ހަބަރު

އިންޑިޔާއިން ރާއްޖެ ހިފާ ވާހަކަ އަދާލަތުން ވެސް ކުށްވެރިކޮށްފި

އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ބީޖޭޕީގެ މެންބަރު، ސުބްރަމާނިއަން ސުވާމީ ވިދާޅުވި ވާހަކަ އިދިކޮޅު އަދާލަތު ޕާޓީ އިން ކުށްވެރިކޮށްފި އެވެ.

ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެންބަރު، އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި، ސުބްރަމާނިއަން ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ އަރައި ހިފަން ޖެހޭ ކަމަށެވެ.

އެކަން ކުއްވެރި ކުރައްވަމުން އަދާލަތު ޕާޓީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ އިސްތިއުމާރުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި ރާއްޖެ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށެވެ.

"...މި ފަރުދީ ގޮވާލުމަކީ އިންޑިޔާގެ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނާމެދު ދެކޭ ގާތް އަވަށްޓެރިކަމުގެ ނަޒަރާ ހިލާފު ގޮވާލުމެއްކަމަށްވެސް އަދާލަތު ޕާޓީން ދެކެމެވެ, އިންޑިޔާ އަކީ ދިވެހިރާއްޖެއާ އެންމެ އަވަށްޓެރި ގައުމު ކަމަށްވާހިނދު ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިޔާއިން ނުކުރާނެކަން އިންޑިޔާގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަތަނުގައި ސާބިތުކޮށްދީފައިވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ," އަދާލަތުން ބުންޏެވެ.

އަދާލަތުން އިތުރަށް ބުނީ އިންޑިޔާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުމާއި ސުލްހަ ގާއުމުކުރުމަށް އޮތް މަގަކީ ރާއްޖެއާ ދެމެދު ގާތް ގުޅުމެއް ބޭއްވުން ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު އެއްވެސް އަމާޒެއްނެތި ބައްޓަންކުރަމުންދާ ގޮތުން އެ އަސާސްއާ ދުރަށްދާ ކަމަށެވެ.

ހެޔޮލަފާ ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށް މިނިވަން ޑިމޮކްރެޓިކް މާހާއުލެއް ގާއިމް ކުރުމަށް އިންޑިޔާގެ އެހީތެރިކަން ދިވެހިންނަށް އެކިގޮތްގޮތުން ބޭނުންވާ ކަމަށާއި ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކޮށް ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި އިންޑިޔާއިން އަދާކުރާ އިސްދައުރު ބަލައިގަންނަ ކަމަށް ވެސް އަދާލަތުން ބުންޏެވެ.