އިންޑަސްޓްރިއަލް ވިލެޖު ނުވަތަ ސިނާއީ އަވަށުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މާލޭގައި ޕާކިން ސިސްޓަމްތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމާ ހަވާލުވި ކުންފުނީގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބިގެން ބައެއް ލަސްތަކެއް ވެގެން ދިޔަ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުން އެކަން ކުރުމުގައި ކަންތައްކަތެއް ފުރިހަމަ ނުވެގެން ދިމާވާ މައްސަލައެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރާ ސްޕީޑަށް ވުރެއް ވެސް [ޕާކިން ސިސްޓަމް] މަޝްރޫއު ލަސްވެގެން ހިނގައްޖެ،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ޕާކިން މައްސަލަ ހައްލު ކުރުމަށް ރައީސް ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން އެ މަޝްރޫއުގެ ތެރެއިން އިންޑަސްޓްރިއަލް ވިލެޖުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް އަޅަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޓްރެފިކް އެފަދަ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ގަވާއިދުތަކަށް ރަގަނޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މާލޭގައި ހަދާ 3000 އަކަފޫޓަށް ވުރެ ބޮޑު ހުރިހާ އިމާރާތެއްގެ ދެ ފްލޯ ޕާކިންއަށް ހެދުމަށް މަޖުބޫރުވާ ކަމަށާއި އެއަށް ވުރެ ކުދި އިމާރާތްތަކުގައި ވެސް ޕާކިންއަށް ޖާގަ ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިކަންކަން ރަގަނޅު ކުރެވޭތޯ ރައީސް ޔާމީން މި މަސައްކަތް ކުރައްވަނީ، މިސާލަކަށް ބުނާނަމަ ރަސްފަންނު ކައިރީ ހަދަން ފަށާފައިވާ ހަތަރު ޓަވަރު މިއިން ކޮންމެ ޓަވަރެއްގެ ތެރޭގައި ހުންނާނެ ޕާކިން އަށް ހާއްސަ ކުރެވިފައިވާ ދެ ފްލޯއެއް، އަމިއްލަ ފަރާތްތަކުން ހަދާ އިމާރާތްތައް ވެސް ޖެހޭ ދެ ފްލޯ ޕާކިންއަށް ދޭން،" މުއިއްޒު ވިދާޅުވި އެވެ.