މިއީ ބައެއް އަންހެނުންނަށް ކިޔައިދޭން އެހާ ފަސޭހަ ވާހަކައެއް ނޫނެވެ. އަދި ބައެއް އަންހެނުން ކިޔައިދޭން ބޭނުންވާ ވާހަކައެއް ވެސް ނޫނެވެ. އެ ވާހަކައަކަށް އަނގަތަޅަން ބޭނުންވާ ވާހަކައެއް ވެސް ނޫނެވެ.
އެކަމަކު މިއީ ކޮންމެ އަންހެނެއްގެ ވެސް އެންމެ އާންމު ވާހަކަ އެވެ. އަދި އެންމެ ހިތްދަތި ވާހަކަ އަކީ ވެސް މިއީ އެވެ.
ޕީސީއޯޑީ ނުވަތަ ޕޮލިސިސްޓިކް އޯވޭރިއަން ޑިޒީޒް އެވެ. މިއީ އަންހެނުން ދަރިމައިވުމަށް ހުރަސް އަޅާ އެންމެ އާންމު މައްސަލަ ނުވަތަ ބައްޔެވެ. މި މައްސަލައާ އެކު އުޅެން ޖެހިފައިވާ އަންހެނަކަށް ދަރިން ލިބުމަކީ ފަސޭހަކަމެއް ނޫނެވެ.
މިއީ އަންހެން މީހާގެ ޕީރިއަޑް (މައްސަރުގެ ކަންތައް) އޮޅުންބޮޅުން އަރުވާލާ ބައްޔެކެވެ. މި މައްސަލަ ކުރިމަތިވެފައިވާ އަންހެނުންގެ އޯވަރީސްތަކުގައި ކުދި އެކަމަކު ބައިވަރު ސިސްޓްތަކެއް ނެގުމުގެ ސަބަބުން ޕީރިއަޑްގެ ސައިކަލް ހަރާބުވަނީ އެވެ.
މި ދެންނެވި ސިސްޓްތަކާ އެކު އޯވަރީސްތައް ފުފިގެންދާއިރު ޕީރިއަޑްގެ މައްސަލަތައް ދިމާވާން ފަށަނީ އެންޑްރޯޖެން އާއި އެސްޓްރޯޖެނިކް ނަމަކަށް ކިޔުނު ހޯމޯންސްތަކެއް އާދަޔާހިލާފު މިންވަރަކަށް އުފައްދަން ފެށުމުގެ ސަބަބުންނެވެ.
މިސާލަކަށް އެންޑްރޯޖެން ހޯމޯންސް އޯވަރީތަކުން އާދަޔާހިލާފު މިންވަރަކަށް އުފައްދަން ފެށުމަކީ އޮވިއުލޭޓްވުމުގެ ފުރުސަތު އެއްކޮށް ކަނޑުވާލަފާނެ ކަމެކެވެ. މިއީ އަސްލު ފިރިހެނުންގެ ސެކްސް ހޯމޯން އެކެވެ.
މާނަ އަކީ އަންހެނުންނަށް މުހިންމު އަދި އާންމުކޮށް އޯވަރީން އެހާ ގިނައިން އުފައްދާ ހޯމޯންއެއް ވެސް ނޫންކަމެވެ. މި ހޯމޯން އާދަޔާހިލާފަށް އުފައްދަން ފެށުމަކީ އަންހެން މީހާގެ އަތާއި މޫނާއި ހަށިގަނޑުގެ އެހެން ތަންތަނުގައި އާދަޔާހިލާފަށް އިސްތަށި ވެސް ފަޅައި އިތުރުވާ ކަމެކެވެ.
މި ހޯމޯންސްތަކަށް އަންނަ ބޮޑު ބަދަލާ އެކު އޮވިއުލޭޓްވުން ބައެއް އަންހެނުންނަށް ހުއްޓޭއިރު އަނެއް ބައި އަންހެނުންގެ ޕީރިއަޑް ބޮއްސުންލައިގެން ދިއުމަކީ ދެން ދިމާވާ މައްސަލަ އެވެ. މިސާލަކަށް އެތައް މަހެއް ފާއިތުވެގެންދާއިރު ވެސް ރަނގަޅަށް ޕީރިއަޑް ރަނވަޅުނުވާ އަންހެނުން މި މައްސަލަ ދިމާވެފައި ތިބެދާނެ އެވެ.
ޕީސީއޯޑީ އަށް ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްއޭ ވެސް ކިޔަ އެވެ.
ޕީރިއަޑްގެ ހަމަ ގެއްލި އޭގެ މައްސަލަ ވަރަށް ބޮޑު ނަމަ އެއީ ޕީސީއޯޑީގެ ސާފު އަލާމާތެކެވެ. އާންމުކޮށް ޕީރިއަޑްގެ މައްސަލަތައް ދިމާވުމާއި ވާއެއް ނުވާއެއް ނޭނގި ޕީރިއަޑްވުމާއި ޕީރިއަޑް ލަސްވެގެން ހޯމޯން ޓެބްލެޓްސް ނަގަން ޖެހުމަކީ ވެސް ޕީސީއޯޑީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ ނިޝާނެކެވެ.
މީގެ އިތުރުން ބޭރުފުށުން ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކުން ވެސް ޕީސީއޯޑީގެ ނުރައްކާ ދެނެގަނެވިދާނެ އެވެ.
އެގޮތުން މޫނާއި ހަށިގަނޑުގެ އެހެން ދިމަދިމާލުގައި އާދަޔާހިލާފަށް އިސްތަށި ފެޅުމާއި ފަލަވުމުގެ މައްސަލައާ ކުރިމަތިވުމަކީ ވެސް އަލާމާތެކެވެ.
ޕީސީއޯޑީއާ އެކު ދިރިއުޅެން ޖެހިފައިވާ ގިނަ އަންހެނުން ފަލަކޮށް ތިބުމަކީ އާންމު ކަމެކެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ޖެހެނީ ޕީރިއަޑްގެ މައްސަލަތައް ކުރިމަތިނުވާ މީހުންނަށް ވެސް މި މައްސަލަ ދިމާވެފައި ހުރެދާނެ ކަމެވެ. މިސާލަކަށް ގަވާއިދުން ޕީރިއަޑްވާ ބައެއް އަންހެނުންނަކީ އޮވިއުލޭޓްވާ ދުވަސްކޮޅު ވަރަށް ގިނަ ބިސް އުފައްދާ ބައެކެވެ. މިފަދަ އަންހެނުންގެ މި ސިފަ އަކީ އާންމުކޮށް ޕީސީއޯޑީ ހުންނަ އަންހެނުންގެ ފަރާތުން ފެންނަ މައްސަލަ އެކެވެ.
ނަމަވެސް މިއީ ވަރަށް ގިނަ ފަހަރަށް އަޅާނުލެވި ޑޮކްޓަރުން ވެސް ފަރުވާކުޑަކޮށްލާ ކަމެއް ކަމަށް ވެސް ފާހަގަކުރެވެ އެވެ.
އަލްޓްރާ ސައުންޑް ސްކޭނަކުން ޕީސީއޯޑީ ކަށަވަރުވާނީ އޯވަރީސްތައް ފުފިފައިވާ ނަމަ ނުވަތަ ދުޅަވެފައި ހުންނަ ކަހަލަ ސިފައެއް އެއަށް ލިބިފައިވާ ނަމަ އެވެ. އެއީ އާދަޔާހިލާފަށް ހޯމޯންސް އިތުރުވުމުގެ ސަބަބުން އޯވަރީ އަށް އަންނަ ބަދަލެކެވެ.
ޕީސީއޯޑީގެ ހާލަތުގައި ވަރަށް ގިނަ އަންހެނުން ފަލަވެ އެވެ. ފަލަކޮށް ތިބޭ އަންހެނުންނަށް ކުދިން ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާ ވާހަކަ އަކީ އާންމު ވާހަކަ އެކެވެ. އެގޮތަށް ފަލަކޮށް ތިބޭ ބައެއް އަންހެނުންނަށް ދިމާވާ މައްސަލަ އަކީ މިއީ އެވެ. ޕީސީއޯޑީގެ މައްސަލަ އެވެ.
މިކަމަށް ބޭހަކުން ކުރެވޭނެ މޮޅު ފަރުވާއެއް ނެތްއިރު ހިކުމަކީ އެންމެ މޮޅު ފަރުވާ އެވެ. ނަމަވެސް މިހެން ބުނެލަން ކިތަންމެ ފަސޭހަޔަސް ހިކުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫންކަން ތިޔަ އެންމެހައި ފަރާތްތަކަށް ވެސް އެނގޭނެ އެވެ.
ނަމަވެސް ހިކި، ދުޅަހެޔޮ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރުމަކީ ޕީސީއޯޑީގެ ނުރައްކަލުން އަރައިގަނެވިދާނެ ގޮތެކެވެ. އެކަމަކު ހިކޭށޭ ކިޔާފައި ހުސްބަނޑާ ނުހުންނައްޗެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
ހިކެން ޖެހޭނީ ކައިގެންނެވެ. ނުކައެއް ނޫނެވެ.
އެގޮތުން މި މަރުހަލާ ކުރިއަށް ގެންދާއިރު ކަސްރަތުކުރުން ވަރަށް މުހިންމެވެ. ހިނގަން ދިއުމާއި ދުވަން ދިއުމާއި ފަތަން ދިއުމަކީ ލިބިގަނެވިދާނެ އެރޮބިކް ކަސްރަތެވެ.
ހިކެން މަސައްކަތްކުރާއިރު ޕާޓުނަރެއް ހޯދުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެންމެ ބޮޑު ޕާޓުނަރަކަށް ވާނީ ޔަގީނަށް ވެސް ލޯބިވެރިޔާ އެވެ. ނުވަތަ ފިރިމީހާ އެވެ.
ހާއްސަ ފަރުވާއެއް ނެތަސް ހޯމޯން ލެވެލް ކޮންޓްރޯލްކުރުމަށް ބައެއް މީހުން ބޭސް ނަގަ އެވެ. އެގޮތުން އެންމެ މަޝްހޫރީ ކްލޮމިޑް ނަމަކަށް ކިޔާ ބޭހެކެވެ.
ނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ މިގޮތަށް ނަގާ ބޭސްތަކުން ވެސް މާބޮޑު އަސަރެއް ނުކުރަނީ އެވެ. މި މައްސަލަ ކުރިމަތިވެފައިވާ އަންހެނުންގެ ހަށިގަނޑު ހަކުރު ބަލީގެ އަންހެނުންގެ ހަށިގަނޑު މަސައްކަތްކުރާ ގޮތަށް މަސައްކަތްކުރާތީ އެވެ. މި ސަބަބާ ހެދި ކްލޮމިޑް ކަހަލަ ބޭސްތަކުން ވެސް ނަތީޖާއެއް ނުނެރެވެ އެވެ.
އެފަދަ ހާލަތްތަކުގައި ޑޮކްޓަރުން ހަކުރު ބައްޔާ ދެކޮޅު ބޭސްތަކުން ވެސް ފަރުވާދެ އެވެ.
މި ހުރިހާ މައްސަލަތަކެއްގެ ތެރެއިން ޕީސީއޯޑީގެ އަންހެނުންނަށް ދެން އޮންނަ ބިރަކީ ހަކުރު ބައްޔާއި ހިތުގެ ބަލީގެ ނުރައްކާ ބޮޑުވުމެވެ.