ހަބަރު

ރައީސް މައުމޫންގެ ހާލުކޮޅާ މެދު ސަރުކާރުން ހަދަނީ ދޮގު: ވަކީލުން

Aug 25, 2018
4

ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެމަނިކުފާނަށް އެންމެ އެކަށީގެންވާ ފަރުވާދޭ ކަމަށް ސަރުކާރުން ބުނާ ވާހަކަތައް ރައީސް މައުމޫންގެ ވަކީލުން މިއަދު އަނެއްކާ ވެސް ދޮގު ކުރައްވައިފި އެވެ.

ރައީސް މައުމޫން ދޫނިދޫއަށް ބަދަލު ކުރެއްވީ އާއިލާ އިން އެދިގެން ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ސަރުކާރުގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވި ވާހަކައަށް އިޝާރަތް ކުރަައްވާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ އާއިލާ އިން އެފަދަ ކަމެއް އެދިގެން ސަރުކާރުންކޮށްދީފި ނަމަ އެމަނިކުފާނު ހުންނަވާނީ ދޫނިދޫގައި ކަމަށާއި ނަމަވެސް ރައީސް މައުމޫން ހުންނެވީ މާފުށީގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ބުނެ އެ އޮފިޝަލު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ސަރުކާރުގެ އޮފިޝަލަކީ ޑޮކްޓަރެއްތޯ، އެހެންވެއްޖެއާ ކުރިޔަށް ޑޮކްޓަރު .ލާފައި ނަން ހާމަ ކުރައްވާ، ޑޮކްޓަރުން އެބަ ވިދާޅުވޭ ރައީސް މައުމޫން ސިއްހީ ހާލަތު ރަނގަޅެއް ނޫނޭ، ރައީސް މައުމޫން ގިނިކަންޏާ ތަނެއްގައި ހުންނެވުމަކީ އެމަނިކުފާނު ފުރާނަފުޅަށް ނުރައްކާވާނެ ކަމެއް ކަމަށް ޑޮކްޓަރު އެބަވޭ ލަފާދެއްވާފައި،" ފައިސަލް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައީސް މައުމޫންގެ ހާލުކޮޅު ދެރަވެފައި ވަނީ އެމަނިކުފާނުގެ އާލާސްކަންފުޅުގައި ހަ ވަނަ ފަހަރަށް އެޓޭކެއް އެމަނިކުފާނަށް ޖެހިވަޑައިގަތުމުން ކަމަށެވެ. ރައީސް މައުމޫންގެ އާލާސްކަންފުޅާ ބެހޭ ގޮތުން ޑޮކްޓަރުން ލަފާތަކާއި އިރުޝާދުތައް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެ ފަރާތްތަކުން އެމަނިކުފާނާ މެދު އިހުމާލުވަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ހާލުކޮޅު ދެރަވެފައިވަތީ ރައީސް މައުމޫން އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންދަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި ނަމަވެސް ކަރެކްޝަނުން އީއެންޓީ ސްޕެޝަލިސްޓަކު ޖަލަށް ފޮނުވައިގެން އެމަނިކުފާނުގެ ހާލު ބެއްލެވި ކަމަށެވެ. އަދި އެ ޑޮކްޓަރު ވެސް ލަފާ ދެއްވީ 48 ގަޑިއިރުވަންދެއް ރައީސް މައުމޫން އޮބްޒަވޭޝަންގައި ބޭއްވުމަށް ކަމަށާއި ނަމަވެސް ކަރެކްޝަނުން އަމަލު ކުރެއްވީ އޭގެ އިދިކޮޅަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެ 48 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނުގެ ގުޑުވާ ކަންކަން ކުރުވުމަކީ ކަނޑައެޅިގެން އެމަނިކުފާނުގެ ފުރާނަފުޅަށސް ނުރައްކާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން އޮތީ ފާހަގަ ކުރައްވާފައި، އެ 48 ގަޑިއިރުގެ ތެރޭގައި އެއްވެސް ކަހަލަ ހަރަކާތެއްކޮށްގެން ނުވާނެ ކަމަށް ވިދާޅުވީ، އަވަހާރަފުޅު ލައްޕަވާއިރު ވަކި ގޮތަކަށް ވަކި ފަޅިއަކަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވަނީ، އެ ހުރިހާ ކަމެއް އޮއްވާ ކަރެކްޝަނުން އަމަލު ކުރި ގޮތަކީ 48 ގަޑިއިރު ނުވަނީސް ކަނޑުދަތުރުކޮށްފައި ދޫނިދޫއަށް ގެންދެވީ،" ފައިސަލް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމެއް މިއީ ހަމަ ސީދާ ކަރެކްޝަނުން ހިންގި ޓޯޗާގެ އަމަލެއް،"

ވަކީލު މަހަފޫޒް ސައީދު ވިދާޅުވީ ރައީސް މަައުމޫންގެ ފަރާތުން މިހަތަނަށް ކަމާ ބެހޭ ފަރާތްތަކަށް 55 ސިޓީ ފޮނުވާފައިވާ ކަމަށާއި އެގޮތުން ފުލުހުންނަށާއި ކްރިމިނަލް ކޯޓަށާއި އެޗްއާރްސީއެމްއަށް އަދި ހޯމް މިނިސްޓްރީއަށާއިޕީޖީއަށް ވެސް ސީޓީ ފޮނުޥާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް މަހަފޫޒް ވިދާޅުވި އެވެ.

"އަވަސް"އާ ރޭ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު މައުމޫންގެ އަރިހަށް ޑޮކްޓަރުން ގެންދިޔައީ އެކަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެއީ އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެގެން ކުރިކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ދަށްނުވާ ކަމަށާއި ދޫނިދޫއަށް ބަދަލު ކުރެއްވީ، އެ ޑޮކްޓަރުންގެ ލަފާގެ މަތިން މައުމޫން ކުރައްވަން ޖެހިވަޑައިގަތް ބައެއް ކަސްރަތުތައް ކުރެއްވުމަށް އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފަސޭހަފުޅުވާނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އެހެން ނަމަވެސް، އެކަމަކީ މައުމޫންއަށް އިހުމާލުވުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް ވަކީލުން އާންމުކޮށް މީޑިއާގައި ވިދާޅުވުމުން އެ ނިންމުން ބަދަލު ކުރަން ކަރެކްޝަންސް އިން ނިންމީ ކަމަށް ވެސް އޮފިޝަލް ރޭ ވިދާޅުވި އެވެ. އަދި މައުމޫންގެ ބޭސްފަރުވާގެ ކަންކަން ބަރާބަރަށް އިހުމާލު ވުމެއް ނެތި ކުރާ ކަމަށް ކަރެކްޝަންސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވެސް ބުނެފައިވެ އެވެ.