ހަބަރު

"ހިޔާ" މަޝްރޫއަށް ބޮޑު ތަރުހީބެއް، 11،000 ފޯމް ހުށަހަޅައިފި

ސަރުކަރުން ހިންގަ ބޯހިޔާވެހިކަމުގެ މަޝްރޫއު "ހިޔާ"އަށް ކުރިމަަތިލުމަށް ފޯމް ނެގި ފަރާތްތަކުގެ ތެރެއިން 11،000 އަށް ވުރެ ގިނަ މީހުން ހައުސިން މިނިސްޓްރީއަށް ފޯމް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ހޯދުމަށް 11،752 ފޯމް ލިބިފައިވާ ކަމަށެވެ. ހިޔާ މަޝްރޫއުގެ ތެރެއިން އަމަލީ މަސްއްކަތް ފެށިފައި ވަނީ 9000 އަކަށް ފްލެޓު ކަމަށާއި ނަމަވެސް މުޅި މަޝްރޫއުގައި ދޭނެ ފްލެޓުތަކުގެ އަދަދު 11،000 އަށް ވުރެ ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ސަރުކާރުން އެޅި ފްލެތުތަކުގެ ޖުމުލަ އަދަދު އެއްކޮށްލުމުން ވެސް މިހާތަނަށް އެންމެ ގިނައީ ރައީސް ޔާމީންގެ ސަރުކާރުން އަޅުއްވަމުން އަންނަ ފްލެޓުތައް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދާ އެ މަޝްރުއުގެ ތެރެއިން ފްލެޓު ހޯދުމަށް ފޯމް ދޫކުރަން ފެށީ މޭ ހަވަނަ ދުވަހު އެވެ. އެކްސްޕޯއެއް ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، 40،096 ފޯމް ވަނީ ނަގައިފަ އެވެ. ފޯމް ހުށަހެޅުން މި މަހުގެ ނިޔަަލަށް ކުރިޔަށް ދާނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ކުރިޔަށް ގެންދާ، ބޯހިޔާވެހިކަމުގެ ދެވަނަ މަޝްރޫއަކީ "ހިޔާ އެކޮމްޕްލިޝްޑް" އެވެ. އެއީ ވިލިމާލޭ 2 ތަރައްގީކޮށް އެ ރަށުން ބޮޑު ބައެއް ހިއްކައިގެން 300،000 މީހުން އާބާދު ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދުމަށް ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލައިފަ އެވެ.

މުއިއްޒު ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރު ހިޔާ އެކޮޕްލިޝްޑްގައި ބައިވެރިވުމަށް 6352 ފޯމް ދޫކޮށްފައިވާ ކަމަށެވެ. ފޯމް ބަލައިގަންނަން ފެށިފަހުން ދެ ދުވަސް ތެރޭގައި 1536 ފޯމް ލާފައިވާ ކަމަށް މުއިއްުޒު ވިދާޅުވި އެވެ.

"މި މަޝްރޫއަކީ އަމަލީ މަސައްކަތް ފެށިފައި އޮތް މަޝްރޫއަކަށް ނުވާ އިރު ވެސް މީގެން އެނގޭ އެއްޗަކީ ރައިސް ޔަމީން ކަމެއް ކުރަން އިއުލާން ކުރައްވައިފި ނަމަ އެކަމަކީ ޔަގީނުން ވެސް ކުރައްވާނެ ކަމެއްކަން ދިވެހި ރައްޔިތުން ކަށަވަރު ކުރާކަން މީގެން އެނގޭ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅާލައި ވިލިމާލެ ހިއްކައިގެން ތަރައްގީ ކުރާ ދެވަނަ ފޭސްގެ ދަށުން ކޮންމެ ޒުވާނަކަށް 1،000 އަކަފޫޓްގެ ކޯޗެއް ނޫނީ ފްލެޓެއް ފޯރުކޮށް ދިނުމަށެވެ. އޭރުން ބޯހިޔާވަހިކަން ނުލިބޭ ޒުވާނަކު ނުހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެ އެވެ. އެ މަޝްރޫއުގެ ދަށުން 300،000 މީހުން އާބާދު ކުރާނެ އެވެ.