލޯބިކުރާ އެހެން އެތައް ބަޔަކު ވެސް ނެރެން ބޭނުންވާނެ ނަތީޖާ އެކެވެ.

ދެއްކި ހިތްވަރާއި ސާބިތުކޮށްދީފައިވާ ފެންވަރަށް ބަލާއިރު ޔުވެންޓަސް އަށް ޔޫރަޕްގެ ތަހުތު މިފަހަރު ހައްގެވެ. އަދި އިޓަލީ ފުޓްބޯޅައިގެ ޝަރަފާ ގުޅިފައިވާ ޖިއަންލުއިޖީ ބުފޮން ފަދަ ކުޅުންތެރިންގެ ކެރިއަރު ނިންމާލާއިރު ޗެމްޕިއަންސް ލީގުގެ މެޑައްޔެއް ވެސް ވަރަށް މުހިންމެވެ.

އެހެންވީމަ ބާސެލޯނާގެ މައްޗަށް ޔުވެންޓަސް އަށް ކުރި ހޯދިދާނެ ހެއްޔެވެ؟

ޔުވެންޓަސް އަކީ އިޓަލީގެ ފުޓްބޯޅައިގައި ދެމިއޮތް އެންމެ ކާމިޔާބު ނަމެވެ. ނަމަވެސް ޔޫރަޕުގައި އެމީހުންނަކީ އެވަރުގެ ގަދަ ބާރެއް ނޫނެވެ. ޔޫރަޕްގެ ތަށި 1985 ވަނަ އަހަރު އުފުލާލުމަށް ފަހު ދެން އެ ޝަރަފު ލިބުނީ 1996 ވަނަ އަހަރު އެކަންޏެވެ.

މި ޓީމުގެ އެންމެ ކާމިޔާބު ދުވަސްތަކެއް ފެނިގެން ދިޔައީ އިޓަލީގެ ކޯޗުކަމާ ފަހުން ހަވާލުވި މާސެލޯ ލިއްޕީގެ އިރުޝާދާ އެކު ޔޫރަޕަށް ނުކުތް އަހަރުތަކުގަ އެވެ. އެގޮތުން އެންމެފަހުން ވެސް މި ޓީމު މި މުބާރާތުގެ ފައިނަލަކަށް ގެންގޮސް ދިނީ ލިއްޕީ އެވެ.

އެފަހަރު އެމީހުން ފައިނަލުގައި ބަލިކުރީ މިހާރު ޔުވެންޓަސްގެ މައިބަދައިގެ ގޮތުގައި ހުރި ޕިރްލޯ އޭރު ކުޅުނު އޭސި މިލާނެވެ. އެހިސާބުން އަނެއްކާވެސް ވެއްޓުނީ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މުހިންމު މައިދާނަށް މި ޓީމު އަލުން އެނބުރި އައިސްފައި މި ވަނީ އިޓަލީގެ ފުޓްބޯޅަ މިފަހުން ގުޑުވާލި މެޗް ފިކްސިންގެ މައްސަލަގަނޑާ އެކު އެއް ސީޒަން ރެލިގޭޝަނުގައި ހޭދަކުރުމަށް ފަހު އެވެ.

ކުރިމަތިވި މި މައްސަލަގަނޑާ އެކު ފާއިތުވި އަހަރުތަކުގައި ޔުވެންޓަސްގެ ބާރު އޮތީ ޔޫރަޕްގެ ފުޓްބޯޅައިން ގާތްގަނޑަކަށް ކެނޑިފަ އެވެ.

ނަމަވެސް ރެލިގޭޝަނުގައި ކުޅެ ދެ ވަނަ ޑިވިޝަން ފަތަހަކޮށް އެއް ވަނަ ޑިވިޝަން ފަތަހަކޮށް އެންމެފަހުން މި ވަނީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވެސް ބަލިކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ޔުވެންޓަސް އިން ފާއިތުވި ދެ ތިން އަހަރު ހޯދި މި ކާމިޔާބީ އަކީ ވަރަށް ފަހުރުވެރި އަދި އެހާމެ ތާރީޚީ ކާމިޔާބީއެކެވެ.

ޔޫރަޕުގެ ތަހުތާ ފިޔަވަޅަކަށް ގާތަށް ޔުވެންޓަސް ޖެހިލާފައިވިޔަސް އެމީހުންގެ ކުރިމަތީގައި އޮތް ބާރަކީ ބަލިކުރަން އެއްގޮތަކަށް ވެސް ފަސޭހަވާނެ ޓީމެއް ނޫނެވެ. ލިއޮނަލް މެސީ އާއި ލުއިޒް ސުއަރޭޒް އަދި ނޭމާ ގުޅިގެން އުފައްދާ ހަމަލާއެއް ކޮންޓްރޯލްކުރަން ފަސޭހަނުވާނެ ކަމަށް ޔުވެންޓަސްގެ ކީޕަރު ބުފޮން ވެސް ވަނީ ބުނެފަ އެވެ.

ބާސާގެ މި ފޯވާޑް ލައިނުން ވަނީ މި ސީޒަނުގައި ލަލީގާގައި ރިކޯޑް އަދަދަކަށް ގޯލު ޖަހައިފަ އެވެ. މިއީ ވެސް ފަހު ކުރިމަތިލުމުގައި ޔުވެންޓަސް އަށް އޮތް ބިރެކެވެ.

އަނެއްކޮޅުން 2011 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފޮނި ތަޖުރިބާކުރެވިފައި ނެތުމުން ބާސާ ވެސް އޮތީ ޔުވެންޓަސް ފަދައިން މިފަހަރުގެ ތަށި އުފުލާލުމަށް ކެތްމަދުވެފަ އެވެ.