ހަބަރު

އީޔޫގެ ޖަވާބު: ރާއްޖެއަށް ފިޔަވަޅު އެޅުމާ މެދު އިތުރު ކަމެއް ނުނިންމާ

Aug 23, 2018
5

ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އެޅުމަށް އީޔޫގެ ކައުންސިލުން ދާދި ފަހުން ފާސްކޮށްފައިވާ ނިންމުމާ ގުޅިގެން އިތުރު ކަމެއް އީޔޫގެ ކައުންސިލުން އަދި ނިންމާފައި ނެތް ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އީޔޫ އިން މިހެން ބުނެފައި މި ވަނީ އީޔޫއިން ފިޔަވަޅު އަޅާނެ 41 ދިވެއްސެއްގެ ލިސްޓެއް އެ ޖަމާއަތުން ތައްޔާރުކޮށްފައިވާ ކަމަށް އީޔޫގެ ޕާލިމަންޓް މެންބަރަކު މީޑިއާގައި ވިދާޅުވުމާ ގުޅިގެން އެވެ. އެކަމާ ގުޅޭ ގޮތުން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ،ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އީޔޫ މިޝަންއިން މިއަދު ލިޔުމުން ދިން ޖަވާބުގައި ބުނީ، ރާއްޖޭގައި ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވެ، އީޔޫ ކައުންސިލްގެ 28 ގައުމުން ރާއްޖޭގެ ވަކިވަކި ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމުގެ ފްރޭމް ވޯކެއް މިދިޔަ ޖުލައި މަހު ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިތުރު ނިމުމެއް ނިންމޭނީ އީޔޫ ކައުންސިލަށް ކަމަށާއި އެ ފްރޭމްވޯކް ފާސްކުރި ފަހުން އެކަމާ ގުޅޭ އިތުރު ކަމެއް އަދި އެ ކައުންސިލުން ނިންމާފައި ނެތް ކަމަށް އީޔޫއިން ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އީޔޫގެ ފޮރިން ކައުންސިލުން ފާސްކޮށްފައިވަނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓް ފާސްނުކޮށް، އެ ޖަމާއަތުން ފާސްކުރި ފިޔަވަޅު އެޅުމުގެ އުސޫލު ނޫނީ ފްރޭމް ވޯކްގައިވާ ގޮތުން، އީޔޫގެ ގައުމުތަކަށް ދަތުރު ކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި އެފަދަ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި، މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.އެ ފްރޭމް ވޯކަކީ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އަޅާ ގޮތުގެ އުސޫލަކަށް ވާތީ، އެ ފްރޭމް ވޯކަށް އަމަލުކުރަން ފެށޭނީ ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫގެ ފޮރިން ކައުންސިލުން ފާސްކޮށްގެން އެވެ.

އީޔޫއިން އިތުރަށް ބުނީ އީޔޫ ޕާލިމަންޓްގެ ފަސް މެންބަރަކު މިފަހުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމަށާއި ނަމަވެސް އެއީ އެބޭފުޅުންގެ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ. އަދި އެއީ އީޔޫގެ ރަސްމީ އެއްވެސް ކަމަކާ ގުޅުން ހުރި ދަތުރެއް ނޫން ކަމަށް ވެސް އީޔޫއިން ބުންޏެވެ.

އެ ޖަމާއަތުން ބުނީ ރާއްޖޭގެ މަސްރަހުގައި ހިނގާ ކަންކަން ވަރަށް ކައިރިން އެ ޖަމާއަތުން ބަލައި މޮނީޓާ ކުރަމުން ދާ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ވޯޓްލާ ފަރާތްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ތަފާތު ކަންކަން ހިންގާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އެ ޖަމާއަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ. އަދި އިންތިހާބުގެ ކުރިން ހިނގާ ކަންކަން ދެ ފުއްފެންނަ އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިވާ ގޮތަށް ބެހެއްޓުމުގެ މުހިންމުކަން ބޮޑު ކަމަށް ވެސް އީޔޫ އިން ބުންޏެވެ.

އީޔޫގެ ޕާލިމަންޓަށް ހާއްސަކޮށް ނެރޭ މަޖައްލާއެއް ކަމަށްވާ، އީޕީ ޓްޑޭގައި ރާއްޖެއާ ބެހޭ ގޮތުން ޝާއިއު ކުރި ލިޔުމެއްގައި ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ގަރާރު އީޔޫގެ ޕާލިމަންޓަށް ވެއްދި މެންބަރު ތޯމަސް ޑެޗޮސްކީ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅާ ލިސްޓު އީޔޫގައި މިހާރު އެބައޮތް ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އެބަ އޮތް ކަމަށެވެ. ދެން އޮތީ އެ ލިސްޓުން ފާސްކޮށްލުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް އީޕީ ޓްޑޭގައި އޭނާ ވިދާޅުވި ކަމަށް ބުނެ ރިޕޯޓް ކުރި ބައި ފަހުން ވަނީ އެ ލިޔުމުން އުނިކޮށްފަ އެވެ.