ކުޅިވަރު

ވެލަޑޮލިޑުން ބާސާއަށް އުނދަގޫ މޮޅެއް، ބަހަނާއަކަށް ދަނޑު

ސްޕެނިޝް ލީގްގައި މުޅިން އަލަށް ވާދަ ކުރާ ރެއާލް ވެލަޑޮލިޑު އަތުން ޗެމްޕިއަން ބާސެލޯނާ އަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ. ބާސާ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

މެޗުގައި ބާސާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވެލަޑޮލިޑްގެ ދަނޑު އޮތް ހާލަތެވެ. ބާސާއިން ބުނީ އެ ދަނޑު އޮތް ހާލަތުގެ ޝަކުވާ ލަލީގާއަށް ހުށަހަޅާނެ ކަމަށެވެ.

ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނީ ދަނޑުގެ އޮތް ހާލަތުން މުޅި މެޗަށް އޭގެ އަސަރު ކުރި ކަމަށެވެ. ބާސާގެ ޑިފެންސިވް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނީ ދަނޑަށް ސްޕެނިސް ލީގުން އިސްކަން ދޭނެ ކަމަށެވެ.

ލަލީގާގެ ސީއޯ ހާވީއޭ ޓެބްސް ވަނީ ވެލަޑޮލިޑްގެ ދަނޑުގެ މައްސަލަ ތަހްގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

މެޗުގައި ބާސާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މިސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި އުސްމާން ޑެމްބެލޭ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 57 ވަނަ މިނެޓްގަ އެވެ.

މެޗުގެ ފަހު ކޮޅު ވެލަޑޮލިޑުން ވެސް ލަނޑެއް ޖާހަފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ދެއްކީ އެ ލަނޑު ޖެހުމުގެ ކުރިން ވެލަޑޮލިޑްގެ ކުޅުންތެރިން އޮފްސައިޑް ވެފައިވާ ކަމަށެވެ.