ހަބަރު

ކުލި ދައްކަން އެލަވެންސް ދީ، ހޯމް ލޯންގެ އިންޓަރެސްޓް 6 ޕަސެންޓަށް ކުޑަކުރާނަން: އިބޫ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެންމެ އިސްކަންދޭނީ ބޯހިޔާވަހިކަން ބޭނުންވެފައިތިބި މީހުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި އެގޮތުން ކުލި ދެއްކެން ނެތް މީހުންނަށް ސަރުކާރުން ހިލޭ ގެދޮރު ދޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ނ މިލަދޫއަށް ކެމްޕޭން ކުރައްވަން ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އިބޫ މިރޭ ވިދާޅުވީ، އެބޭފުޅުންގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ސޯޝަލް ހައުސިން ނިޒާމެއް ގާނޫނެއްގެ އެހީގައި ރާއްޖެއަށް ގެނެސް އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން މަސައްކަތްތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގެދޮރު ކަށަވަރުކޮށްދޭން ގެންނަ ގާނޫނުގެ ދަށުން ސޯށަލް ހައުސިންގެ ކަންކަން ކުރާނެ ހާއްސަ މުއައްސަސާއެއް ސަރުކާރުގައި ގާއިމްކޮށް، އެ މުއައްސަސާގެ ދަށުން ހިންގާނެ ކުންފުންޏެއް އުފައްދައި، ބޯހިޔާވަހިކަން ބޭނުންވާ މީހުން ތިން ކެޓަގަރީއަކަށް ބަހާލައިގެން އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އެއްގޮތަކަށްވެސް ކުލި ދެއްކޭ ފެންވަރު ނެތް މީހުންނަށް، އެމީހުންގެ ކުލި އަމިއްލަޔަށް ހޯދާނެ ފަދަ ގޮތެއް ހޯދެން ދެކަށް ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ތިންކެޓަގަރީއަކަށް ބަހާލާނަން. ފުރަތަމަ ބައިގައި އެއްވެސް ފައިސާއެއް ދީގެން ނޫންނަމަ ކުއްޔަށް ދީގެން ނޫޅެވޭ ހާލަތުގައި ތިބި ރައްޔިތުންނަށް ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން. އެއީ އެފަރާތްތަކަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅެވޭ ހިސާބަށް އެކަން ކޮށްދޭނަން. ދެވަނަ ކެޓަގަރީގައި ކުލި ދައްކައިގެން ނުވަތަ އަމިއްލަޔަށް ފްލެޓް ގަނެވޭނެ ފަދަ އާމްދަނީ ނުލިބޭ ފަރާތްތަކަށް ކުލި ދެއްކުމުގައި ސަރުކާރުން ސަބްސިޑީ ދޭނަން. އޭރުން އާއިލާއާއެކު ލިބޭ އެއްޗަކުން ހަމަޖެހިގެން އުޅެފައި ފްލެޓްތަކަށް ކުލި ދައްކައިގެން ތާހިރު ދިރިއުޅުމެއް އުޅެވޭނެ،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން ފްލެޓް ގަންނަން ލާރި ހުރި ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރެސްޓް ރޭޓު 6 ޕަސެންޓަށް ކުޑަކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ.

މި ސިޔާސަތު ތަންފީޒުކުރެވޭނެ ގާބިލުކަން އިބޫ ވިދާޅުވާ ގޮތުންނަމަ ރާއްޖޭގައި އެބަހުއްޓެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތަކެއްވެސް އެބޭފުުޅުންނަށް ވަނީ ހޯދިފަ އެވެ. އެހެންކަމުން މިކަންކަން ތަންފީޒުވުމުން ގެދޮރަށް ބޭނުންވެފައިތިބި 20،000 އާއިލާ އަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުގައި ވެސް ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ކަންކަން ކޮށްދެވޭނެ ފެންވަރު އެބަހުއްޓެވެ. ނަމަވެސް ތެދުވެރިކަމާއި އިހުލާސްތެރިކަން ނެތި ގޮސް، ކޮރަޕްޝަން ވަކި ހިއްޕާލުމުގެ ސަބަބުން ގައުމު މިހާރު ދަރާ ވިކިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށް ނިމޭއިރު ބޯހިޔާވަހިކަމަށް ސަލާންޖަހަންޖެހޭ މީހަކު ނުހުންނާނެ،" އިބޫ ވިދާޅުވި އެވެ.