ހަބަރު

މައުމޫން ގެޔަށް ބަދަލުކޮށް ދިނުމަށް އެތައް ބަޔަކު އާދޭސް ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލު ދެރަވެ، އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ބުނެ އެތަށް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަދެ އެވެ. އެފަރާތްތަކުން ގޮވާލަމުން ދަނީ މައުމޫންގެ ސިއްހީ ހާލުކޮޅުގެ ސަބަބުން އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށެވެ.

މައުމޫންގެ ސިއްހީ ހާލަތު ކުރިއަށް ވުރެ ގޯސްވެފައިވާތީ އިތުރު ފަރުވާޔަށް މާލެ ގެނައުމަށް މާފުށީގެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެ އެވެ. މާލެ ވަޑައިގަތުމަށް މައުމޫން ތައްޔާރުވެވަޑައިގަތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފަހުން މައުމޫން މާލެ ނުގެންނަން ނިންމައި ޖަލަށް މާލެއިން ޑޮކްޓަރުން ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އާޒިމާ ޝަކޫރުގެ ބޭބެ އާތިފް ޝަކޫރުވެސް ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޓްވީޓެއް ކުރައްވައިފަ އެވެ. އާތިފް ވިދާޅުވީ ކިތަންމެ ހިޔާލު ތަފާތުވި ނަމަވެސް އިންސާނިއްޔަތު ކަމަށްޓަކައި ރައީސް މައުމޫން ކުރައްވާ އާދޭސް އަޑު އަހާ އިޖާބަ ދޭން ޖެހޭ ކަމަށެވެ. އީދުގެ ފަހަގަ ކުރާ އަޑު ކެނޑިގެން ދިޔައީ އެމަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވި ހަބަރާ އެކުގައި ކަމަށާއި އެމަނިކުފާނަށް އިހުސާންތެރިވެ ގެއަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ގޮވާލާ ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ކުރެއްވި ޓްވީޓް

އިދިކޮޅު އެމްޑީޕީގެެ މަޖިލީސް މެންބަރެއް ކަމަށްވާ އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު އަވަސް މިނެއްގައި ދަށްވަމުންދާ ކަމަށާއި ނަމަވެސް ފަރުވާއަށް އެމަނިކުފާނު މާލެ ގެންދިޔުމަށް ކަރެކްޝަންސް އިން ފުރުސަތެއް ނުދޭ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަަމުގައި އެއް "ސިޔާސީ ގައިދީއަކު" ބަންދުގައި ވަނިކޮށް މަރުވެފައިވާ ކަމަށާއި ޖަލުގައި މަރުވި މީހުންގެ އަދަދު 20އަށް ވުރެ ގިނަ ކަމަށެވެ. ނަމަވެސް އެއްވެސް މަރެއް ތަހުގީގުކޮށްފައި ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭބޭފުޅު މައުމޫނާއި މެދު އަނިޔާވެރިވެވަޑައިގެންނެވުމުންދާ ކަމަށާއި އެ ބޭބޭފުޅުގެ ކެބިނެޓު ރައީސް ޔާމީނަށް ޖާގަ ދެއްވި ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންނެވުނު ހަމައެކަނި ސަބަބަކީ ވެސް އެ ބޭބޭފުޅު ކަމަށެވެ.

ނަމަވެސް ރައީސް މައުމޫން މިވަގުތު އުޅުއްވަނީ އާލަސްކަންފުޅާ ކަމަށާއި އެމަނިކުފާނުގެ އާއިލާއަށް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެހެންކަމުން ކުޑަމިނުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފައިސަލް ކުރެއްވި ޓްވީޓް

އިދިކޮޅު ކެންޑިޑޭޓުގެ ރަނިން މޭޓު ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ފަރުވާ ދެވޭނެ އިންތިޒާމް ފަސޭހަ ކޮށްދެއްްވާ އާއިލާއާ ހަވާލުކޮށްދެއްވުމަށް ފައިސަލް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.