ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ބޭރުގެ ވަފުދުތަކާ ބައްދަލު ކުރާ އިރު އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ ނުހިމަނާކަން ހާމަވެއްޖެ އެވެ.
ޕީޕީއެމް އާއި އެމްޑީއޭގެ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅިގެން އެމްޑީއޭގެ ލީޑަރު އަދި ނައިބު ލީޑަރުގެ ފަރާތުން ވެސް ރައީސް އަބްދުﷲ އެންޑޯޒްކޮށް މީޑިއާގައި ވާހަކަދައްކާފައެއް ނުވެ އެވެ.
އެގޮތުން ފަހަކަށް އައިސް ރާއްޖެ ވަޑައިގެން ބޭރުގެ ވަފުދުތަކާ ބައްދަލު ކުރަނީ ޕީޕީއެމް އާއި ޑީއާރްޕީ އެކުގަ އެވެ. މީގެ ކުރިން އެމްޑީއޭ ވެސް ބައިވެރިކުރި ނަމަވެސް މި ފަހުން އެފަދަ ބައްދަލުުންތަކުން އެމްޑީއޭއެއް ނުފެނެ އެވެ. އެ ބައްދަލުވުންތަކުގައި އެމްޑީއޭއެއް ބައިވެރިއެއް ނުވެ އެވެ. އެމްޑީއޭއިން ވަފުދުތަކާ ބައްދަލު ކުރަނީ ވަކިންނެވެ. -- މީގެ ކުރިން އެ ތިން ޕާޓީގެ މެންބަރުން ވެސް ބައްދަލު ކުރާނީ އެކުގަ އެވެ.
ރިޔާސީ އިންތިހާބު މަރުހަލާ ކުރިޔަށްދާ ގޮތް ބެލުމަށް މިހާރު ރާއްޖެވަޑައިގަތް އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ މެންބަރުންތަކަކާ ސަރުކާރު ތަމްސީލް ކުރާ ޕާޓީތަކުގެ ފަރާތުން ވެސް ބައްދަލު ކުރީ ޕީޕީއެމް އަދި ޑީއާރްޕީ އެކަންޏެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ވަފުދާއެކު ޑީއާރްޕީ އަދި ޕީޕީއެމް އިން ބައްދަލުކޮށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އޭގެ ކުރިން މި މަހު ނުވަ ވަނަ ދުވަހު އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާއާ ވެސް ސަރުކާރު ފަރާތުން ބައްދަލު ކުރީ ޑީއާރްޕީ އަދި ޕީޕީއެމް އެކަންޏެވެ. އެ ވަފުދާ އެމްޑީއޭ އިން ވަކިން ބައްދަލު ކުރި އެވެ. ޕީޕީއެމްގެ ބައްދަލުވުމުގައި ޕީޕީއެމްގެ އެސްޖީ އަބްދުﷲ ހަލީލް އާއި ނިހާން އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ބައިވެރިވި އެވެ. އަދި ޑީއާރްޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު އެވެ.
އެމްޑީއޭ ވަރަށް ބޮޑަށް ހިމޭންވެފައިވާއިރު އެކަމާ ބެހޭ ގޮތުން އެ ޕާޓީގެ އިސް ބޭފުޅެއްގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ޕީޕީއެމް އާއި ރައީސް ޔާމީން ވެސް ދާދި ފަހުން ވަނީ ދެ ޕާޓީ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.