އަންނަ ރިޔާސީ އިންތިހާބުގައި ދެވޭ ވޯޓަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ދެވޭ ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފި އެވެ. ޝަހީމް ވިދާޅުވި ގޮތުގައި މިނިވަންކަން ދެމެހެއްޓޭނެ ވެރިޔަކީ ރައީސް ޔާމީނެވެ.
ޝަހީމް މިހެން ވިދާޅުވީ، އަންނަ ސެކްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލައިފި ނަމަ، އިންޑިއާ ސިފައިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ރާޖަ ސަބާގެ ނުފޫޒު ގަދަ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމާ ގުޅިގެންނެވެ.
ރާއްޖެ ހިފަން ގޮވާލައި ސުބްރަމާނިއަން ޓްވީޓެއް ކުރެއްވީ މިދިޔަ ބުދަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާ އެކު އޭނާ ބޭއްވި ބައްދަލުވުމާ ގުޅޭ ހަބަރު ރިޓްވީޓް ކުރައްވަމުންނެވެ.
އެކަމާ ގުޅިގެން ޝަހީމް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީނަށް ވޯޓު ދޭން ޖެހެނީ ރާއްޖޭގެ މިނިވަން ކަމާއި އިސްލާމް ދީން ރާއްޖޭގައި ދެމެހެއްޓުމަށް ކަމަށެވެ. ޝަހީމްމ ވިދާޅުވި ގޮތުގައި ގައުމު ދެކެ ލޯބިވާ ބަޔަކު ގައުމު އަޅުވެތިކުރުމަށް ނުގޮވާނެ އެވެ.
"ސެޕްޓެމްބަރު 23 ގެ ނިންމުން ވާންޖެހޭނީ މިނިވަންކަން ދަމަހައްޓަން ދެވޭ ވޯޓަކަށް، އެކަން ކުރެވޭނެ ވެރިޔަކީ ރައީސް ޔާމީން،" ޝަހީމް ވިދާޅުވި އެވެ.
އެކަން ކުށްވެރިކުރައްވައި މިހާތަނަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަދި އެމްޑީޕީއިން އެއްޗެއް ވިދާޅެއް ނުވެ އެވެ. އެ ޓްވީޓާ ގުޅިގެން އިދިކޮޅު އިއްތިހާދުގެ ބޭފުޅުންގެ ތެރެއިން އެކަން ކުށްވެރި ކުރެއްވީ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަތައް ކުށްވެރި ކުރައްވާ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. މީގެ އިތުރަށް ޕީޕީއެމް އާއި ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންނާއި އަދ އާންމުންގެ ތެރެއިން އެކި ފަރާތްތަކުން އަންނަނީ، ސުބްރަމާނިއަންގެ އެ ވާހަކަ ކުށްވެރި ކުރައްވަމުންނެވެ.