މި ސަރުކާރަށް އުއްމީދެއް، އަމާޒެއް ނެތް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރަށް އެއް އަހަރުވެގެންދިޔައިރު ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށާއި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ފެއްޓެވި އެއް ކަމަކީ ނޫސްވެރިކަމާއި ދެކޮޅަށް ފެށި މަސައްކަތް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"އެއް އަހަރުވީއިރު މި އޮތީ ސަރުކާރުގެ ބާރުގެ ދަށަށް ނޫސްވެރިކަން ގެނައުމަށްޓަކައި ގާނޫނީ ގޮތުން އެ ބާރު ނެންގެވުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެ ބިލް ގާނޫނަކަށްވުމުން އުފައްދާ ކޮމިޝަންގެ މެޖޯރިޓީއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުން ގޮތުގައި ބިލްގައި އޮތްކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.
"އެ ކޮމިޝަނަށް މީޑިއާއަކާ ބެހޭ ގޮތުން ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ބަލައި ނިމެންދެން މުޅި މީޑިއާ ސަސްޕެންޑްކޮށްފައިވެސް އެބަ އޮވޭ. މިއީ ޑިމޮކްރަސީއެއްގައި އެޅޭނެ އެންމެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅު،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ވިވައުދުތައް ނުފުއްދޭ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރިން އެންމެ ހާލުގައި ޖެހިފައިވާ ދުވަސްވަރު ކަމަށެވެ.
ސަރުކާރުން ވައުދުވީ 20 ރުފިޔާއަށްވުރެ ބޮޑު އަގުގައި މަސްގަނެ، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދީ ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"16 ރުފިޔާއަށް މަސް ގަނެފަ އެ ލާރި ނުދެވި އެދަނީ ދެ ހަފުތާ ތިން ހަފުތާ ވެގެންދާއިރު،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ ރައްޔިތުން ސިއްހީ ފަރުވާއަށް ސަލާންޖަހަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ސިޔާސަތުގެ އަމާޒު ހުރީ ނާއުންމީދުކޮށް ކަމަށާއި ވައުދުތައް ނުފުއްދޭއިރު ސަރުކާރުން ދޮގު ހަދަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"މިގޮތަށް ކުރިއަށްދާ ކަމަށްވަންޏާ ރައްޔިތުންނަށް ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވާނެ،" ސޯލިހް ވިދާޅުވި އެވެ.